Advertisement

އިމްތިޔާޒުގެ މައްސަލައާ ވިއްދައި ރޮޒެއިނާ ވެސް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި

21 އޭޕްރީލް 2023 - 14:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް :އިމްތިޔާޒުގެ މައްސަލައާ ގުޅިގެން ފުރާނައަށް ނުރައްކާ އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައި. - ފޮޓޯ: މަޖިލިސް


އިމްތިޔާޒުގެ މައްސަލައާ ވިއްދައި ރޮޒެއިނާ ވެސް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި

21 އޭޕްރީލް 2023 - 14:27 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން މަޖިލީހުގެ ދެ މެމްބަރަކު ދެއްކެވި ވާހަކައިގެ ސަބަބުން އެ މަނިކުފާނަށް ޓެރަރިސްޓު ހަމަލާއެއް އަމާޒު ވެދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ޕޮލިހަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، އިމްތިޔާޒުގެ އެ ތުހުމަތުތަކުގެ ސަބަބުން ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޕޮލިހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހައްދަވައި އަދި އެކަން ހުއްޓުވުމަށް ބާރުއަޅުއްވާ މޭރުމަކުން އެކި ފޯރަމްތަކުގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމާއި ރޮޒައިނާ ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދެވުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އިމްތިޔާޒު ޕޮލިހަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިމްތިޔާޒުގެ އެ ތުހުމަތުގެ ސަބަބުން ނަޝީދަށް ތާއީދުކުރާ ބަޔަކު ނުކުމެ ހަމަލާއެއް ދިނުން ވަރަށް އެކަށީގެންވާ ކަމަށާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމުގެ މައްޗަށް ނަޝީދު މީގެ ކުރިން ކުރެއްވި ތުހުމަތުތަކަކާ ގުޅިގެން އެ މެމްބަރުގެ ފުރާނަޔަށް ނުރައްކާވާ ފަދަ ހާލަތުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީގައި ރޮޒައިނާ ވިދާޅުވެފައިވެ އެވެ.

"އެހެން ކަމުން އަޅުގަނޑު އެދެނީ އެއްވެސް ހެއްކަކާ ނުލައި ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ ބޮލުގައި ނަޝީދު މަރާލަން އުޅުމުގެ ތުހުމަތު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެޅުވި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ވީ އެންމެ އަވަހަކަށް ބަލައި ދިނުމެވެ. މިކަމުގައި ޖިނާއީ ކުށެއް ވާނަމަ އެކަމަށް ދައުވާ ކޮށްދިނުން އެދެމެވެ،" ރޮޒައިނާ އެދިވަޑައިގެންފައިވެ އެވެ.

އޭނާގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށް ފުލުހަށް މައްސަލަ ހުށަހެޅީ ސިޔާސީ ބަހުސްކޮށްގެން ވެސް، އަބުރު ކަތިލައިގެން ވެސް ނަޝީދުގެ ޓީމަށް ކުރި ނުހޯދިގެން ކަމަށާއި ނަޝީދު މަރާލަން ރާވާކަމުގެ ތުހުމަތު އެޅުވުމަކީ ވަރަށް ފިނޑި އަދި ނާތަހުޒީބު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އެއްވެސް ހެއްކަކާ ނުލައި އަޅުގަނޑުގެ ބޮލުގައި ރައީސް ނަޝީދު މަރާލަން ރާވާކަމުގެ އިލްޒާމް އެޅުވުން، އެ ބޭފުޅާ އަޅުގަނޑު އެ ހުށަހެޅީ އަޅުގަނޑަށް ބަޔަކު ޖިސްމާނީ ހަމަލާއެއް ދީފާނޭ ހާލަތަކަށެވެ،" ރޮޒައިނާ ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ސިޔާސަތުތަކަށާއި ސިޔާސީ ގޮތުން އެ މަނިކުފާނު އަމަލު ކުރައްވަމުން ގެންދަވާގޮތާމެދު ފާޑުވިދާޅުވި ނަމަވެސް ސެކިއުރިޓީ ދޭން ނުޖެހޭނެ ކަމަށް އަދި އެކަން ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އަދި ބަދަލެއް ގެންނާން ވެސް ވަކާލާތުކޮށްފައި ނުވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މިފަހަކަށް އައިސް ސިޔާސީ ގޮތުން ނަޝީދާ އެއްބަސްނުވެވޭ ގިނަ ކަންތައްތަކެއް ހިނގާފައިވުމާއެކު ސިޔާސީ ގޮތުން ފާޑުވިދާޅުވާ ކަމަށާއި ނަމަވެސް އެ މަނިކުފާނަށް ޖިސްމާނީ ގެއްލުމެއް ދޭން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.