Advertisement

ދެ މަހެއްހާ ދުވަސްތެރޭ އިމޯބިލޭ އަށް ފުރަތަމަ ލީގު ގޯލު

15 އޭޕްރީލް 2023 - 14:00 0

ސްޕެޒިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން އިމޯބިލޭ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ


ދެ މަހެއްހާ ދުވަސްތެރޭ އިމޯބިލޭ އަށް ފުރަތަމަ ލީގު ގޯލު

15 އޭޕްރީލް 2023 - 14:00 0

މިލާން (އޭޕްރީލް 15) - އިޓާލިއަން ލީގުގައި ދެ މަހެއްހާ ދުވަސްތެރޭ ޗީރޯ އިމޯބިލޭ ޖެހި ފުރަތަމަ ގޯލާ އެކު، ލާޒިއޯ އިން 3-0 އިން ސްޕެޒިއާ ބަލިކޮށް ލީގުގެ ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ލާޒިއޯ ދެ ވަނައިގައި އޮތީ 30 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ނަޕޯލީ އަށް 29 މެޗުން ވަނީ 74 ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯ ފަހަތުން ތިން ވަނައިގައި އޮތް ރޯމާ އަށް 29 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެެވެ.

މެޗު ފަށައިގެން އަމިއްލަ ދަނޑުގައި ކުޅުނު ސްޕެޒިއާ އަށް ގޯލެއް ޖަހަން ލިބުނު ދެ ފުރުސަތުގެ ވެސް ބޭނުމެއް ނުހިފުނެވެ. ނަތީޖާ އަކަށްވީ މެޗުގެ 36 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލާޒިއޯގެ ކެޕްޓަން އިމޯބިލޭ އެ ޓީމަށް ލީޑުނަގައިދިނުމެވެ. މި ޕެނަލްޓީ ދިނީ ސްޕެޒިއާގެ އީތަން އަމްޕަޑޫ އެ ޓީމުގެ އޭރިއާތެރެއިން ލާޒިއޯގެ ފިލީޕޭ އެންޑަސަން އަށް ފައުލުކުރުމުންނެވެ. މިއީ ދެ މަހެއްހާ ދުވަސްތެރޭ ލީގުގައި އިމޯބިލޭ ޖެހި ފުރަތަމަ ގޯލު ކަމުގައި ވިޔަސް މި ފަހަރު ލީގުގައި ޖެހި 10 ވަނަ ގޯލެވެ.

"މިއީ ހުރިހާ ގޮތަކުން ބެލިޔަސް އަހަރެންގެ ކޮންފިޑެންސަށް ވަރަށް މުހިންމު ގޯލެއް. ވަރަށް ގިނަ ގޮތްގޮތުން މިއީ އަހަންނަށް ވަަރަށް ދެރަ ސީޒަނެއް. އެކަމަކު، މި ލަނޑާ އެކު ކަންކަން ބަދަލުވާނެ ކަމަށް މި ބަލަނީ،" ރޭގެ މެޗަށް ފަހު އިމޯބިލޭ ބުންޏެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ، މެޗުގެ 51 ވަނަ މިނިޓްގައި ލާޒިއޯ އިން ލީޑުފުޅާކުރި އެވެ. މި ގޯލަކީ ސްޕެޒިއާ އޭރިއާތެެރެއިން ތަނަވަސްވި ފުރުސަތަކުން އެންޑަސަން ޖެހި ގޯލެކެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި އެންޑަސަން ޖެހި މި ގޯލުގައި އިމޯބިލޭ އާއި ލުއިޒް އަލްބާޓޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ސްޕެޒިއާގެ އަމްޕަޑޫ އަށް ވަނީ މެޗުގެ 83 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ސްޕެޒިއާގެ ކުޅުންތެރިއަކު މަދުވިތާ ފަސް މިނިޓް ފަހުން، ކައުންޓަ އެޓޭކުގައި ލާޒިއޯ އިން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ.

އެ ގޮތުން، ލާޒިއޯގެ މާކޯސް އެންޓޯނިއޯ އަށް މެދު ރޮނގުކައިރިން ކަހަލަ ގޮތަކަށް ސްޕެޒިއާ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ލާޒިއޯ އަށް މާކޯސް އެންޓޯނިއޯ ޖަހައިިދިން ފުރަތަމަ ގޯލެވެ.

މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ލާޒިއޯ އިން މި ސީޒަނަށް ކަނޑައެޅި ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި ނިންމައި، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ.