Advertisement

މިނިސްޓަރު ވިދާޅުވާ ގޮތުން އީޕީއޭ މިހާރު އޮތީ މިނިވަން ވެފައި

25 އޭޕްރީލް 2023 - 13:06 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ، ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިނިސްޓަރު ވިދާޅުވާ ގޮތުން އީޕީއޭ މިހާރު އޮތީ މިނިވަން ވެފައި

25 އޭޕްރީލް 2023 - 13:06 0

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ މިނިވަން މުއައްސަސާއަކަށް ބަދަލުކޮށްފައި ނުވިޔަސް، އެ އެޖެންސީ މިނިވަން ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދިއްޖެ ކަމަށް ދޭހަވާ މޭރުމަކުން އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވާހަަކަދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލުގައި އެއްސެވީ "އީޕީއޭއަކީ މިނިވަން މުސްތަގިއްލު ތަނަކަށް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދަކަށް ވާއިރު، އެ ވައުދު ނުފުއްދައި އޮތީ ކީއްވެތޯ" އެވެ. އެއީ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަން ވީ ވައުދަކަށް ވާއިރު އެ ވައުދު ނުފުއްދައި "މިހާ ދިގުލަނީ ކީއްވެތޯ" ވެސް އޭނާ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައި އޮތީ އީޕީއޭ ބާރުވެރި ކުރުވުމެވެ. އެކަމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން ކަމަށް ވިދާޅުވެ، އެފަދަ މަސައްކަތްތަކުގެ ލިސްޓެއް ވެސް އޭނާ ދެއްވި އެވެ.

"މުޅިން މިނިވަން ކުރުން ރާއްޖެއަކާ ނުގުޅޭ"

އީޕީއޭ މިނިވަން ކުރުމަށް ސަރުކާރުން ވީ ވައުދަކީ އެ އެެޖެންސީ މިނިވަން މުއައްސަސާއަކަށް ބަދަލުކުރުން ނޫންކަމަށް ސިފަކުރައްވައި މިނިސްޓަރު ވިދާޅުވީ އެވާހަކަ ދެކެވުނު ދުވަސްވަރަކީ ރިސޯޓްތަކުން ހިންގާ މަޝްރޫއުތަކަށް ހަދާ އީއައިއޭ ރިޕޯޓް ފާސްކުރުމުގެ ބާރު އެ އެޖެންސީއަށް ގެއްލިފައި އޮތް ދުވަސްވަރެކެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލަކާއި އީއައިއޭ ހެދުމުގެ ގަވައިދަކަށް ގެނައި ބަދަލަކުން އެ ބާރު އީޕީއޭއަށް އަލުން ދީފައިވާ ކަމަށް ވިދާޅުވެ، އެއީ ސަރުކާރުގެ 100 ދުވަހުގެ ވައުދު ފުއްދުން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ޓޫރިޒަމް ގާނޫނަށް ގެނެވުނު މި ބަދަލާ ގުޅިގެން ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިިދު އިސްލާހުކޮށް އީއައިއޭ ފާސްކުރުމުގެ ބާރު 27 ޑިސެމްބަރު، 2018 ގައި އީޕީއޭއަށް އަލުން ވަނީ ދީފައި. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ބުނި ވައުދު ވަނީ ފުއްދާ ނިންމާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ތިމާވެށީގެ ކަންތައްތައް ރެގިއުލޭޓްކުރާ އިދާރާތައް ހިންގަނީ ސަރުކާރުގެ ބާރު ހިނގާ ގޮތަށް ކަަމަށް ވިދާޅުވެ، އެމެރިކާއާއި ސިންގަޕޫރުގެ މިސާލު އޭނާ ދެއްކެވި އެވެ. އެއަށް ފަހު ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އީޕީއޭ ހިންގުމަކީ ރާއްޖެ ފަދަ، ތަރައްގީވަމުން އަންނަ ގައުމަކަށް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

"ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް، މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރުމަކީ ރާއްޖެ ފަދަ، ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމު ނޫންކަން ގަބޫލުކުރަން ޖެހޭ،" ޝައުނާ ވިދާޅުވި އެވެ.

އެގޮތަށް ވާހަަކަ ދެއްކެވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދެވަނަ ފަހަރަށް ވެސް ސުވާލު ތަކުރާރު ކުރެއްވި އެވެ. އޭނާ އެއްސެވީ "މިނިވަން މުސްތަގިއްލު ތަނަކަށް އީޕީއޭ ހައްދަވާނެތޯ ނުވަތަ ނޫންތޯ" އެވެ.

އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވައި މިނިސްޓަރު ވިދާޅުވީ އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާ އެކީ ހިންގަން އެންމެ މުހިއްމުކަމަކީ އެތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ.