Advertisement

"އާސެނަލާއި ސިޓީ މެޗުން މޮޅުވާ ޓީމަކަށް ލީގު ޔަގީންނުވާނެ"

26 އޭޕްރީލް 2023 - 05:32 0


"އާސެނަލާއި ސިޓީ މެޗުން މޮޅުވާ ޓީމަކަށް ލީގު ޔަގީންނުވާނެ"

26 އޭޕްރީލް 2023 - 05:32 0

މެންޗެސްޓާ (އޭޕްރިލް 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ލީގު ޔަގީންވާނެ ކަމަށް ދެކެވޭ ވާހަކަ އަށް އެއްބަސްނުވެވޭނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ޖެހިޖެހިގެން ތިން މެޗުން ޕޮއިންޓް ނަގާލި ނަމަވެސް އާސެނަލް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލަށް 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 30 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މިރޭ ސިޓީން އާސެނަލް އަތުން މޮޅުވެއްޖެނަމަ، އަމިއްލަ ބާރުގައި ލީގު ހޯދަން އެ ޓީމަށް ފަސޭހަވެގެންދާނެ އެވެ. އަނެއްކޮޅުން، އާސެނަލަށް މޮޅުވެގެން އެއް ވަނައިގައި ލީޑުފުޅާކުރެވޭނެ އެވެ. ސީޒަނުގެ މިހާ ހިސާބުން ކުޅޭ މި މެޗުން މޮޅުވާ ޓީމަކަށް ލީގު ޔަގީންވާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަމަކު، އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މިއީ ލީގު ޗެމްޕިއަން ކަނޑައެޅޭ މެޗެއް ނޫން ކަމަށެވެ.

"އަހަރެމެން މޮޅުވިޔަސް އަހަރެމެންނަށް ލީގު ޔަގީނެއް ނުވާނެ. އެކަމަކު، ޕަސެންޓޭޖަށް ބަލައި ހިސާބު ޖަހާނަމަ ބުނެވިދާނެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތޭ. އެކަމަކު، މި ވަރުގެ ލީގެއްގައި ފަސް މެޗަކީ ގިނަ ކަންތައްތަކެއް ހިނގައިދާނެ ކަމެއް،" އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.

މި ސީޒަނުގައި ސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ ލީގާއި އެފްއޭ ކަޕް އެވެ. އާޓެޓާ ބުނީ އެ މެޗުތަކުގައި ހިނގާފައި ހުރި އެކި ކަންކަމާއި އެހެނިގެން ކަންކަމަށް ބަލައިގެން، މިރޭ ސިޓީ ދަނޑުގައި ރަނގަޅު ޗެލެންޖަކަށް އާސެނަލް ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށެވެ.

ގާޑިއޯލާ ބުނީ ސިޓީ އަށް އާސެނަލް މެޗު ކުޅެފައި ވެސް ހަތް މެޗު އެބައޮތް ކަމަށާއި ސީޒަނެއްގެ މިހާ ހިސާބުގައި އެ އަދަދަށް މެޗު އޮތް ކަމުގައި ވިޔަސް އެއީ ޔަގީންކަމާ އެކު މޮޅުވެވޭނެ މެޗުތަކެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.

ސިޓީ އެންމެ ފަހުން މެޗަކުން ބަލިވީ 16 މެޗު ކުރިންނެވެ. ސިޓީން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ވަނީ 12 މެޗުން މޮޅުވެފަ އެވެ. ސިޓީއާ ދެކޮޅަށް އެންމެ ފަހުން އާސެނަލް ކުޅުނު ހަތް މެޗުން ވެސް ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ސިޓީން އާސެނަލް ދަނޑުގައި މޮޅެއް ހޯދީ 2015 ވަނަ އަހަރު އެވެ.އާސެނަލާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.