Advertisement

މޯލްޑިވްސް އޯޕަން 2023: ނޮކްއައުޓް ބުރުން ޖާގަ ހޯދައި ޝާޒް ތާރީހުގެ ތެރެއަށް

23 އޭޕްރީލް 2023 - 22:31 0

މޯލްޑިވްސް އޯޕަންގެ ނޮކްއައުޓް ބުރުން ޖާގަ ހޯދުމަށްފަހު ހަސަން ޝާޒް ސަޕޯޓަރުންނާއިއެކު އުފާފާޅުކުރަނީ - ފޮޓޯ: މުހަައްމަދު ޝާބިން/އަދަދު


މޯލްޑިވްސް އޯޕަން 2023: ނޮކްއައުޓް ބުރުން ޖާގަ ހޯދައި ޝާޒް ތާރީހުގެ ތެރެއަށް

23 އޭޕްރީލް 2023 - 22:31 0

ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަންގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ހޯދައިފި އެވެ.

މާލޭގައި ކުރިއަށްދާ މުބާރާތުގައި މިރޭ ކުރިއަށްދިޔަ ގަދަ 32 ޕްލޭއޮފް މެޗުގައި ޝާޒް ވަނީ ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ނިޒާމުއްދީން ބަލިކޮށްފަ އެވެ. މި މޮޅާއިއެކު ޝާޒް ވެފައިވަނީ ދުނިޔޭގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުގައި ވާދަކުރާ ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށެވެ.

ގައުމީ ބިލިއާޑް ސެންޓަރުގެ އިންޑޯ ހޯލުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ލީޑް ނެގީ ބަންގްލަދޭޝްގެ ނިޒާމުއްދީން އެވެ. 0-2 އިން ލީޑުގައި އޮއްވާ ޝާޒް ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ 3-2 އިން ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ފަހުން އަނެއްކާވެސް ޝާޒް އަށް 3-4 އިން ލީޑު ގެއްލުނެވެ. މި ދަނޑިވަޅުގައި ލިބުނު ޓައިމްއައުޓާއިއެކު ޝާޒަށް ހަމަޖެހިލަން ވަގުތު ލިބުނެވެ.

ޓައިމްއައުޓަށް ފަހުވެސް ނިޒާމުއްދީން ލީޑު ދެމެހެއްޓި އެވެ. ޝާޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 4-6 އިން ލީޑުގައި އޮއްވާ ޖެހިގެން އައި ތިން ފްރޭމް ހޯދައި 7-6 އިން މެޗު ކާމިޔާބުކޮށް ތާރީހީ މޮޅު ޝާޒް ހޯދި އެވެ.

މޯލްޑިވްސް އޯޕަންގައި ހަސަން ޝާޒް މުހައްމަދު މިއަދު ކުޅުނު މެޗެއްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނިޒާމުއްދީން އާއި ޝާޒް ވަނީ މިއަދު މެންދުރު ގްރޫޕް ކޭގެ ފުރަތަމަ މެޗުގައި ކުޅެފަ އެވެ. އެ މެޗުން ޝާޒް 4-7 އިން ބަލިވި ނަމަވެސް ޖެހިގެން އައި މެޗުގައި އިންޑިއާގެ ރަޔާން ރަމްޒީ 7-4 އިން ބަލިކޮށް ޝާޒް ގަދަ 32ގެ އުއްމީދު ދެމެހެއްޓީ އެވެ.

މިވަގުތު ގައުމީ ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒްއަކީ ރާއްޖޭގައި އަލަށް ބާއްވާ ބައިނަލްއަގްވާމީ ބިލިއާޑް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މިރޭ ގަދަ 32 ޕްލޭއޮފްގައި ރާއްޖޭގެ އިސްމާއިލް ޖީހާންވެސް ވާދަކުރި އެވެ. މެލޭޝިއާގެ ތަރި ޑެރެލް ޗިއާ އަތުން ޖީހާން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 4-7 އިންނެވެ.

މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ނޮކްއައުޓް ބުރުގެ މެޗުތައް ކުޅޭނީ މާދަމާ އެވެ. މާދަމާ މެންދުރު ކުޅޭނީ ގަދަ 32 ގެ މެޗުތަކެވެ. އޭގެ ފަހުން ގަދަ 16 މެޗުތައް ވެސް މާދަމާ ކުޅޭނެ އެވެ. ކުއާޓާ ފައިނަލް މެޗުތަކާއި ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ ބުދަ ދުވަހު އެވެ.