Advertisement

ނިޒާމްބެ ބުނަނީ ވާދަކުރަން ބުރުން ޖެހިލުންވާނެ އެއްވެސް ޓީމެއް ނެތްކަމަށް

14 އޭޕްރީލް 2023 - 14:34 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ބުރު ސްޕޯޓްސް ކްލަބްގެ ޕްރެކްޓިހުގެ ތެރެއިން ނިޒާމްބެ: ފުރަތަމަ ޑިވިޝަނުގައި ބުރުން ވާދަކުރާއިރު، ވަކި ޓީމެއް ދެކެ ޖެހިލުންވެގެން ކަންކަން ކުރަން ނުވިސްނާނެ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަހުމަދު މިގުދާދު/ ދާދު ފޮޓޯސް


ނިޒާމްބެ ބުނަނީ ވާދަކުރަން ބުރުން ޖެހިލުންވާނެ އެއްވެސް ޓީމެއް ނެތްކަމަށް

14 އޭޕްރީލް 2023 - 14:34 0

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކުލަބު މި ސީޒަނަށް ނުކުންނަނީ ކޮންމެ ޓީމެއްވެސް ބަލިކުރުމުގެ ވިސްނުމުގައި ކަމަށާއި، އެ ޓީމުން ޖެހިލުންވާ އެއްވެސް ޓީމެއް ނެތް ކަމަށް ބުރުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޕްރެޒިޑެންސް ކަޕްގައި މާދަމާރޭ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަޑީގައި ބުރުގެ އަަލަތު މެޗެެވެ. މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަނެއް ކުޅެގެން، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރުން ސީޒަނަށް ތައްޔާރީތައް ފެށީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން ކޯޗު ނިޒާމްބެ ބުނީ ތައްޔާރުވާން ލިބުނު މުއްދަތަށް ބަލާއިރު މި މުބާރާތުގައި ބައިވެރިވުމުގެ ވިސްނުމެއް އެ ޓީމްގައި އެންމެ ފުރަތަމަ ނެތް ކަމަށެވެ. ނަމަވެސް ޓީމުގެ މިހާރުގެ ހާލަތު ދެނެގަނެ އެ ޓީމުގައި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަންނަން ޕްރެޒިޑެންޓްސް ކަޕަކީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވާތީ ބޭނުންހިފަން ނިންމީ ކަމަށް ނިޒާމްބެ ބުނެފައިވެ އެވެ.

"ފުރަތަމަ ވިސްނުމެއް ނެތް މުބާރާތުގައި ޓީމް ބައިވެރިކުރުމުގެ ވެސް. އެކަމަކު، މިއީ ރަނގަޅު ފުރުސަތެއް ކަމަށް މި ބަލަނީ ކުރިއަށް އޮތް ސީޒަނަށް، ލީގަށް، މިހާރުގެ ޓީމްގެ ސްޓްރެންތް ދެނެގަތުމަށް. ދެން ފޮރިން ޕްލޭޔަރުން ގެންނަން ބަލާއިރުވެސް މި މެޗުތައް މުހިންމު. ތަންތަނަށް ކުޅުންތެރިން ގެންނަ ބަލާއިރު. އެހެންވެ މި މުބާރާތުގައި ބައިވެރިވީ." ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ނިޒާމްބެ ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނިޒާމްބެ ބުނީ ބުރުގެ ފުރަތަމަ ފެނިލުމަކީ ވެސް ރަނގަޅު ފެށުމަކަށް ހަދަން ބޭނުންވާ ކަަމަށެވެ. ބުރުން ވާދަކުރަން ބަލާއިރު، ޖެހިލުންވާ ވަރުގެ އެއްވެސް ޓީމެއް މި ސީޒަންގައި ނެތްކަމަށާއި ބުރުގެ ވިސްނުމަކީ ވެސް ރަނގަޅު ވާދައެއް ކޮށް ޓީމްތައް ބަލިކޮށްގެން ބޭނުންވާ އަމާޒުގައި ކުރިއަށް ދިއުން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. .

ނިޒާމްބެ ގަބޫލުކުރާގޮތުގައި ޕްރެޒިޑެންސް ކަޕްގެ ފޭވަރިޓުންނަކީ ކޮންބައެއްތޯ އެހުމުން އޭނާ ބުނީ "ފޭވަރިޓުންނަކީ ވެސް ބުރު" ކަމަށެވެ. ނިޒާމްބެ ބުނީ ރޭންކިންއެއް ހަދައިފި ނަމަ ކުރީގައި އޮންނާނީ މާޒިޔާ ނުވަތަ އީގަލްސް ކަމަށާއި، އެހެން ޓީމްތަކަށް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.

"ޔަގީނުންވެސް ފޭވަރިޓުންނަކީ ބުރު. އެއީ ރިއަލިސްޓިކް ނޫނީ އަންރިއަލިސްޓިކް ވާހަކަ ނުދައްކާ." ޓީސީ ސްޕޯޓްސް ކްލަބް ގޮވައިގެން ދެ ފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅެފައިވާ ނިޒާމްބެ ބުންޏެވެ.

"ބުރު ވާދަނުކުރާނެ އެއްވެސް ޓީމެއް ނެތް. ބުރު ޖެހިލުންވާނެ ޓީމެއް ނެތް. ބުރުގެ ވިސްނުމަކީ އެއީ. ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ. އެކަން ކުރެވޭނެތީ މި ސީޒަނަށް ނިކުންނަނީ. އެހެންނޫނީ ނުނިކުންނާނެ."

ނިޒާމްބެ ބުނީ އަލަަށް ފުރތަމަ ޑިވިޝަންގައި ވާދަކުރާއިރު ކުލަބުން އެންމެ ބޮޑު އިސްކަމެއް ދެނީ މިހާރު ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތައް އޮތް ހާލަތަށް ނުގޮސް ރަނގަޅަށް ކުލަބު މެނޭޖު ކުރުން ކަމަށެވެ. އޭގެ ފަހުން ރަނގަޅު ނަތީޖާތަކެއް ނެރި ފުރަތަމަ ޑިވިޝަންގައި ހިފަހައްޓާލުން ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާ ބުނީ މިވަގުތު ބުރުގެ މެނޭޖުމަންޓުން ކުރަމުން އަންނަ މަސައްކަތް ރަނގަޅު ކަމަށާއި މާލީ ގޮތުންވެސް ކުލަބު އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ.

ސީޒަންގައި ރަނގަޅު ވާދައެއް ކުރަން ބަލާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ނިޒާމްބެ ފާހަގަކުރީ ރަނގަޅު ކުޅުންތެރިންތަކަކާ އެކު އާ ޓީމެއް ބިނާކުރުން ކަމަށެވެ. ނިޒާމްބެ ބުނީ ބުރަކީ ފުރަތަމަ ޑިވިޝަނަށް އާ ކުލަބަކަށް ވުމުން ގިނަ ކުޅުންތެރިން ހޯދަން ޖެހެނީ އެކި ދިމަދިމާލުން ކަމަށާއި، އެހެންކަމުން މުޅިން އާ ޓީމެއް އުފައްދަން ވަގުތު ބޭނުންވާ ކަމަށެވެ.

"ބުރު އޮތީ މި މުބާރާތަށް ނިކުމެވޭވަރަށް މާލީ ގޮތުން ރަނގަޅު ހާލަތެއްގައި. ޓީމެއް އެކުލަވާލުމުގައި އެންމެ ބޮޑު ގޮންޖެހުމެއް އޮތީ. އެއީ ކުލަބުތަކުގައި ތިބި ގިނަ ކުޅުންތެރިން ހޯދަން މި ޖެހެނީ ފުރަތަމަ ޑިވިޝަންގެ ޓީމްތަކުން. އެހެންވެ ބޭނުންވި ފެންވަރުގެ ކުޅުންތެރިންނެއް ނުގެނެވުނު. ދެން އަލަށް ޓީމެއް ރެޑީކުރަން ތިން މަސް ހޭދަވާނެކަމަށް ގަބޫލުކުރަން އެހެންވެ އަސްލު ފުރަތަމަ ވިސްނީ ބައިވެރިނުވާން." ދެ ވަނަ ޑިވިޝަނުން ޓީސީ ޕްރޮމޯޓްކޮށްދީ ފުރަތަމަ ޑިވިޝަނުގައި އެ ޓީމުން ފައިތިލަ ސާބިތުކުރުމުގައި އިސް ރޯލެއް ކުޅުނު ނިޒާމްބެ ބުންޏެވެ.

ބުރުގެ ޕްރެކްޓިހުގެ ތެެރެއިން ނިޒާމްބެ.--- ފޮޓޯ: ބުރު ސްޕޯޓްސް ކްލަބް/ ފޭސްބުކް


އޭނާ ބުނީ ބުރުގެ އަމާޒަކީ ޕްރެޒިޑެންސް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރި ނަމަވެސް އެންމެ ދުރަށް ދިޔުން ކަމަށެވެ. އޭނާ ބުނީ ހަފްތާއެއްހާ ދުވަހުގެ މަސައްކަތުން ތައްޔާރުވެފައި އޮތް ޓީމަކަށް މިއީ އުނދަގޫ ޗެލެންޖަކަށްވާނެކަމަށެވެ.

ބުރާއި އެކު އެއް ގްރޫޕެއްގައި ދެން ހިމެެނެނީ ޓީސީ އާއި މާޒިޔާ އެވެ. ޓީސީ އާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ނިޒާމްބެ ބުނީ މި ގްރޫޕުގައި އޮތް ދެ ޓީމަށް ބަލާއިރު މާދަމާރޭގެ މެޗަކީ މިހާރު އޮތް ހާލަތުން ބުރަށް އެންމެ ރަނގަޅު ވާދައެއް ކުރެވޭނެ މެޗު ކަމަށާއި، މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ.

ޓީސީ އަކީ ނިޒާމްބެއާ ވަރަށް ބޮޑަށް ގުޅިފައިވާ ކްލަބެކެވެ. އެ ޓީމުގެ ކާމިޔާބީގެ ބޮޑު ހިއްސާއެއް ގުޅިފައި އޮތް ކޯޗަކީ ނިޒާމްބެ އެވެ. މިދިޔަ ސީޒަނުގައި ވެސް ނިޒާމްބެ ހުރީ ޓީސީގަ އެެވެ. ބުރުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ މެޗުގައި ޓީސީއާ ގުޅެން ޖެހުމުން، "އިމޯޝަނަލީ" މީގެ ކަމެއް ހުންނާނެތޯ އެހުމުން ނިޒާމްބެ ބުނީ ކޮންމެ ގޮތެއް ވިޔަސް މި ވަގުތު ޕްރޮފެޝަނަލީ ވިސްނައިގެން ހުންނަން ޖެހޭނީ ބުރު މޮޅުކޮށްދޭން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ.

ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބް ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ. މިރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.