Advertisement

ޖޮކޮވިޗް ކަޓުވާލައި މުސެޓީ އެންމެން ހައިރާންކޮށްލައިފި

14 އޭޕްރީލް 2023 - 14:07 0

ޖޮކޮވިޗް އަތުން މޮޅުވި ޕޮއިންޓް ހޯދުމަށް ފަހު މުސޭޓީ އުފަލުން ބޮލުގައި އަތްއަޅައިގެން.


ޖޮކޮވިޗް ކަޓުވާލައި މުސެޓީ އެންމެން ހައިރާންކޮށްލައިފި

14 އޭޕްރީލް 2023 - 14:07 0

މޮންޓެ ކާލޯ (އޭޕްރީލް 14) - މިހާރު ކުރިއަށްދާ މޮންޓެ ކާލޯ މާސްޓާސްގެ ގަދަ 16 ބުރުގައި ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް ކަޓުވާލައި އިޓަލީގެ ލޮރެންޒޯ މުސެޓީ އެންމެން ހައިރާންކޮށްލައިފި އެވެ.

ވިއްސާރައިގެ ސަބަބުން އެއް ގަޑިއިރު ލަސްވި މި މެޗުން، ދުނިޔޭގެ ރޭންކިން 21 ވަނައިގައި އޮތް މުސެޓީ މޮޅުވީ ތިން ސެޓު ކުޅެގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 4-6، 7-5 އަދި 6-4 އިންނެވެ.

މި މެޗުން ބަލިވުމާ އެކު، ޖޮކޮވިޗް، އޭޓީޕީ މާސްޓާސް މުބާރާތްތައް ކާމިޔާބުކޮށްގެން ހަދާފައިވާ ރެކޯޑް އިތުރަށް ފުރިހަމަ ކުރަން ލިބުނު ފުރުސަތު ވަނީ މި މުބާރާތުން ގެއްލިފަ އެވެ. ޖޮކޮވިޗް ވަނީ 38 އަށް އޭޓީޕީ މާސްޓާސް ތަށި އުފުލާލައިފަ އެވެ.

"ވަރަށް ދަށްކޮށް މި މެޗުގައި މި ކުޅެވުނީ. ހަގީގަތުގައި އެއީ މިހާ ދެރަކޮށް މި އިހުސާސް ކުރެވޭ ސަބަބަކީ. އެކަމަކު، އަހަރެން އޭނަ (މުސޭޓީ) އަށް މަރުހަބާ ކިޔަން. އެންމެ މުހިންމު ދަނޑިވަޅުތަކުގައި މި މެޗުގައި އޭނާ ހުރީ ވަރަށް އިތުބާރާ އެކު،" 2013 އާއި 2015 ވަނަ އަހަރު މޮންޓެ ކާލޯ މާސްޓާސް ކާމިޔާބުކުރި ޖޮކޮވިޗް، 35، ބުންޏެވެ.

މުސޭޓީ (ވ) އާއި ޖޮކޮވިޗް (ކ) މެޗަށް ފަހު ސަލާމްކުރަނީ: މިއީ މުސޭޓީގެ ކެރިއަރުގައި ޖޮކޮވިޗް އަތުން ހޯދުނު ފުރަތަމަ މޮޅު.


ޖޮކޮވިޗް އަށް 2015 ވަނަ އަހަރުގެ ފަހުން މޮންޓެ ކާލޯ މާސްޓާސްގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދެވިފައިނުވެ އެވެ.

ކުއާޓާ ފައިނަލުގައި މުސޭޓީ ކުޅޭނީ އިޓަލީގެ ޔަނިކް ސިނާއާ ދެކޮޅަށެވެ. ސިނާ ވަނީ ގަދަ 16 ބުރުގައި ޕޮލެންޑްގެ ހިއުބާޓް ހުކާޒް އަތުން މޮޅުވެފަ އެވެ. މިހާރު އޮތް ގޮތުން، މުބާރާތް ކާމިޔާބު ކުރާނެ ފޭވަރިޓުންގެ ގޮތުގައި މުސޭޓީ އާއި ސިނާގެ ނަން ފާހަގަކޮށްލެވެ އެވެ.

މުސޭޓީ ބުނީ ޖޮކޮވިޗް ބަލިކުރުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

"އަހަރެމެން ނުރޮއި ހުންނަން ވަރަށް މަސައްކަތް މި ކުރަނީ. މިއީ ވަރަށް ވެސް އުފާވެރި ވަގުތެއް، މިއީ ވަރަށް ވެސް ހާއްސަ ވަގުތެއް. އަހަރެން މި މެޗު އަބަދުގެ އަބަދަށް ވެސް ހަނދާނުގައި ބަހައްޓާނަން،" މުސޭޓީ ކަރުނަ ފޮހެމުން ބުންޏެވެ.

މީގެ ކުރިން ޖޮކޮވިޗްއާ ދެކޮޅަށް ކުޅުނު މެޗުތައް ބަލައި، ހެދުނު ގޯސްތައް ރަނގަޅުކުރަން މި މެޗުގައި ކުރި މަސައްކަތް ކާމިޔާބުވުމުން މުސޭޓީ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.