Advertisement

ޔޫއޭއީގެ ރޮބޮޓަކުން މާސްގެ ހަނދުގެ ފުރިހަމަ ފޮޓޯތަކެއް ދުނިޔެއަށް ފޮނުވައިފި

25 އޭޕްރީލް 2023 - 10:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫއޭއީގެ ރޮބޮޓުން ފޮނުވި ފޮޓޯއެއް. -- ފޮޓޯ: އޭއެފްޕީ


ޔޫއޭއީގެ ރޮބޮޓަކުން މާސްގެ ހަނދުގެ ފުރިހަމަ ފޮޓޯތަކެއް ދުނިޔެއަށް ފޮނުވައިފި

25 އޭޕްރީލް 2023 - 10:55 0

ޕެރިސް، ފްރާންސް (އެޕްރީލް 24) - މާސްގެ ކުޑަ ހަނދު ޑެއިމޯސްގެ ފުރިހަމަ ފޮޓޯތަކެއް ޔޫއޭއީގެ ރޮބޮޓު ހޯޕުން ދުނިޔެއަށް ފޮނުވައިފި އެވެ.

މާސްގެ އޯބިޓަށް ފޮނުވި ހޯޕްއަކީ އަރަބި ދުނިޔެއިން ޖައްވު ދިރާސާ ކުރަން އެޅި ފުރަތަމަ ފިޔަވަޅެވެ. އެ ރޮބޮޓު މާސްއަށް ފޮނުވީ 2020 ވަނަ އަހަރު އެވެ.

ދުނިޔެ ކައިރީގައިވާ ރަތް ކުލައިގެ ޕްލެނެޓު މާސްގެ ދެ ހަނދު ހުރެ އެވެ. އެއީ ކުޑަ ހަަނދުޑެއިމޯސް އާއި ބޮޑު ހަނދު ފޯބޯސް އެވެ.

އެމިރޭޓްސް މާސް މިޝަން (އީއެމްއެމް) އިން ބުނީ އެ ގައުމުގެ ރޮބޮޓު މާސް ވަށައި ބުރު ޖެހުމުގެ ތެރޭގައި ޑެއިމޯސްއާ 110 ކިލޯމީޓަރު ގާތްވި ކަމަށެވެ.

އޮށެއްގެ ބައްޓަމަށް ހުންނަ އެ ހަނދުގެ ފުޅާމިނުގައި ހުންނަނީ އެންމެ 12 ކިލޯމީޓަރެވެ. އެ ވަގުތު ނެގި ފުރިހަމަ ފޮޓޯތަކެއް "ހޯޕް" ނުވަތަ އަލް އާމާލް ރޮބޮޓުން ދުނިޔެއަށް ފޮނުވި އެވެ.

އެއީ މިހާތަނަށް ލިބުނު އެންމެ ސާފު ފޮޓޯތަކެވެ. އޭގެ އިތުރުން އެ ހަނދުގެ އަނދިރި ފަޅި ފުރަތަމަ ފަހަރަށް ދިރާސާކޮށް ބައެއް ހޯދުންތައް ވެސް ދުނިޔެއަށް ފޮނުވި އެވެ.

މާސްގެ ހަނދުތައް އުފެދުނު ގޮތާއި އޭގެ ބޭނުމާ ގުޅޭ މާ ބޮޑު އެއްޗެއް ސައިންސްވެރިންނަކަށް ނޭނގެ އެވެ. އެހެންކަމުން، މި ދިރާސާގެ އަލީގައި އާ މައުލޫމާތު ލިބުން އެކަށީގެންވެ އެވެ.

އެއް ތިއަރީގައި ބުނަނީ އެއީ މާސް ކައިރިން ދަތުރު ކުރި ދެ ގިނިހިލަ، މާސްގެ އޯބިޓު ތެރޭގައި ތާށިވެފައި ކަމަށެވެ. އެކަމަކު ޔޫއޭއީގެ ހޯދުންތަކުން ބޮޑަށް ބެލެވެނީ އެއީ މާސްގެ ބިމުން އުފެދުނު ދެ ހަނދު ކަމަށެވެ.

ޔޫއޭއީގެ ބޮޑު ވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާސްގެ ހަނދުތަކަކީ ގިނިހިލަތަކެއް ކަމަށް ބުނާ ތިއަރީގެ ހަގީގަތެއް ނެތްކަން ހޯދުންތަކުން އެނގޭ ކަމަށެވެ.

ޔޫއޭއީގެ ޖައްވީ އިދާރާއިން ބުނީ މާސްގައި ހިންގާ މިޝަން އިތުރު އެއް އަހަރަށް ދިގުދަންމާލައި އިތުރު އާ މައުލޫމާތު އެއް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.