Advertisement

ރާއްޖޭގެ ބިލިއާޑްގެ މަލަމަތި ބަދަލުކުރަން ދުނިޔޭގެ އެހީތެރިކަން!

21 އޭޕްރީލް 2023 - 13:17 0

ޑަބްލިއުޕީއޭގެ ބޯޑު މެންބަރެއް ކަމަށްވާ މެލޭޝިއާގެ ޗިއާ ސީ އޫން (މެލްވިން)، "އަދަދު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރާއްޖޭގެ ބިލިއާޑްގެ މަލަމަތި ބަދަލުކުރަން ދުނިޔޭގެ އެހީތެރިކަން!

21 އޭޕްރީލް 2023 - 13:17 0

ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެސޯސިއޭޝަންތަކުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ބައިނަލްއަގްވާމީ މުބާރާތްތަކެވެ. ރާއްޖޭއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކޮށް ވަނަ ހޯދުމާއި އަމިއްލަ ގައުމުގައި މުބާރާތްތަށް ބާއްވައި ދުނިޔޭގެ ކުޅިވަރުގެ ތަރިން ގެނެސް އެ ކުޅިވަރު ކޮމިއުނިޓީ ބައިނަލްއަގްވާމީ މައިދާނަށް ލޯ ހުޅުވައި ދިނުމެވެ. މިގޮތުން ރާއްޖޭގެ ބިލިއާޑް އާ މިސްރާބަކަށް ބަދަލުކޮށްލައި ދުނިޔޭގެ ލެވެލްގައި ގިނަ ކުރިއެރުންތަކެއް ހޯދާނެކަމަށް ބެލެވޭ "މޯލްޑިވްސް އޯޕަން" މާދަމާ ފަށާއިރު މި މުބާރާތާ އެކު ރާއްޖޭގެ ބިލިއާޑްގެ މަލަމަތި ބަދަލުވާނެކަމަށް ބެލެވެ އެވެ.

"މޯލްޑިވްސް އޯޕަން"ގެ ކަންކަން އެންމެ ގާތުން ބަލަމުން އަންނަނީ ދުނިޔޭގެ ބިލިއާޑް ފެޑެރޭޝަން (ޑަބްލިއުޕީއޭ) އިންނެވެ. އެ ގޮތުން މޯލްޑިވްސް އޯޕަންގެ ޓޯނަމަންޓް ޑިރެކްޓަރަކަށް ހަރަކާތްތެރިވަމުން އަންނަނީ ޑަބްލިއުޕީއޭގެ ބޯޑު މެންބަރެއް ކަމަށްވާ މެލޭޝިއާގެ ޗިއާ ސީ އޫން (މެލްވިން) އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބައްރު، އޭޝިއާ ސަރަހައްދުގެ ބިލިއާޑްގެ ނުފޫޒުގަދަ މީހެއްގެ ގޮތުގައި ފާހަގަވެފައިވާ މެލްވިން އަމާޒު ހިފައިގެން ހުރީ މި މުބާރާތާ އެކު ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި ގިނަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މުބާރާތާއި ގުޅޭގޮތުން ވާހަކަދައްކަމުން މެލްވިން ވިދާޅުވީ މިއީ ރާއްޖެ ކަހަލަ ގައުމަކަށް ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި، އޭނާ ހީކުރި ވަރަށް ވުރެ ގިނަ ކުޅުންތެރިން މުބާރާތުގައި ވާދަކުރާ ކަމަށެވެ. އަނެއްކޮޅުން ރާއްޖޭގައި މުބާރާތް ބާއްވާތީ އެއީ މި މުބާރާތަށް އިތުރު މީހުންގެ ލޯތައް އަމާޒުވާނެ ކަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

"މި މުބާރާތް ފުރަތަމަ އިއުލާންކުރިއިރު، އަހަރުމެން (ޑަބްލިއުޕީއޭ) އިން އުއްމީދެއް ނުކުރަން އެހާ ގިނަ ރޭންކިން ކުޅުންތެރިން ބައިވެރިވާނެކަަމަށް. ސަބަބަކީ ރާއްޖޭގައި އަލަށް މުބާރާތް ބާއްވާތީ އާއި މުބާރާތުގައި ބައިވެރިވާން ހުޅުވާލި މުއްދަތު ކުޑަވުން. އެކަމަކު ބައިވެރިންގެ ނަންތައް ބަލާލީމަ އަހަރެން މިހިރީ ހައިރާންވެފައި. ދުނިޔޭގެ ވަރުގަދަ ޗެމްޕިއަނުން އެބަތިބި. ރޭންކިންގެ އެންމެ މަތީގައި އުޅޭ ކުޅުންތެރިން އެބަތިބި." މެލޭޝިއާގެ ބިލިއާޑް އެސޯސިއޭޝަންގެ ރައީސް ކަން ވެސް ކުރަމުން އަންނަ މެލްވިން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި މި މުބާރާތުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ރާއްޖޭގެ ކުޅުންތެރިންނަށެވެ. ބައިނަލްއަގްވާމީ ލެވެލްގެ ކުޅުންތެރިންނާ އެކު ގިނައިން ކުޅެ ތަފާތު ފުރުސަތުތައް ހޯދައި އުނގެނެން މިއީ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަ ކުރެ އެވެ.

މެލޭޝިއާގައި މީގެ ކުރިން ބާއްވާފައިވާ އޯޕަން ބައެއް މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ވާދަކޮށްފައިވެ އެވެ. އެހެންކަމުން އޭނާ އަށް ދިވެހި ކުޅުންތެރިން ފަރިތަ އެވެ. އޭރާއި މިހާރާ އަޅާކިޔާއިރު ދިވެހި ކުޅުންތެރިންގެ ފަރާތުން ކުރިއެރުން ފެންނަކަމަށްވެސް މެލްވިން ފާހަގަކުރެއްވި އެވެ.

"އަހަރެން ދިވެހި ކުޅުންތެރިން ދަންނަން، މެލޭޝިއާގައި ބާއްވާ މުބާރާތްތަކުގައި ކުރިންވެސް ދިވެހި ކުޅުންތެރިން ވާދަކުރޭ. އެކަމަކު އޭރު ކުޅުންތެރިންގެ ފެންވަރު އެހާ ރަނގަޅެއް ނޫން. އެއީ އަސްލު ކޯޗެއް ނެތުމުގެ ތަފާތު. ދެން ހަމަ ތަޖުރިބާ މަދީ. މިފަހަރު އަހަންނަށް ފެނުނީ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ތަން. ވަރަށް ބޮޑު ކުރިއެރުމެއް އެބަފެނޭ." މެލްވިން ވިދާޅުވި އެވެ.

މެލްވިން، "އަދަދު" އަށް އިންޓަވިއުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދުނިޔޭގައި ބިލިއާޑް ފުޅާކޮށް އާ ފުރުސަތުތައް ތަނަވަސްކުރުމަށް ބަލާއިރު މެލްވިން ގަބޫލުކުރަނީ ރާއްޖެ އަކީ ވަރުގަދަ މަންޒިލެއް ކަމަށެވެ. ރާއްޖޭގައި މިވަގުތު ހުރި ފެސިލިޓީއާ އެކު ރަނގަޅު ފެންވަރެއްގެ މުބާރާތްތަކެއް ބޭއްވޭނެކަމަށް އޭނާ ގަބޫލުކުރެ އެވެ. އަނެއްކޮޅުން ރާއްޖޭގެ ކަހަލަ ހިތްގައިމު ރީތި ގައުމެއްގައި މުބާރާތް ބޭއްވުމަކީ ގިނަ ކުޅުންތެރިންގެ ޝައުގުވެރިވާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ޑަބްލިއުޕީއޭގެ އަމާޒަކީ މި ކުޅިވަރު ފުޅާކޮށް ކުރިއެރުވުން. އެހެންވެ ރާއްޖެ ކަހަލަ ގައުމެއްގައިވެސް މި މުބާރާތް ބޭއްވުމަށް އަހަރުމެން އެއްބާރުލުން ދޭން ނިންމީވެސް. އަނެއްކޮޅުން ރާއްޖެއަކީ މިކަހަލަ މުބާރާތެއް ބާއްވާއިރު ގިނަ ގޮތް ގޮތުން ފައިދާ ކުރާނެ ތަނެއް. މިސާލަކަށް މުބާރާތް ކުޅުމުގެ އިތުރުން މިގައުމުގެ ރީތިކަން. ބީޗުތައް. މިއީ ހަމަ މުބާރާތާއެކު ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތެކޭ އަހަރެން ބުނާނީ." މެލޭޝިއާގެ އޮލިމްޕިކް ކައުންސިލްގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މެލްވިން ވިދާޅުވި އެވެ.

އޭޝިއަން ބިލިއާޑް ފެޑެރޭޝަންގެ ނައިބް ރައީސް މެލްވިންގެ އުއްމީދަކީ މިއީ ރާއްޖޭގެ ބިލިއާޑްގެ އާ ސަފްހާއެއް ލިޔެވޭ މުބާރާތަކަށް ވުމެވެ. އެކަމަށްޓަކައި، ޑަބްލިއުޕީއޭ އިން އެހީތެރިކަން ފޯރުކޮށްދޭން ތިބީ ތައްޔާރަށެވެ. މި މުބާާރާތް ފުޅާކޮށް ހުއްޓުމެއްނެތި ޑަބްލިއުޕީއޭގެ މުބާރާތްތައް ރާއްޖޭގެ ބާއްވަން އޭނާ ހުރީ ވަރަށް ޝައުގުވެރިވެފަ އެވެ.

ދިވެހިރާއްޖެއަ އަންނަ ބޭރުގެ ކުޅުންތެރިންނަށް ވެސް މެލްވިންގެ މެސެޖަކީ ވެސް މިއީ އެވެ. ތަފާތު ހިތްގައިމު "ހުވަފެނީ" މަންޒިލެއްގައި ބިލިއާޑް ކުޅެން ބޭނުންވާ ނަމަ ރާއްޖެ އައިސް "މޯލްޑިވްސް އޯޕަން" ތަޖުރިބާ ކޮށްލުމެވެ.