14 އޭޕްރީލް 2023 - 13:44 0
14 އޭޕްރީލް 2023 - 13:44 0
ލިވަޕޫލް (އޭޕްރީލް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ ވާތުބެކް، އެންޑީ ރޮބަޓްސަން އަށް ހަމަލާދިން ކަމަށް ބުނާ ލައިންސްމަން، ކޮންސްޓަންޓިން ހަޓްޒިޑާކިސްގެ މައްސަލަ ބަލައި، އޭނާ އަށް އިތުރު ފިޔަަވަޅެއް ނާޅަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ލިވަޕޫލުން އެ ޓީމުގެ އެންފީލްޑް ސްޓޭޑިއަމްގައި އާސެނަލާ 2-2 އިން އެއްވަރުވި މެޗުގެ ފުރަތަމަ ހާފު ނިމުނު ވަގުތުގައި ރޮބަޓްސަން ވަނީ ހަޓްޒިޑާކިސްގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހޭތީ އޭނާ ގާތުގައި އެ ކަމުގެ ޝަކުވާ ކުރަން ގޮސްފަ އެވެ. ރޮބަޓްސަން ގޮސް، ހަޓްޒިޑާކިސް ގާތަށް ޖެހިލި ވަގުތުގައި އޭނާ އުޅަބޮށި އުފުލުމުން ރޮބަޓްސަން ގައިގައި ޖެހުނެވެ. ހަޓްޒިޑާކިސްގެ އެ އަމަލާ މެދު ހިތްހަމަނުޖެހި ލިވަޕޫލް ކުޅުންތެރިން މެޗުގެ ރެފްރީ، ޕޯލް ޓިއާނީ ގާތުގައި އެޕީލްކުރަން ދިއުމުން، ރޮބަޓްސަން އަށް ރީނދޫ ކާޑު ވެސް ދެއްކި އެވެ.
އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ކަންކަން ބަލަހައްޓާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އާއި އެފްއޭ އިން އެ މައްސަލައިގައި ރޮބަޓްސަން އާއި ހަޓްޒިޑާކިސްއާ ބައްދަލުކުރުމަށް ފަހު، ދެ ފަަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ނިންމާފައިވަނީ މައްސަލައިގައި ފިޔަވަޅު އަޅަން ނުޖެހޭ ކަމަށެވެ.
އެކަމަކު، ހަޓްޒިޑާކިސް ވަނީ ރޮބަޓްސަން ކިބައިން މާފަށް އެދިފަ އެވެ. ހަޓްޒިޑާކިސް ބުނީ އެއްވެސް އިރެއްގައި އެ ހާލަތުގައި އޭނާ ވިސްނީ ރޮބަޓްސަން ގައިގައި ޖެހުން ނޫން ކަމަށާއި އަތް ނެގީ ރޮބަޓްސަން ކައިރިއަށް އައި ވަގުތު ދިފާއުގައި ކަމަށެވެ.
"ވިސްނުމަކީ ވީ އެންމެ އަވަހަށް މެޗުތަކުގައި އިންސާފުކުރަން ފެށުން،" ފީފާ ބެޖް ލިބިފައިވާ އެސިސްޓަންޓް ރެފްރީ، ހަޓްޒިޑާކިސް ބުންޏެވެ.
އިނގިރޭސި އެފްއޭ އިން ބުނީ މައްސަލަ ނިންމުމުގައި ޕީޖީއެމްއޯއެލް އާއި ވީޑިއޯ ފޫޓޭޖާއި ރެފްރީ ރިޕޯޓްގެ އިތުރުން ހަޓްޒިޑާކިސް އާއި ރޮބަޓްސަން އަށް ވެސް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ. ހުރިހާ ފަރާތެއްގެ ކަންކަން ބެލުމަށް ފަހު، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ވަރަށް އަވަހަށް ހަޓްޒިޑާކިސް އަށް މެޗުތަކުގައި އިންސާފުކުރުމުގެ ފުރުސަތު ދޭނެ އެެވެ.
Comment