Advertisement

ލޯރިއަސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޖޮކޮވިޗް، މޮޅު ޓީމަކަށް ސްޕެއިންގެ އަންހެން ޓީމު

23 އޭޕްރީލް 2024 - 10:47 0


ލޯރިއަސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޖޮކޮވިޗް، މޮޅު ޓީމަކަށް ސްޕެއިންގެ އަންހެން ޓީމު

23 އޭޕްރީލް 2024 - 10:47 0

މެޑްރިޑް (އޭޕްރީލް 23) - ލޯރިއަސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޓެނިސް ތަރި ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ. މިއީ ސާބިއާ އަށް ނިސްބަތްވާ ޖޮކޮވިޗް އެ މަގާމު ހޯދި ފަސް ވަނަ ފަހަރެވެ.

ދުނިޔޭގެ އެއްވަނަ ސީޑް ކަމަށްވާ ޖޮކޮވިޗް ،36، ވަނީ 2023 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން އަދި ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ. ކެރިއަރުގައި ޖުމްލަ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ވަނީ މީގެ ކުރިން 2012، 2015، 2016 އަދި 2019 ވަނަ އަހަރު ލޯރިއަސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

"ފަސް ވަނަ ފަހަރަށް މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް،" ޖޮކޮވިޗް ބުންޏެވެ.

އަހަރުގެ އެންމެ މޮޮޅު ޓީމަކަށް ހޮވުނީ ސްޕެއިންގެ އަންހެން ފުޓްބޯޅަ ޓީމެވެ. މިދިޔަ އަހަރު އޮސްޓްރޭލިއާ އަދި ނިއު ޒިލޭންޑްގައި ބޭއްވި އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ސްޕެއިން އެވެ. މިއީ ލޯރިއަސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ޓީމުގެ އެވޯޑް އަންހެން ޓީމަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނީ ސްޕެއިންގެ އަންހެން ފުޓްބޯޅާ ޓީމުގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީއަށެވެ. ބާސެލޯނާ އަށް ކުޅެމުންދާ އައިޓާނާ އަކީ މި އެވޯޑް ހޯދި ފުރަތަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ.

ލޯރިއަސް ސްޕޯޓްސް އެވޯޑްސް އިން ހޮވި "ބްރޭކްތުރޫ އޮފް ދަ އިޔާ" އެވޯޑް ލިބުނީ އިންގްލެންޑާާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އަށެވެ.