Advertisement

ލީޑްސް ދަނޑުގައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފި

18 އޭޕްރީލް 2023 - 05:58 0

ލިވަޕޫލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ލީޑްސް ދަނޑުގައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފި

18 އޭޕްރީލް 2023 - 05:58 0

ލީޑްސް (އޭޕްރީލް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ލީޑްސް ޔުނައިޓެޑް ދަނޑުގައި ލިވަޕޫލުން 6-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިއީ މި ފަހަރު ލީގުގައި ލިވަޕޫލުން ރަށުންބޭރުގައި ކުޅުނު މެޗަކުން ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. މި މޮޅާ އެކު ވެސް ލިވަޕޫލް އޮތީ 30 މެޗުން 47 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ. ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.

ލީޑްސްގެ އެލަންޑް ރޯޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ލީޑުނެގީ 35 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ. މިއީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކަށް އަަރައި ގަކްޕޯ ޖެހި ގޯލެކެވެ. މިއީ ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލަށް ބަދަލުވި ގަކްޕޯ އެ ޓީމަށް ލީގުގައި ޖަހައިދިން ފަސް ވަނަ ގޯލެވެ.

ލިވަޕޫލުން ވަނީ މެޗުގެ 35 ވަަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. މިއީ ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ސަލާހު ޖެހި ގޯލެކެވެ.

ދެ ގޯލު ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ލިވަޕޫލް ކޮޅަށް ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ ގޯލެއް ވަނެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރު، އިބްރަހީމާ ކޮނާޓޭ ހެދި ގޯހެއްގެ ފައިދާނަގައި، ލީޑްސްގެ ލުއިސް ސިނިސްޓޭރާ ވަނީ ލީޑްސް އަށް ގޯލެއް ޖަހައިދީފަ އެވެ.

އެކަމަކު، އޭގެ ފަސް މިނިޓް ފަހުން، މެޗުގެ 52 ވަނަ މިނިޓްގައި ޖޮޓާ ގޯލެއް ޖެހި އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ޖޮޓާ ޖެހި ފުރަތަމަ ގޯލެވެ. މި ސީޒަނުގައި ޖޮޓާ އަށް އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުުރުގައި ހުންނަން ޖެހުމުން ވަރަށް ބޮޑަށް ފޯމަށް ވެސް އަސަރުކުރި އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ގަކްޕޯ ދިން ބޯޅައަކުން ސަލާހު ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާ ރޮނގުކައިރިން ދަނޑީގައި ބޯޅަ ޖައްސާފައި ގޯލަށް ފޮނުވާލައިގެން، ޖޮޓާ ވަނީ ލިވަޕޫލްގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. ލިވަޕޫލްގެ ހަ ވަނަ ގޯލު ޖެހީ ބަދަަލަކަށް ކުޅެން އެރި ޑާވިން ނޫނޭޒް އެވެ. އާނޯލްޑް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ނޫނޭޒް ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެެރެއިން ލިވަޕޫލް ހޯދި ފުރަތަމަ މޮޅެވެ. މި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ މި ސީޒަނުގައި މެޗެއް ފެށިގެން ނިޔަލަށް ބަލާނަމަ ލިވަޕޫލުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗު ކަމަށެވެ.

ލީޑްސް އޮތީ 31 މެޗުން 29 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.