Advertisement

ޔުވެންޓަސް ކަޓުވާލައި އިންޓަ އިން ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދައިފި

27 އޭޕްރީލް 2023 - 06:15 0

އިންޓަގެ ޑި މާކޯ (ކ) އަތުން ބޯޅަ ހޯދަން ޔުވެންޓަސްގެ މިރޭޓީ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޔުވެންޓަސް ކަޓުވާލައި އިންޓަ އިން ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދައިފި

27 އޭޕްރީލް 2023 - 06:15 0

މިލާން (އޭޕްރީލް 27) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ 1-0 އިން މޮޅުވެ، އިންޓަ މިލާނުން ޔުވެންޓަސް ކަޓުވާލައި ފައިނަލަށް ދަތުރުކޮށް، މުބާރާތުގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދައިފި އެވެ.

މި މަހު ކުރީކޮޅު ޔުވެންޓަސް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންވެ، ރޭ މިލާން ދަނޑުގައި ކުޅުނު މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ފަހިކޮށެވެ.

އިންޓަ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 15 ވަނަ މިނިޓްގަ އެވެ. ނިކޯލޯ ބަރޭލާ ދިން ބޯޅަ އަކަށް ހުސްކޮށް އަރައި، ފެޑެރީކޯ ޑި މާކޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފަސް ވަނަ ގޯލެވެ.

މި މެޗުގައި އިންޓަ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ދެ ވަނަ ހާފުގައި ލަޓާރޯ މާޓީނޭޒް އާއި ހެންރިކް މިކިތާރްޔަން އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ގޮތުން އިންޓަގެ ފުލްބެކް، ޑެންޒެލް ޑަމްފްރީސް ނެގި ހުރަހަކަށް އެރި މާޓީނޭޒް ފައިގައި ބޯޅަ ނުޖެހި ދިޔައިރު، މިކިތާރްޔަން ޖެހި ބޯޅަ ޔުވެންޓަސްގެ ކީޕަރު މަޓީއާ ޕެރިން ވަނީ މަތަކޮށްފަ އެވެ.

"ދެ ލެގަށް ބަލާއިރު، އަަހަރެންގެ ޓީމު (އިންޓަ މިލާން) ފައިނަލަށް ދިއުން ހައްގު. ސީޒަނުގައި އަދި 10 ވަރަކަށް މެޗު އެބައޮތް. އަހަރެންގެ އުންމީދަކީ އަދި އެއް ފައިނަލް ކުޅެލަން ލިބުން،" އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުންޏެވެ.

އިންޓަ އިން މި މަހު 24 ވަނަ ދުވަހު ކުޅޭ އިންޓާލިއަން ކަޕް ފައިނަލުގައި ތަށި ދިފާއުކުރަން ނުކުންނާނީ ކްރެމޮނެސޭ ނޫނީ ފިއޮރެންޓީނާއާ ދެކޮޅަށެވެ. ފިއޮރެންޓީނާ ވަނީ ފުރަތަމަ ލެގުން 2-0 އިން މޮޅުވެފަ އެވެ.

އިޓާލިއަން ލީގުގައި އެންމެ އެކަށީގެންވާ ހިސާބެއްގައި ނެތް ކަމުގައި ވިޔަސް، އިންޓަ އިން އަންނަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަވެރި އޭސީ މިލާނާ ކުޅެން ވެސް ތައްޔާރުވަމުންނެވެ. މިއީ، 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފަހުން އެ ޓީމުން ސެމީ ފައިނަލަށް ވެސް ދަތުރުކުރި ފުރަތަމަ ފަހަރެވެ.