Advertisement

ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ 95 ޕަސެންޓް ހާސިލް ކުރެވިއްޖެ: މަހުލޫފު

22 އޭޕްރީލް 2023 - 20:10 0


ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ 95 ޕަސެންޓް ހާސިލް ކުރެވިއްޖެ: މަހުލޫފު

22 އޭޕްރީލް 2023 - 20:10 0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ ކުޅިވަރު ވައުދުތަކުގެ 95 އިންސައްތަ ހާސިލްކުރެވިފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫޕު މިހެން ވިދާޅުވީ މިއަދު ފެށި މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

ދުނިޔޭގެ 15 ގައުމެއްގެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ މުބާރާތާއި ގުޅޭގޮތުން މަހުލޫފު ވިދާޅުވީ މިއީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުންވެފައިވާ ވައުދުގެ މުހިންމު ބައެއްކަމަށެވެ. މިގޮތުން ބިލިއާޑުގެ ފުރަތަމަ މުބާރާތް ބޭއްވުމަށް އެސޯސިއޭޝަނުން މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް އޭނާ ބުންޏެވެ.

މާލޭގައި ގައުމީ ބިލިއާޑް ސެންޓަރު ތަރައްގީކުރެވުނު ދުވަހު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މުބާރާތް ބޭއްވޭނެ ދުވަހެއްކަމަށާއި، މިއަދު އެކަން ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއްކަމަށެވެ.

"މިތަން ހުޅުވުނުރޭ އަޅުގަނޑު ދެންނެވިން، ދެން އެންމެ ދެކެން ބޭނުންވަނީ މި ހޯލުގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެ ދުވަހެކޭ. އިރާދަކުރެއްވިއްޔާ މިއަދު އެކަންވެސް ކާމިޔާބުކުރެވިއްޖެ" މަހުލޫފު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ކުޅިވަރު ވައުދުތައް ފުރިހަމަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެކަމަށެވެ.

"ހަމަ ޔަގީނުންވެސް ރައީސް ސޯލިހުގެ ކުޅިވަރު ވައުދުތަކުގެ ތެރެއިން 95 އިންސައްތަ މިހާރު ހުންނާނީ ކާމިޔާބުކުރެވިފައި. އެވަރަށް މަސައްކަތްކުރެވިއްޖެ. އެ ތަފާތުކުރުންތައް ނައްތާލެވިއްޖެ. އަދިވެސް ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އަޅުގަނޑާއިއެކު އެސޯސިއޭޝަންތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިއަހަރުގެ ދެވަނަ ބައިނަލްއަގްވާމީ މުބާރާތް މިއަދު މާލޭގައި ފަށާއިރު ގިނަ މުބާރާތްތަކެއް މިއަހަރު ބާއްވައި ބައިނަލްއަގްވާމީ ކަމިޔާބީތަކަކަށް އިންތިޒާރުކުރެވޭކަމަށެވެ.

މޯލްޑިވްސް އޯޕަން 10-ބޯލް ޗެމްޕިއަންޝިޕް ރަސްމީކޮށް ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު މިހާރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުޅިވަރަށް އައިސްފައިވާ ކުރިއެރުންކަމަށާއި، ބައިނަލްއަގްވަމީ މުބާރާތްތައް ރާއްޖޭގައި މި ފެންވަރުގައި ބޭއްވުމަކީ ދިވެހިރާއްޖެއަށް ބޮޑު ޝަރަފެއްކަމަށެވެ.

"މިއަދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވޭ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި އިންތިޒާމް ކުރުމުގެ ވަސީލަތްތައް ހުރެ، އެ ކަންކަން އިންތިޒާމްކުރުމުގެ ގާބިލްކަން ހުރި ޒުވާނުންތަކެއް ރާއްޖޭގައި އުފެދި އައިސްފައިވާތީ." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ކުޅިވަރުގެ ހުރިހާ ދާއިރާއެއްގައި ތަފާތު ކުރުމެއް ނެތި ވަސީލަތްތައް ފުރިހަމަކޮށްދިނުންކަމަށާއި، މިދިޔަ ހަތަރު އަހަރަށް ބަލާއިރު އެކަން ވަރަށް ރަނގަޅަށް ފެނިފައިވާކަމަށެވެ.