Advertisement

‏ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށް ގާސިމާއި ނަޝީދު ހުށަހަޅުއްވައިފި

14 އޭޕްރީލް 2023 - 10:07 3

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ރައީސް ސޯލިހާއި ގާސިމް އަދި ނަޝީދު.


‏ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށް ގާސިމާއި ނަޝީދު ހުށަހަޅުއްވައިފި

14 އޭޕްރީލް 2023 - 10:07 3

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަކުރައްވަން ނިންމަވައި، އަދި ނަޝީދާއި ގާސިމްގެ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ފަށާފައި ވަނިކޮށް އެ ދެ ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަން ހުށަހެޅުއްވާފައިވާކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

މިކަން ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން ކަށަވަރުކޮށް ދެއްވި އެވެ.

އެމްޑީޕީގެ އިސް ބައެއް މެމްބަރުންނާއެކު ދާދި ފަހުން ރައީސް ސޯލިހު ބޭއްވެވި ބައްދަލުވުމެއްގައި ވެސް ނަޝީދު އާއި ގާސިމްގެ އެ ހުށަހެޅުއްވުމުގެ ވާހަކަ ހިއްސާ ކުރެއްވެވި އެވެ.

"ގިނަ ބޭފުޅުން ތާއިދު ކުރެއްވި އެ ބައްދަލުވުން ކުރިއަށް ގެންދަވަން. ސަބަބަކީ އެމްޑީޕީގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސް [ސޯލިހު] އާ ބައްދަލު ކުރައްވަން ހުށަހެޅުއްވީމަ ބައްދަލު ކުރައްވަން ޖެހޭނެ ކަމަށް ލަފާ ދެއްވީ،" ރައީސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ސޯލިހާ ބައްދަލު ކުރައްވަން ހުށަހެޅުއްވި ވާހަކަ ގާސިމް ވެސް ވަނީ އޭނާގެ ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާ ކުރައްވައިފަ އެވެ.

ނަމަވެސް ބައްދަލުކުރެއްވުމުގެ ބޭނުމެއް ނޭނގެ އެވެ. އަދި ބައްދަލުކުރައްވަން ރައީސް ސޯލިހު ނިންމެވި ކަމެއް އަދި އެކަމަށް ތާރީހެއް ކަނޑައަޅުއްވާފައިވާ ކަމެއް ނޭނގެ އެވެ.

މުހިންމު ބައްދަލުވުމަކަށް ގާސިމް އާއި ނަޝީދު ހުށަހެޅުއްވިއިރު، ގާސިމްއާއެކު ކޯލިޝަން ހެދުމަށް ނަޝީދު ޝަރުތުކުރާ ކަންކަމުގެ ޑްރާފުޓު ކަރުދާހެއް ވަނީ އިއްޔެ ލީކްވެފަ އެވެ.

"އަދަދު" ނޫހުން ފަޅައިއަރުވާލި އެ ކަރުދާހުގައި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމާއި، ސަރުކާރު ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބޭ ގޮތަށް ހެދުމަށާއި، ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހުން، އެ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓު ހުވާ ކުރުމާ ދެމެދު ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފާސްވެއްޖެނަމަ 2024 ގެ މަޖިލިސް އިންތިހާބު އެ ބަދަލުތަކާ އެކު ބޭއްވުމަށް ހުށަހަޅުއްވާފައިވެ އެވެ.

ނަޝީދުގެ އެ ކަރުދާހާ ގުޅޭ ގޮތުން ޖޭޕީ އާއި ނަޝީދު ވެސް ވިދާޅުނުވާއިރު، އެ ދެ ފަރާތުން ވެސް އެ ކަރުދާސް ދޮގެއް ނުކުރެ އެވެ.

މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި ނަޝީދު. އެ ކޮންގްރެސް ފެށިއިރު ދެ ބޭފުޅުންގެ ހުރި ހިޔާލު ތަފާތުވުންތައް ކޮންގްރެސްގެ ތެރެއިން ވަނީ ހައްލުކޮށްފަ. -- ފޮޓޯ: އަދަދު


ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމަށް ނަޝީދު ދެކެވަޑައިގަންނަވާ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށްޓަކައި، މިދިޔަ އަހަރު އޯގަސްޓް މަހު މާލޭގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް އެ މަނިކުފާނު ގަރާރެއް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، އެ ގަރާރަށް ވޯޓަށް އެހުމުގެ ބަދަލުގައި ގަރާރު ގެންދެވީ އަލުން މަޝްވަރާ ކުރެއްވުމަށް ވިދާޅުވުމަށް ފަހު އެވެ.

"ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކޮށްގެން އަދި ޕާޓީގެ އެހެން ވެސް ގުނަންތަކާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ހިމުން އެއްގޮތް އުސޫލުތަކާއި ހަމަތަކެއް ހޯދޭނެ, އެއީ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާނެ ކަމެއް ނޫން," އެ ކޮންގްރެސްގައި ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު ބޭނުންފުޅުވާއިރު، ރައީސް ސޯލިހު އަދި ގާސިމް ވެސް ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް އެ ދެބޭފުޅުން ވިދާޅުވެފައިވެ އެވެ.

ސިޔާސީ ވާދަވެރިކަމުގައި ހަތުރުންނަށް ވެފައިވާ ކުރީގެ ދެ މިތުރުން ކަމުގައިވާ ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ތާއިދު އޮތްކަން ދައްކަވަމުންނެވެ. އަދި ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ހަރަކާތުން ޖޭޕީއާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެ އެވެ.

ނަމަވެސް، ގާސިމަށް ނަޝީދު ތާއިދު ކުރައްވާކަން ރަސްމީކޮށް އަދި އެމަނިކުފާނު ހާމައެއް ނުކުރައްވަ އެވެ.