Advertisement

ފުޓްބޯޅަ ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލް ކުރަން ޔުއެފާ ރައީސްގެ ޕްލޭނެއް

26 އޭޕްރީލް 2023 - 05:24 0

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.


ފުޓްބޯޅަ ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލް ކުރަން ޔުއެފާ ރައީސްގެ ޕްލޭނެއް

26 އޭޕްރީލް 2023 - 05:24 0

ލަންޑަން (އޭޕްރީލް 26) - ޔޫރަޕްގެ ކްލަބްތަކަށް ކުޅެމުން އަންނަ ފުޓްބޯޅަ ކުޅުންތެރިންނަށް ދޭ މުސާރަ އޮނިގަނޑެއްގެ ތެރެއިން ކޮންޓްރޯލް ކުރަން ޕްލޭނެއް އެބައޮތް ކަމަށާއި އެ އަށް ގިނަ ކްލަބްތަކަކުން ވެސް ރުހޭ ކަމަށް ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނަށް "ސެލަރީ ކެޕް" އެއް ތައާރަފް ކުރަން ޔޫރަޕިއަން ކޮމިޝަނާ އެކު ޔުއެފާ އިން އަންނަނީ މަޝްވަރާތަކެއް ކުރިއަށް ގެންދަމުންނެވެ. އެމެރިކާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޗެފެރިން ވިދާޅުވީ މުސާރަ ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ވިސްނުންތަކާ މެދު ގިނަ ކްލަބްތަކެއްގެ ރުހުން ލިބޭ ކަމަށެވެ.

"ބޮޑެތި ކްލަބްތައް، ކުދި ކްލަބްތައް. ގައުމުތަކާ ގުޅުން އޮތް ގޮތަށް ހިންގަމުން އަންނަ ކްލަބްތައް، ބިލިއަނަރުންގެ ކްލަބްތައް، ޖުމްލަކޮށް މި ހުރިހާ ކްލަބަކުން ވެސް މި ކަމަށް (މުސާރަ ކޮންޓްރޯލް ކުރަން ސެލަރީ ކެޕް އަށް) އެއްބަސްވޭ،" އެމެރިކާ މީޑިއާ، މެން އިން ބްލޭޒާސް އަށް ދިން އިންޓަވިއުގައި ޗެފެރިން ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ތެރެއިން ސެލަރީ ކެޕެއް އަންނަން ޖެހޭ ކަމަށް ޔުއެފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ މިދިޔަ މާޗް މަހު ވިދާޅުވެފަ އެވެ.

ޗެފެރިން ވިދާޅުވީ ހަމަހަމަ ކަމާ އެކު ފުޓްބޯޅަ ޓީމުތަކަށް ވާދަކޮށްލެވޭނެ މާހައުލެއް ޓީމުތަކުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ވެސް އަންނަން ޖެހޭ ކަމަށެވެ. އެހެންކަމުން، ބޮޑު ބަޖެޓެއް ކްލަބްގައި އޮތަސް އަތް ނުފޯރާ ފަށަށް ބައެއް ޓީމުތައް ގޮސްގެން ފުޓްބޯޅައިގެ ފޯރި އަށް އަސަރުކުރާނެ ކަމަށް ޗެފެރިން ވިދާޅުވި އެވެ.

"މިއީ ކްލަބްތަކުން ކުރާ ހަރަދުތަކަށް ބަލައި، ވަކި ބަޔަކަށް ޓާގެޓް ކޮށްގެން އުސޫލެއް ހަދަނީއެއް ނޫން. ފުޓްބޯޅަ މުބާރާތްތަކުގެ ވާދަވެރިކަން ބެލެންސްވެފައި އޮންނަ ހާލަތަކަށް ގެންނަން ކުރެވޭ ކަމެއް. އަބަދު މުުބާރާތްތަކުގެ ޗެމްޕިއަންކަން ފަސް ވަރަކަށް ޓީމެއް ގެންދަންވެއްޖެނަމަ ފޯރި ގެއްލޭނެ،" ޗެފެރިން ވިދާޅުވި އެވެ.

ތިން ވަނަ ދައުރަކަށް ޔުއެފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ ޗެފެރިން ވިދާޅުވީ އެއްވެސް ބައެއް ދެކެ ޖެހިލުންވެގެން ޔުއެފާ އިން ފުޓްބޯޅައިގެ ރައްކަލަށް އަޅަންޖެހޭ ފިޔަވަޅެއް ނާޅާ ނުތިބޭނެ ކަމަށެވެ. ޔުއެފާ އިން އަބަދުވެސް މަސައްކަތްކުރާނީ ޔޫރަޕްގެ ފުޓްބޯޅައިގެ ފޯރި އާއި ހަމަހަމަކަމަށް އޮންނަ ވިސްނުމުގައި ކަމަށް ވެސް ޗެފެރިންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.