ގައުމީ ޝިޕިން ލައިން އެމްއެސްއެސްގެ އެމްޑީގެ މަގާމަށް އައްޔަނުކުރި ކެޕްޓަން ނާޒިމް. -ފޮޓޯ: އެމްއެސްއެސް
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގައި އިސްކޮށް ހުންނެވި އެއް ބޭފުޅެއް ކަމަށްވާ މުހައްމަދު ނާޒިމް މިއަދު އައްޔަންކޮށްފި އެވެ.
ގައުމީ ޝިޕިން ލައިން އެމްއެސްއެސްގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު، އެމްއެސްއެސްގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރުމާ ގުޅިގެންނެވެ.
އެމްއެސްއެސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ އެމްޑީއަކަށް އެ ކުންފުނި އުފެދުނީއްސުރެ އެ ކުންފުންޏަށް ހިދުމަތްކުރައްވަމުން ގެންދެވި ނާޒިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
މެރިޓައިމް ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ނާޒިމް އެންމެ ފުރަތަމަ އެމްއެސްއެސްއަށް ހިދުމަތް ކުރެއްވީ ޖެނެރަލް މެނޭޖަރުގެ ހައިސިއްޔަތުންނެވެ.
އެ މަގާމުގައި ތިން އަހަރެއްހާ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، އެ ކުންފުނީގެ އެގްޒެކެޓެވް ޑިރެކްޓަރުގެ މަގާމަށް ނާޒިމް އައްޔަނުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment