23 އޭޕްރީލް 2023 - 12:56 0
މޯލްޑިވްސް އޯޕަން 2023ގައި ވިއެޓްނާމް ކުޅުންތެރިއަކު ކުޅެނީ - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
23 އޭޕްރީލް 2023 - 12:56 0
މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތަކީ އޭޝިއަން ބިލިއާޑް ޓުއާގެ ފުރަތަމަ ލެގު ކަމަށާއި މިއީ ރާއްޖެއަށް ލިބޭ ބޮޑު ފަހަރެއް ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ރައީސް އަހުމަދު ނާސިފް ބުނެފި އެވެ.
މާލޭގައި އިއްޔެ ފެށި މޯލްޑިވްސް އޯޕަން 2023 އަކީ މިހާތަަނަށް ރާއްޖޭގައި ބާއްވާ އެންމެ މަތީ ފަންތީގެ ބިލިއާޑް މުބާރާތެވެ. މި މުބާރާތުގައި ދުނިޔޭގެ 15 ގައުމެއްގެ 64 ކުޅުންތެރިން ވާދަކުރެ އެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބިލިއާޑް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ނާސިފް ވިދާޅުވީ ހަތަރު މޭޒުން ފެށިގެން މިއަދު މި މުބާރާތާ ހަމައަށް އެމްޕީބީއޭ އިން ކޮށްފައިވަނީ ބުރަ މަސައްކަތެއް ކަމަށެވެ. އެ ގޮތުން ސަރުކާރާ ގުޅިގެން މިނިސްޓަރު މަހުލޫފުގެ އިރުޝާދާ އެކު ބިލިއާޑުން ކުރިއެރުން ހޯދިކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާސިފް ވިދާޅުވީ މި ފެންވަރުގެ ބައިނަލްއަގްވާމީ މުބާރާތެއް، މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިންނަށް ބަލާލަންވެސް ނުލިބޭ ކަމަށާއި، މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ކުޅުންތެރިންނަށް ގިނަ ގޮތްގޮތުން ފައިދާ ކުރާނެ މުބާރާތެއްކަމަށެވެ.
އޭނާ ވިދާޅުވީ މި މުބާރާތަކީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަން (ޑަބްލިއުޕީއޭ) އިން ސެންކްޝަން ކުރެވިގެންދާ މުބާރާތަކަށް ވުމުން މިއީ ދުނިޔޭގެ ރޭންކިން އަށާއި އޭޝިއާގެ ރޭންކިންއަށް ގުނާނެ މުބާރާތެއް ކަމަށެވެ. އެހެންކަމުން، މިއީ އޭޝިއަން ޓުއާގެ މި އަހަރުގެ ފުރަތަމަ ލެގު ކަމަށް ވެސް އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
މޯލްޑިވްސް އޯޕަން 2023ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"މީގެ ކުރިން މިވަރުގެ މުބާރާތެއް ބަލާލަން ލިބެނީ މަދު ކުޅުންތެރިންނަށް. އެކަމަކު މިހާރު މިއީ ހުރިހާ ކުޅުންތެރިންނަށްވެސް ތަޖުރިބާކޮށްލަން ލިބޭ ފުރިހަމަ މުބާރާތެއް. އަނެއްކޮޅުން މި މުބާރާތުގެ އެންމެ ހާއްސަކަމަކީ މިއީ އޭޝިއަން ޓުއާގެ ފުރަތަމަ ފިޔަވަޅަށް ވާތީ" މީގެ ހަތަރު އަހަރު ކުރިން އެސޯސިއޭޝަންގެ ރައީސްކަމާ ހަވާލުވި ނާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މު މުބާރާތަކީ ބިލިއާޑުގެ ހުރިހާ މެމްބަރުންގެ ބޮޑު ހުވަފެނެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި އަށް ވުރެ ކުލަގަދަކޮށް މި މުބާރާތް ބާއްވާނެ ކަމަށެވެ. އެ ގޮތުން އަންނަ އަހަރުގެ މުބާރާތް މި އަށް ވުރެ ރަނގަޅަށް އަދި ބޮޑު މުބާރާތެއްގެ ގޮތުގައި ބާއްވާނެކަމަށް ނާސިފް ވިދާޅުވި އެވެ.
މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ޑަބްލިއުޕީއޭގެ ބޯޑު މެންބަރު މެލްވިން ޗިއާ ވަނީ ދިވެހި ސަރުކާރުން މި ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކޮށްފަ އެވެ. އެ ގޮތުން މިނިސްޓަރު މަހުލޫފު މި މުބާރާތުގެ ކަންކަން ގާތުން ބައްލަވައި ބެހެއްޓެވި ގާތްކަން އޭނާ ފާހަގަކުރި އެވެ.
މެލްވިން ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ހާއްސަ މުބާރާތެއްގެ ގޮތުގައި މި މުބާރާތް އޮންނާނެ ކަމާ މެދު އިތުބާރު އެބައޮތް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment