Advertisement

އީދު ހަދިޔާގެ ގޮތުގައި، ނައިފަރު ހަގު އިމާމުންގެ އަގު ވަޒަންކޮށްފި

21 އޭޕްރީލް 2023 - 16:01 2

ޅ. ނައިފަރު

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނައިފަރުގައި މި ރޯދަ އިމާމުވެ ދަމު ނަމާދުކުރި ދަރިވަރުންތަކެއް ހަނދާނީ ފިލައާއެކު ހުއްޓިލައިގެން - ފޮޓޯ: މުހައްމަދު ޖިޔާދު ހަމީދު، ދޯކާ އެފްސީ


އީދު ހަދިޔާގެ ގޮތުގައި، ނައިފަރު ހަގު އިމާމުންގެ އަގު ވަޒަންކޮށްފި

21 އޭޕްރީލް 2023 - 16:01 2

ޅ. ނައިފަރު

ރޯދަ މަހު ނައިފަރުގެ މިސްކިތްތަކުގައި ހިފުޒުކޮށް، ތަރާވީހު ނަމާދާއި ދަމު ނަމާދުކޮށްދިން "ޅ. ނައިފަރު ހަގު އިމާމުން" އެ ދަރިވަރުން ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށްފި އެވެ.

ނައިފަރުގެ ހިފްޒު ކްލާހުގައި ކިޔަވައި، އެ ރަށު މަދުރަސަތުލް އިފްތިތާހުގެ ދަރިވަރުންގެ ތެރެއިން އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކޮށްދެވޭ ވަރަށް ތަމްރީނު ކުރެވޭ ކުދިން ކަނޑައަޅަ އެވެ. އުމުރުން 11 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންތަކަކަށް، ރަށު ކައުންސިލްގައި އެދިގެން އެ ފުރުސަތު ދެ އެވެ.

ރޯދަ މަހުގެ މަތިވެރިކަން އަޅުކަން ނިމުމުން އޭގެ އުފަލުގައި މުސްލިމުން ފާހަގަ ކުރާ ފިތުރު އީދުގެ އުފަލުގައި، ރޯދަ މަހު އިމާމުގެ ހިދުމަތް ދިން "ހަގު އިމާމުން" އަށް އޭގެ އަގު ވަޒަންކޮށްދިނުން އޮތީ، އީދު ނަމާދަށް ފަހުގަ އެވެ.

ފުޓުބޯޅަ ދަނޑުގައި އޮތް ބޮޑު ޖަމާއަތުގެ އީދު ނަމާދަށް ފަހު، އެ ދަރިވަރުންގެ އަޒުވަންކޮށް ހަނދާނީ ފިލަ އާއި ފައިސާގެ އިނާމު ހަދިޔާކޮށްދިނީ "ދޯކާ އެފްސީ" ނަމަކަށް ކިޔާ ރަށުގެ ޒުވާނުންގެ ގްރޫޕަކުންނެވެ. އެ ގޮތުން، އިމާމުވެ ނަމާދުކުރި ކޮންމެ ދަރިވަރަކަށް 3،000ރ. ދިނެވެ.

ނައިފަރުގައި މި ރޯދަ މަހު އިމާމުވެ ދަމު ނަމާދުކުރި ހަގު އިމާމުންނަށް އިނާމު ހަވާލުކޮށްދިނުން މިއަދު އީދު ނަމާދަށް ފަހު ފުޓުބޯޅަ ދަނޑުގައި - ފޮޓޯ: މުހައްމަދު ޖިޔާދު ހަމީދު، ދޯކާ އެފްސީ


"ނައިފަރުގެ ޒުވާން ގްރޫޕެއް [އެއީ]، ކޮންމެ އަހަރަކު ވެސް، އެ ދަރިވަރުންނަށް އޭގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ފިލައެއް، އަދި ފައިސާގެ އިނާމު ވެސް،" ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އަހުމަދު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެ ގްރޫޕުން އިނާމުގެ ފައިސާ ހަމަޖައްސަނީ ގްރޫޕްގެ މެންބަރުންގެ އަތުން "ޗަންދާ" ގެ ގޮތުގައި ވަކި މިންވަރެއް ނެގުމަށް ފަހު އެވެ. އެ ގްރޫޕްގައި ރަށުގެ އެކި އަވަށުގައި ދިރިއުޅޭ ޒުވާނުންނާއި ރަށުން ބޭރުގައި ދިރިއުޅޭ ރަށަށް ނިސްބަތްވާ ޒުވާނުން ވެސް ހިމެނެ އެވެ.

"[ދޯކާ އެފްސީން ހިންގާ އިޖުތިމާއީ ހަރަކާތްތަކަށް] ކޮންމެ ކަމެއްގައި ވެސް ކުރަން ޖެހޭ ހަރަދުތައް، ދޯކާ އެފްސީގެ މެންބަރުންގެ އަތުން ނަގާ ޗަންދާއަކުން ހަމަޖައްސަމުންދާ ގްރޫޕެއް،" މުހައްމަދު ވިދާޅުވި އެވެ.

އިމާމުވެ ނަމާދުކުރި ދަރިވަރުން؛

1. އާސިރު އާސިފް ޔޫސުފް

2. އަބްދުﷲ ހަޔާން ހަމީޒު

3. އާރިޝް އަބްދުﷲ އިބްރާހީމް

4. އިސްމާއީލް އަޝްހަމް އަހުމަދު

5. މިޝްއާލް މުހައްމަދު ފަސީހް

6. މުހައްމަދު ހާދިން ސައުދުﷲ

7. މިރުއާޝް ހުސައިން މިރުޒާ

8. މުހައްމަދު ޔަޒިން ޔާސިރު

ނައިފަރުގައި މި ރޯދަ މަހު އިމާމުވެ ދަމު ނަމާދުކުރި ހަގު އިމާމުންނަށް އިނާމު ހަވާލުކޮށްދިނުން މިއަދު އީދު ނަމާދަށް ފަހު ފުޓުބޯޅަ ދަނޑުގައި - ފޮޓޯ: މުހައްމަދު ޖިޔާދު ހަމީދު، ދޯކާ އެފްސީ


ޅައުމުރުން ފެށިގެން، ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އުފެއްދުމުގެ ނިޔަތުގައި، ރަށު ކައުންސިލާއި ދޯކާ އެފްސީ އާއި ހިފްޒު ކްލާހާ ގުޅިގެން މި ސަގާފަތް ދިރުވަމުން އަންނަތާ ތިން އަހަރުވެއްޖެ އެވެ.

އެ ފުރުސަތު ދެނީ ރަށުގައި ތިބި ދީނީ އިލްމުވެރިން މެދުވެރިކޮށް އެ ކުދިންގެ ކިބައިގައި އިމާމުވެ ނަމާދުކުރުމުގެ ގާބިލުކަން ހުރިވަރު ވެސް ޔަގީންކޮށްފަ އެވެ. އަދި ނަމާދު ކުރާ ވަގުތު ވެސް، ރަށުގެ އިލްމުވެރިންނާއި އިމާމުންގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދެ އެވެ.