Advertisement

ދެކުނުގެ މަސްވެރިކަން ހިމާޔަތްކުރަން ވަކި މައްސަލައެއް ރާއްޖެއަށް ހުށަހެޅޭނެ: ވަކީލުން

28 އޭޕްރީލް 2023 - 19:56 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ދެކުނުގެ މަސްވެރިކަން ހިމާޔަތްކުރަން ވަކި މައްސަލައެއް ރާއްޖެއަށް ހުށަހެޅޭނެ: ވަކީލުން

28 އޭޕްރީލް 2023 - 19:56 0

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިއަދު އިން ކަނޑައެޅުމާއެކު، ހާއްސަކޮށް ދެކުނުގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

އެކަމަކު މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި އިޓްލޮސްއިން މިއަދު ވަނީ 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށް އިން ކަނޑައަޅައިފަ އެވެ.

ރާއްޖެއަށް ބޮޑުބައެއް ލިބުން ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރި ނަމަވެސް، އިން ކަނޑަނާޅާ އޮތް އިރު، ދެކުނުގައި ކުރިން މަސްވެރިކަން ކުރެވޭނެ 45،000 އަކަކިލޯމީޓަރެއް ވުރެ ބޮޑު ސަރަހައްދެއް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އިނގިރޭސިންގެ ދަށުގައި މިވަގުތު އޮތް ޗާގޯސް ޖަޒީރާގެ ކަނޑުގެ ސަރަހައްދަކީ މިހާރު ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެކަމަކު ދެން ދާ އަޅައިގެން މަސްވެރިކަން ކުރުމުގައި މަޝްހޫރު މޮރިޝަސްގެ ސިޔާދަތީ ބާރު އެ ސަރަހައްދަށް ހިނގާނެތީ، ރާއްޖޭގެ ދެކުނުގެ މަސްވެރިކަމަށް އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.

އެ ކަންބޮޑުވުން އިޓްލޮސްގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ރާއްޖޭން ފާހަގަނުކުރީ ކީއްވެތޯ އެ މައްސަލާގައި ރާއްޖެ ތަމްސީލުކުރި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެ ޓީމު ލީޑުކުރެއްވި ޕްރޮފެސާ ޕަޔަން އަހަވަން ވިދާޅުވީ މަސްވެރިކަން ރައްކާތެރިކުރުމަކީ މި މައްސަލައިގެ ތެރޭގައި ހިމެނުނު ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ އިގުތިސޯދަށާއި ހާއްސަކޮށް ދިވެހި މަސްވެރިކަމަށް ޗާގޯސް ޖަޒީރާގެ މުހިންމުކަން އެ އަޑުއެހުންތަކުގައި ފާހަގަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ފާހަގަކުރުމުން މޮރިޝަސް އިން ޔަގީންކަން ދިން އެ ސަރަހައްދަކީ ހިމާޔަތްކޮށްފައި އޮތް ސަރަހައްދެއްގެ ގޮތުގައި ދަމަހައްޓާނެ ކަމަށް،" އަހަވަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ދޭދޭ ގައުމުތަކުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ވެސް ހައްލުކުރެވޭނެ ކަމަށެވެ.

މޮރިޝަސް އާއެކު އެފަދަ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ބައިނަލްއަގުވާމީ ކަނޑުތަކުގެ ގާނޫނުތަކުގެ ދަށުން އެ މައްސަލަ ރާއްޖެއަށް ވަކިން ވެސް ހުށަހެޅޭނެ ކަން އަހަވަން ފާހަގަކުރެއްވި އެވެ.

"ބައިލެޓަރަލް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރާއްޖޭގެ މަސްވެރިކަން ހިމާޔަތްކުރަން ދަ އިންޓަނޭޝަނަލް ޓްރައިބިޔުނަލް ފޮ ދަ ލޯ އޮފް ދަ ސީ އަށް [ރާއްޖޭން] ވަކި މައްސަލައެއް ހުށަހެޅޭނެ،" އޭނާ ވިދާޅުވި އެވެ.