Advertisement

އައިއޯއައިޖީ އަށް ތައްޔާރުވާ ޓީޓީ ޓީމް ތަމްރީންތަކަށް ކްރޮއޭޝިއާ އަށް

18 އޭޕްރީލް 2023 - 13:12 0


އައިއޯއައިޖީ އަށް ތައްޔާރުވާ ޓީޓީ ޓީމް ތަމްރީންތަކަށް ކްރޮއޭޝިއާ އަށް

18 އޭޕްރީލް 2023 - 13:12 0

މި އަހަރުގެ އޮގަސްޓް މަހަަށް ތާވަލުކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ގައުމީ ޓޭބަލް ޓެނިސް ޓީމްގެ މުހިންމު ހަތް ކުޅުންތެރިއަކު ދިގު މުއްދަތުގެ ތަމްރީންތަކަށް ކްރޮއޭޝިއާ އަށް ފުރައިފި އެވެ.

އެންމެ ފަހުން، 2019 ގައި މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ގައުމީ އަންހެން ޓީޓީ ޓީމުން ހަތް މެޑަލް ހޯދިއިރު އޭގެ ތެރޭގައި ތިން ރަން މެޑަލް ހިމެނެ އެވެ. މި އަހަރު ގައުމީ ޓީޓީ ޓީމުގެ އަމާޒަކީ އެ މެޑަލްތައް ދިފާއުކުރުމެވެ. އެކަމަށް، ތައްޔާރުވުމަށް ގައުމީ ޓީމުން ތަމްރީންތައް ހަދަމުން އަންނަނީ މަތީ ފަންތީގެ ޓްރެއިނިން ސެންޓަރުތަކުގަ އެވެ.

ކްރޮއޭޝިއާއަށް ރޭ ފުރި ޓީމްގައި ހިމެނެނީ ދެ އަންހެން ކުޅުންތެރިންނާއި ފަސް ފިރިހެން ކުޅުންތެރިންނެވެ. އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ލައިސާ ފަތުހުﷲ އިސްމާއިލް އެވެ. ފިރިހެން ކުޅުންތެރިންނަކީ ގައުމީ ޗެމްޕިއަން ޝައްފާން އިސްމާއިލް، މޫސާ މުންސިފް، އަޚްޔާރު އަހުމަދު ހާލިދު، ޒީކް ހަސަން ލަތީފް އަދި ތާބިން ސުޖާއު އެވެ.

މި ކުޅުންތެރިންގެ އިތުރުން އައިޝަތު ރަފާ ނާޒިމް ވެސް ޓީމާ ވަރަށް އަވަހަށް ގުޅޭނެ އެވެ.

ދިގު މުއްދަތުގެ ތަމްރީނަތަކަށް ކްރޮއޭޝިއާއަށް ދިޔަ ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގެ ދަށުން ތަމްރީންވަމުން އަންނަ އެތުލީޓުންނެވެ. މުންސިފް އަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕްގައި ތަމްރީންވަމުން އަންނަ ކުޅުންތެރިއެކެވެ.

މި ކުޅުންތެރިންގެ ތެރެއިން ރަފާ، އަޚްޔާރު އަދި ޝައްފާން ވަނީ މިދިޔަ އަހަރު މަހެއްހާ ދުވަހު ކްރޮއޭޝިއާގައި ތަމްރީންތަކެއް ހަދައިފަ އެވެ.

ގައުމީ އަންހެން ޓީޓީ ޓީމްގައި ހިމެނޭ ޖުމާނާ ނިމާލް އާއި މިޝްކާ މުހައްމަދު އިބްރާހިމް އަންނަނީ އިންޑީއާގެ ނިއު ދިއްލީގައި ހުންނަ ސްޓެގް އެކަޑެމީގައި ތަމްރީން ހަދަމުންނެވެ.

ޓޭބަލް ޓެނިހަކީ މިދިޔަ ހަތަރު އަހަރަށް ބަލާއިރު ބައިނަލްއަގްވާމީ ލެވެލްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައި އެންމެ ގިނައިން މެޑަލް ގެނައި އެއް ކުޅިވަރެވެ. މިގޮތުން އައިއޯއައިޖީގެ ޓީމް އިވެންޓެއްގެ ފުރަތަމަ ރަން މެޑަލް ޓޭބަލް ޓެނިހުން 2019 ގައި ގެނައިއިރު، ސައުތު އޭޝިއަން ގޭމްސްގައި ޓޭބަލް ޓެނިހުން ފުރަތަމަ މެޑަލް ހޯދީ 2019ގަ އެވެ. އޭގެ ފަހުން ސަރަހައްދީ ޖޫނިއާ މުބާރާތްތަކުން މެޑަލްތައް މިދިޔަ ދެ އަހަރު ހޯދި އެވެ. އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އިންވެސް ފުރަތަމަ މެޑަލް ހޯދީ ގައުމީ ޓީމަކީ ޓޭބަލް ޓެނިހެވެ.