Advertisement

ބުރު ބަލިކޮށް އީގަލްސް ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް

27 އޭޕްރީލް 2023 - 18:56 0

އީގަލްސްގެ ރިޒޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ބުރު ބަލިކޮށް އީގަލްސް ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް

27 އޭޕްރީލް 2023 - 18:56 0

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަަމަ ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ބުރު ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ކްލަބް އީގަލްސް އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ގޮތަށް މި ވަގުތު ނިންމާފައި އޮތް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އީގަލްސް އިން ކުޅޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މެޗުންނެވެ.

މިއީ، އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭނެ ތިން ވަނަ ފަހަރެވެ. އެ ގޮތުން އީގަލްސް އިން ވަނީ 2014 ވަނަ އަހަރުގެ ފައިނަލުގައި ނިއު ރޭޑިއަންޓް އަތުން 1-0 އިން ބަލިވެފަ އެވެ. ދެ ވަނަ ފަހަރަށް އީގަލްސް އިން ކުޅުނީ 2016 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު، ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުުޅުނުއިރު، ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދި އެވެ.

އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މި ކުޅެނީ ހަތް އަހަރަށް ފަހު އެވެ. ތިން ފައިނަލުގައި ވެސް އީގަލްސްގެ ބެންޗުގައި ހުރީ ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، ދެ ޓީމުން ވެސް ފާހަގަކުރި އެއް ކަަމަކީ ހަ ރޯދަ ހިފައިގެން ތިބެ ކުޅެން ޖެހޭތީ ގިނަ ކުޅުންތެރިންނަށް ވަރުބަލިވުމުގެ މައްސަލަތައް ފެންނާނެ ކަމުގެ ޝަކުވާ އެވެ. އެކަން މެޗު ފަށައިގެން ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔަ އެވެ.

ބުރުގެ ފުރަތަމަ އެގާރަ އަށް ބަލާއިރު، އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުުޅުނު މުހައްމަދު ނާއިމް އާއި ގޯލުގައި ހުރި ޝައިހާން އަލީ އަކީ މިދިޔަ ސީޒަނުގައި އީގަލްސް އަށް ކުޅުނު ކުޅުންތެރިންނެވެ.

އީގަލްސް އިން މި މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ބޮލުން ޖެހި ގޯލުންނެވެ. މިއީ އީގަލްސްގެ ބްރެޒިިލް ފޯވާޑް، އިވާން ކާލޯސް ނެގި ހުރަަހަކަށް އަރައި ބޮލުން ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ރިޒޭ ޖެހި ގޯލެކެވެ.

ކައުންޓަ އެޓޭކުގައި ބުރުގެ ކުޅުންތެރިންނަށް ވެސް ރަނގަޅު އެޓޭކްތަކެއް އުފައްދަން ފުރުސަތު ލިބުނު މި މެޗުގައި އެ ޓީމުގެ މުހައްމަދު ތަޝްމީން (ތައްތި) އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ލީޑުފުޅާކުރަން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އީގަލްސްގެ ކުުޅުންތެރިންނަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އެ ޓީމުގެ އިސްމާއިލް އީސަ (މެސީ) އަށް ދީގެން ޖަހަން މަސައްކަތް ކުރި ބޯޅަ، އެ ޓީމުގެ ރިޒޭ އަށް ޖައްސައިގެން ގޯލަށް ޖެހެން އޮތެވެ. ފޭދޫ އިއްބެ ދިން ބޯޅަ އީސަ ފޮނުވާލުމުން ވަނީ ބްލޮކްވެފަ އެވެ.

ބުރުން ދެ ވަނަ ހާފް ފެށީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ. އެ ގޮތުން، މި ހާފު ފެށިގެން ފަސް މިނިޓް ހިނގިތަނާ ބުރަށް ވަނީ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ހާފުގެ . މެދެއްހާ ހިސާބުން ތައްތި މަތިން އީގަލްސްގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަކަށް އަރައި ބުރުގެ ނާއިމް އެއް ފަހަރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އީގަލްސްގެ ރިޒޭ މެޗުގެ 56 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ޖެހި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އީގަލްސްގެ އިވާން ކާލޯސް އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ޝައިހާން ވަނީ މަތަކޮށްފަ އެވެ. އޭގެ ދިހަ މިނިޓް ފަހުން ފޭދޫ އިއްބެ ނެގި ކޯނަރަކަށް ފުންމައިގެން އަރައި، އިވާން ކާލޯސް ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ބުރުން މެޗުގައި ފޮނުވާލި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ 75 ވަނަ މިނިޓްގަ އެވެ. ހާފުގެ މެދެއްހާ ހިސާބުން ތައްތި ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތް މިނިޓް ފަހުން، ބުރުން ވަނީ ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 82 ވަނަ މިނިޓްގައި، ބުރުގެ އަހުމަދު ރަޝީދު (އައްމަޑޭ) އަށް އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ކުރި ފައުލަކަށް ދިން ޕެނަލްޓީ ތައްތި ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ބުރުން ނަތީޖާ ހަމަހަމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭ އީގަލްސްގެ ޒައިން ޒަފަރު އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އެއް ފުރުސަތުގައި އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު ޝައިހާން ވަނީ މަތަކޮށްފަ އެވެ.

އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި އީގަލްސްގެ ރިޒޭ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ ވެސް ކީޕަރު ޝައިހާން ވަނީ މަތަކޮށްފަ އެވެ.

ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ކުޅުން ފެށިގެން، މާގިނައިރެއްނުވެ އީގަލްސް އިން ގޯލު ޖެހި އެވެ. މިއީ އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އޭރިއާބޭރުން ޖެހި ޝޮޓެއް ގޯލުގެ ދަނޑީގައި ޖެހިފައި އައި ވަގުތު ޒައިން ގޯލަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެކެވެ.