Advertisement

މޯލްޑިވްސް އޯޕަން 2023: ޝާޒް އާއި ޖީހާން އަށް ބައިނަލްއަގުވާމީ ފުރަތަމަ މޮޅު

23 އޭޕްރީލް 2023 - 15:10 0

މޯލްޑިވްސް އޯޕަންގައި މިއަދު ކުޅުނު މެޗުން މޮޅުވި ހަސަން ޝާޒް (ކ) އަދި އިސްމާއިލް ޖީހާން (ވ) - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މޯލްޑިވްސް އޯޕަން 2023: ޝާޒް އާއި ޖީހާން އަށް ބައިނަލްއަގުވާމީ ފުރަތަމަ މޮޅު

23 އޭޕްރީލް 2023 - 15:10 0

މޯލްޑިވްސް އޯޕަން 10-ބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އިސްމާއިލް ޖީހާން އާއި ހަސަން ޝާޒް މުހައްމަދު ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔައީ މުބާރާތުގެ ގްރޫޕް އައި އިން ގްރޫޕް އެލްއާ ދެކޮޅު މެޗުތަކެވެ. ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅުނު މެޗުތަކުގައި މިހާތަނަށް ކޮންމެ ގްރޫޕަކުން ވަނީ ހަތަރު ކުޅުންތެރިން ކަޓައިފަ އެވެ.

ރާއްޖޭގެ ޖީހާން އާއި ޝާޒް ކުޅުނު މެޗުތައް ކާމިޔާބުކުރުމާ އެކު މިރޭ އެ ދެ ކުޅުންތެރިން ނުކުންނާނީ ގަދަ 32 ގެ ޕްލޭއޮފް މެޗުގަ އެވެ.

ޖީހާން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ވާދަ އަކަށް ފަހު މެލޭޝިއާގެ ޑެރިލް ޗިއާ އަތުން 5-7 އިން ބަލިވި ނަމަވެސް އޭނާ ދެ ވަނަ މެޗުގައި އިންޑިއާގެ ލަކްޝް ޝަރުމާ ބަލިކޮށް މުބާރާތުގައި ކުރިއަށްދިޔުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ. ލަކްޝް އަތުން ޖީހާން މޮޅުވީ 7-0 އިންނެވެ.

ޝާޒް ވެސް ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ އެވެ. އޭނާ ބަލިވީ ބަންގްލަދޭޝްގެ ނިޒާމުއްދީން އަތުން 4-7 އިންނެވެ. އޭނާ ކުޅުނު ދެ ވަނަ މެޗުގައިވެސް ފުރަތަމަ ހަތަރު ފްރޭމް ނިމުނުއިރު ޝާޒް އޮތީ 0-4 އިން ފަހަތުގަ އެވެ. ނަމަވެސް ފަހަތުން އަރައި، އިންޑިއާގެ ރަޔާން ރަމްޒީ 7-4 އިން ބަލިކޮށް ޝާޒް ވަނީ މުބާރާތުގައި އޭނާގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

މޯލްޑިވްސް އޯޕަންގެ މެޗެއްގައި އިސްމާއިލް ޖީހާން މިއަދު ކުޅެނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިއީ، ޖީހާން އާއި ޝާޒް ވެސް ބައިނަލްއަގްވާމީ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މިއަދު ހެނދުނު ކުޅުނު މެޗުތަކުގައި ރާއްޖޭގެ އަލީ ފަޔާޒް އާއި މުހައްމަދު ދުންޔާޒް ވެސް ވާދަކުރި އެވެ. ކުޅުނު ދެ މެޗުންވެސް ބަލިވެ ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ.

އަލީ ފަޔާޒް ފުރަތަމަ މެޗުގައި ޖަޕާންގެ މަސާޓޯ ޔޮޝިއޯކާ އަތުން 3-7 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ބަލިވީ ވިއެޓްނާމްގެ ލުއޮން ތިއެން އަތުން 4-7 އިންނެވެ.

މުހައްމަދު ދުންޔާޒް ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އިރާންގެ އަލިރިޒާ ވަހަބް އަތުން 6-7 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ޗައިނީސް ތައިޕޭގެ ކޯ ޕިން ޗުން އަތުން ބަލިވީ 1-7 އިންނެވެ.

މުބާރާތުގައި އިއްޔެ ރާއްޖޭގެ ތިން ކުޅުންތެރިއަކު ވެސް ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކުން މޮޅުވިއިރު، ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީ އަތުން ހުސައިން ފަޔާޒު މޮޅުވިއިރު، މުހައްމަދު ޝަރީފް މޮޅުވީ އޮސްޓްރިއާގެ ކްރިސްޓިއަން ނެސިމާ އަތުން މޮޅުވެފަ އެވެ. އަދި އަހުމަދު ޝިހާދު ވަނީ އިރާންގެ ޕޫރިޔާ ކެޝްޓްކަރަން އަތުން މޮޅުވެފަ އެވެ.

މި މެޗުތަކުން ފަޔާޒު، ޝަރީފް އަދި ޝިހާދު މޮޅުވި ނަމަވެސް ގަދަ 32 ގެ ޕްލޭއޮފް މެޗުގައި ތިން ކުޅުންތެރިންވެސް ބަލިވެ މުބާރާތުން ކެޓީ އެވެ.