Advertisement

ޖަނާ ރައީސް ސޯލިހަށް ތާއިދު ކުރައްވަނީ "ހެޔޮ އެކުވެރިޔެއް އަދި ހެޔޮ ވެރިޔެއް" ކަމަށްވާތީ

25 އޭޕްރީލް 2023 - 14:59 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވަލްޑޯފް އެސްޓޯރިއާ އިތާފުށީގައި ރައީސް ސޯލިހުއާ ޖަނާހު ބައްދަލުކުރައްވަނީ. ދެ ބޭފުޅުންނަކީ ޅަ އުމުރުގައި އެއް ސްކޫލަކުން ތައުލީމު ހާސިލު ކުރެއްވި ދެ ބޭފުޅުން --- ފޮޓޯ: ޖަނާހު/ޓްވިޓާ


ޖަނާ ރައީސް ސޯލިހަށް ތާއިދު ކުރައްވަނީ "ހެޔޮ އެކުވެރިޔެއް އަދި ހެޔޮ ވެރިޔެއް" ކަމަށްވާތީ

25 އޭޕްރީލް 2023 - 14:59 1

ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބުގައި މިހާރު ވެސް ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމަށް ނިންމެވީ އެމަނިކުފާނަކީ "ހެޔޮ އެކުވެރިޔެއް އަދި ހެޔޮ ވެރިޔަކަށް" ވާތީ ކަމަށް މަސީގެ ރައީސް އަދި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ މުހައްމަދު ޖަނާހު އަލީ ވިދާޅުވެއްޖެ އެވެ.

ޖަނާހު ވަނީ ރައީސަށް ތާއިދު ކުރިކަން އެޕްރީލް 15, ގައި ހާމަކުރައްވާފަ އެވެ. އަދި, ކުރެއްވި ޓްވީޓުގައި ވަނީ ވަރަށް ބޮޑަށް ރައީސަށް ތައުރީފު ކުރައްވައި އެ މަނިކުފާނުގެ ވެރިކަމުގައި އިންވެސްޓުމެންޓު ފްރޮންޓުގައި އެއްވަނަ ދަރަޖައިގެ ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަންކަން ވެސް ކުރައްވާ ޖަނާ ވަނީ ރައީސަށް ތާއިދު ކުރައްވަން ނިންމެވި ނިންމެވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

"ރައީސް ސޯލިހުއަކީ ވަރަށް މަޑުމައިތިރި ހުލުގު ހެޔޮ ބޭފުޅެއް. އަޅުގަނޑާ އެކީގައި ޒަމާނުއްސުރެ އެކުވެރިކަން އޮވޭ. އަބަދުވެސް އެ ބޭފުޅާއަށް ހެޔޮ އެދެން. ވަރަށް ގާތް އަހެއްގެ ގޮތުން, ރަހުމަތްތެރިންނަށް އަބަދުވެސް ހެޔޮއެދެން ޖެހޭނެ ނޫންތޯ," ރައީސް ސޯލިހަށް ތާއިދު ކުރުމަށް ނިންމެވި ނިންމުމާ ގުޅޭގޮތުން "އަދަދު" އަށް ޖަނާހު ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކޮވިޑު މެނޭޖު ކުރުމުގައި ރައީސް ސޯލިހުގެ ސަރުކާރުން ކުރެއްވި ކަންކަމެވެ. ޖަނާހު ދެކެވަޑައިގަންނަވާ ގޮތުގައި ކޮވިޑުގެ ހާލަތުން އަރައިގަނެ މިއަދު ރާއްޖޭގެ ވިޔަފާރިތަކަށް އޮތީ ހަމަޖެހުމާއި ކުރިއެރުމެވެ. އެކަމުގެ ފުލް ކްރެޑިޓު އޭނާ ދެއްވަނީ ރައީސަށެވެ.

"ޓިއާ ވަންއަށް ދިޔަ ވާހަކަ އޮންނާނެ [ޓްވީޓުގައި]. އަޅުގަނޑު ހަމަ އެކަމުގެ ހުރިހާ ކްރެޑިޓެއް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް ރައްދު ކުރަނީ. މެނޭޖު ނުކުރިނަމަ އަޅުގަނޑުމެން އެންމެން ތިބޭނީ ވަރަށް ހާސްކަމުގައި,"

ވަކިން ހާއްސަކޮށް އެ އިންޓަވިއުގައި ޖަނާހު ވަނީ ކޮވިޑު މެނޭޖު ކުރުމުގައި ރާއްޖޭން ދުނިޔެއަށް ދެއްކި ނަމޫނާ ފާހަގަކުރައްވާފަ އެވެ.

ދުނިޔެއަށް ރާއްޖޭން ދައްކައިދިނީ ޕްރައިވެޓު ސެކްޓަރާއި ސަރުކާރަކުން ގުޅިގެން ކަންކަން ކުރުމުން ގައުމަކަށް ވާނެ ފައިދާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި, މެނޭޖު ކުރުމުގައި ރާއްޖޭން ހޯދި ކާމިޔާބީގެ ސަބަބުން ކޮވިޑަކީ ދިމާވި ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ހަނދާން ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"ބެލެންސް ގެނައުމަށް އެންމެ ބޮޑު ކަމަކީ މަޝްވަރާ ކުރުން. ވާހަކަ ދައްކައި އަޑުއަހާ މަޝްވަރާ ކުރުމަކީ މުހިންމު ކަމެއްކަން ދޭހަވީ. ކޮވިޑު މެނޭޖު ކުރުމުގެ ޓެކްސްޓު ބުކް ކޭސްއެއްގެ ގޮތުގައި ރާއްޖެ އާއި ދުބާއީ ގިނަ ބަޔަކު ގަބޫލު ކުރޭ. އަޅުގަނޑުމެން ދެ ގައުމުން ދައްކައިދިނީ ވަރަށް ދަތި ހާލަތުގައި ވެސް ކަންކަން މެނޭޖުކޮށް ނޯމަލްސީއާ ހަމައަށް ދެންދެން ގޮތްތަކެއް ކަނޑައަޅައިގެން, ގައުމު ހުޅުވައިގެން ތިބީ," ކޮވިޑުގައި ރާއްޖޭން ހޯދި ކާމިޔާބު ފާހަގަކުރަމުން ޖަނާހު ވިދާޅުވި އެވެ.

ޖަނާހުގެ އިތުރުން ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނުފޫޒު ގަދަ ވިޔަފާރިވެރިން ވަނި ރައީސް ސޯލިހަށް ތާއިދު އޮތްކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ޗަމްޕާ މޫސާ އާއި ސަން ސިޔާމް ފަދަ ބޭފުޅުން ހިމެނެ އެވެ. ސަން ސިޔާމަކީ އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރެކެވެ.