Advertisement

ޗެޓްޖީޕީޓީ އަށް "އިންކޮގްނިޓޯ މޯޑް" ތައާރަފުކޮށްފި

26 އޭޕްރީލް 2023 - 19:50 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ޗެޓްޖީޕީޓީ އަށް "އިންކޮގްނިޓޯ މޯޑް" ތައާރަފުކޮށްފި

26 އޭޕްރީލް 2023 - 19:50 0

މަޝްހޫރު ޗެޓްބޮޓް ޗެޓްޖީޕީޓީ އަށް "އިންކޮގްނިޓޯ މޯޑް" ތައާރަފުކޮށްފި އެވެ.

ސެން ފްރެންސިސްކޯގައި ހުންނަ އޭއައި ރިސާޗް ލެބް އޯޕަންއޭއައި އިން ބުނެފައިވަނީ މި މޯޑުގައި ޔޫޒަރުން ދައްކާ ވާހަކަތައް ރައްކާ ނުކުރާނެ ކަމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ވެސް އެ މައުލޫމާތު ބޭނުން ނުކުރާނެ ކަމަށެވެ.

މިއީ ޑޭޓާ ބޭނުންކުރުމުގައި ޔޫޒަރުން "ޑްރައިވަރުގެ ގޮނޑިއަށް" ލުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ބައެއް ކަމަށް އޯޕަންއޭއައި އިން ވަނީ ބުނެފަ އެވެ. ނަމަވެސް ވާހަކަތައް ދާއިމީ ގޮތެއްގައި ޑިލީޓް ކޮށްލުމުގެ ކުރިން މޮނިޓާ ކުރުމަށް 30 ދުވަސް ވަންދެން ބަހައްޓާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ. މިއީ ގަވާއިދާއި ހިލާފު ކަމެއް އޭގައި ހިމެނޭތޯ ބެލުމަށެވެ.

ޗެޓްޖީޕީޓީއިން މިފަދަ ފީޗާއެއް ތައާރަފު ކޮށްފައިވާއިރު، ޗެޓްބޮޓްތަކުން ޔޫޒަރުންގެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ޕްރައިވެސީގެ މިފަދަ ކަންބޮޑުވުންތަކަކާއި ހެދި އިޓަލީން މިދިޔަ މަހު ވަނީ ޗެޓްޖީޕީޓީ ބޭނުންކުރުން މަނާ ވެސް ކޮށްފަ އެވެ.

ޗެޓްޖީޕީޓީގެ ހިދުމަތް ދެން ލިބޭނީ ޔޫޒަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުންކަމަށް އިޓަލީ އިންވަނީ ބުނެފަ އެވެ. އިޓަލީގެ އިތުރުން ފްރާންސް އާއި ސްޕެއިން އިން ވެސް ވަނީ އެ ހިދުމަތާ ގުޅޭ ތަހުގީގުތަކެއް ފަށާފަ އެވެ.

އޯޕަންއޭއައި އިން ބުނެފައިވަނީ އާ ފީޗާއަކީ އިޓަލީގައި ޗެޓްޖީޕީޓީ މަނާކުރުމުގެ ސީދާ ނަތީޖާއެއް ނޫން ކަމަށެވެ. ނަމަވެސް, އެއީ ޔޫޒަރުންގެ ޕްރައިވެސީއަށް އިސްކަންދިނުމަށް މަސްތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެ ކުންފުނިން ޔޫރަޕްގެ ޕްރައިވެސީ ގާނޫނަށް ތަބާވާ ކަމަށާއި ރެގިއުލޭޓަރުންނަށް ޔަގީންކަން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އިންކޮގްނިޓޯ މޯޑްގެ އިތުރުން އޯޕަންއޭއައި އިން ވަނީ އިތުރު ޑޭޓާ ކޮންޓްރޯލްތައް ލިބޭނެ "ޗެޓްޖީޕީޓީ ބިޒްނަސް" ސަބްސްކްރިޕްޝަނެއް އިއުލާންކޮށްފަ އެވެ. މި ހިދުމަތުގައި ވެސް އޭއައި މޮޑެލް ޓްރެއިން ކުރުމަށް ޔޫޒަރުންގެ ވާހަކަތައް ބޭނުމެއް ނުކުރާނެއެވެ.

އާ ފީޗާތަކުގެ ސަބަބުން ޔޫޒަރުންނަށް ޑޭޓާގެ މައްޗަށް އިތުރު ކޮންޓްރޯލެއް ލިބި، ޕްރައިވެސީ އާއި ޑޭޓާ މެނޭޖްމަންޓާ ގުޅޭ ކަންބޮޑުވުންތައް ހައްލުކުރުމަށް އޯޕަންއޭއައި އަށް ފަސޭހަވާނެ އެވެ. އެ ކުންފުނީގެ މި ފިޔަވަޅަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް އިސްކަންދިނުމަށް ޕްރެޝަރު ބޮޑުވަމުން އަންނަ ވަގުތެއްގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.