29 އޭޕްރީލް 2023 - 10:34 0
ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސްގެ ރިޒޭ (ކ) އާއި ކޮކީ (މ) ކައިރިން މާޒިޔާގެ ހަންނަ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
29 އޭޕްރީލް 2023 - 10:34 0
މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކްލަބް އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުރިން ޝެޑިއުލްކޮށްފައި އޮތީ މާދަމާރޭ ކުޅޭ ގޮތަށެވެ. އެކަމަކު، އެފްއޭއެމް އިން ރޭ މީޑިއާ އަށް އަންގާފައިވަނީ ފައިނަލް މެޗު އަންގާރަ ދުވަހު (މެއި 2) ގައި ކުޅެން ނިންމާފައިވާ ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅޭ ތާރީހަށް ބަދަލު ގެނައި ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ބައިވެރިވެވަޑައިގެންނެވޭ ތާރީހެއްގައި ކުޅުމުގެ ގޮތުން ކަަމަށެވެ.
އެންމެ ފަހުން ރައީސެއް ބައިވެރިވެވަޑައިގެން، މެޗު ޝަރަފްވެރިކޮށްދެއްވައި، ޕްރެޒިޑެންޓްސް ކަޕް ފައިނަލެއް ކުޅެފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު، ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދި އީގަލްސް ޓީމާ ތަށި ހަވާލުކޮށްދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.
އޭގެ ފަހުން، 2017 އާއި 2022 ގައި ޕްރެޒިޑެންޓްސް ކަޕް ކުޅުނުއިރު، ބައިވެރިވެވަޑައިގެންނެވީ ކުޅިވަރާ ބެހޭ ވުޒާރާ އާއި ސަރުކާރުގެ އިސް ފަރާތްތަކެވެ. މިދިޔަ އަހަރު، ރ. އަލިފުށީ ޓާފް ދަނޑުގައި މާޒިޔާ އާއި ކްލަބް ވެލެންސިއާ ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ނައިބު ރައީސް ފައިސަލް ނަސީމް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވި އެވެ.
މިއީ މާޒިޔާ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މާޒިޔާ ވަނީ 2013 އާއި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ބަލިވެފަ އެވެ، އަނެއްކޮޅުން، މިއީ އީގަލްސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭ ތިން ވަނަ ފަހަރެވެ. އީގަލްސް 2014 ވަނަ އަހަރުގެ ފައިނަލުން ބަލިވި ނަމަވެސް އޭގެ ދެ އަހަރު ފަހުން ވަނީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
މި ސީޒަނުގައި އީގަލްސް އާއި މާޒިޔާގެ ކުރިމަތިލުމެއް ވަނީ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ފެނިފަ އެވެ. އެ މެޗުގައި މާޒިޔާ އިން ވަނީ 2-1 އިން އީގަލްސް ބަލިކޮށްފަ އެވެ.
Comment