Advertisement

ނަޝީދާ ދެކޮޅަށް ނުބައި ރޭވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުންގެ އެހީއަށް އެދިއްޖެ

20 އޭޕްރީލް 2023 - 14:19 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގެ ކުރިން ނަޝީދު މަޖިލީހުގެ އިދާރާގެ ގޭޓު ކައިރީގައި. -ފޮޓޯ: އަދަދު


ނަޝީދާ ދެކޮޅަށް ނުބައި ރޭވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުންގެ އެހީއަށް އެދިއްޖެ

20 އޭޕްރީލް 2023 - 14:19 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުން ކުރާ ހަަރަދު ކުޑަކުރަން ބާރު އަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ދައްކަވާ ވާހަކައިގެ ފަހަތުގައި ނުބައި ރޭވުމެއް އޮތް ކަމަށް ތުހުމަތުކޮށް މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.

ނަޝީދަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެ އެންމެ ގިނައިން ވާހަކަ ދައްކަވާ އެއް މެމްބަރަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް އެ މޭރުމުން ކޮންމެ ވެސް ވަރަަކަށް ވާހަކަ ދެއްކެވި އެވެ.

ފުލުހުންގެ އިދާރާއަށް މެމްބަރު އިމްތިޔާޒް ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހައްދަވައި އެ ދެ މެމްބަރުން އެކިއެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.

"ސަރުކާރާ ގާތްގުޅުން އޮންނަ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފަދަ ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް މުހައްމަދު ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހައްދަވައި އަދި އެކަން ހުއްޓުވުމަށް ބާރުއަޅުއްވާ މޭރުމަކުން އެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދެވުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް އަޅުގަނޑު ތުހުމަތުކުރަމެވެ," ފުލުހުންނަށް ފޮނުއްވި ސިޓީގައި އިމްތިޔާޒް ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވީ އެބޭފުޅަކަށް އޮތް ނުރައްކާ އެންމެ މަތީ މިންވަރަށް އޮތް، ނަޝީދު ފަދަ ބޭފުޅަކަށް ގާނޫނީ ގޮތުން ލާޒިމުވާ ސެކިއުރިޓީ ފޯރުކޮށްދިނުމާއި މެދު ފާޑުވިދާޅުވެ އެކަމާ ދެކޮޅު ހައްދަވައި ތަކުރާރުކޮށް ވާހަކަ ދައްކަވަން ޖެހޭނެ އެހެން ސަބަބެއް އޮންނާނެ ކަމަށް ދެެކެވަޑައިނުގަންނަވާ ކަމަށެވެ.

އެހެންވީމާ އެއީ ނަޝީދަށް އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބައި ރޭވުމެއް ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަން ތައްޔާރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... މިކަންބޮޑުވުން އަޅުގަނޑުގެ އޮންނާތީ މިކަމުގެ ހަގީގަތް ބައްލަަވައިދެއްވުމަށާއި ޖިނާއީ އަމަލެއް އެކުލެވޭ ނަމަ އަވަސް ފިޔަވަޅު އަޅުއްވައިދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި އިމްތިޔާޒް ވިދާޅުވި އެވެ.

ފުލުހުންގެ އެހީއަށް އިމްތިޔާޒް އެދިފައިވާއިރު، ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ދިން ބޮމުގެ ހަމަލާއާ ގުޅުވައި މެމްބަރު ހުސެއިން ޝަހީމަށް އެމަނިކުފާނު ވެސް މިފަހުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް އަހަރެއް ފުރި އެ ވާހަކަތައް އަލުން ގަދަވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ހުރަސް އަޅަމުންދާ ކަމަށް ލިޔުއްވައިފަ އެވެ.

ނަޝީދު އެހެން ވިދާޅުވުމާ އެކު ހުސައިން ޝަހީމް ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މުޅި ތަހުގީގުގައި ހިނގާ ކަންކަން ފޮރުވައި، ތަހުގީގަށް ހުރަސް އެޅޭ ވަރުގެ "އެފަދަ ކަމެއް ކުރެވޭނެ މީހެއް ނޫން" ކަމަށެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު ގ. ކެނެރީން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަން ބޮޑީގާޑުންނާ އެކު ވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރަށް ބައެއް ބޮޑީގާޑުންނާއި ބައެއް އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނެވެ.

މި ހަމަލާއިން ނަޝީދު ސަލާމަތްވީ ހަނި ގޮތަކަށް ކަމަށް އެމަނިކުފާނަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ބުނެ އެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ގިނަ އޮޕަރޭޝަންތަކެއް ކޮށްގެން ނަޝީދު ސަލާމަތްވިއިރު، ފަހުން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުންނާއި އިނގިރޭސިވިލާތުން ވެސް ނަޝީދު ފަރުވާ ހޯއްދެވި އެވެ.