Advertisement

ތެލުގެ ސަބްސިޑީ ދޭ ސިޔާސަތު މިއަހަރު ބަދަލުނުކުރާނެ ކަމުގެ އިޝާރާތެއް

15 އޭޕްރީލް 2023 - 15:07 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ސްޓެލްކޯގެ މައި އިމާރާތް: ފޮޓޯ: އަދަދު


ތެލުގެ ސަބްސިޑީ ދޭ ސިޔާސަތު މިއަހަރު ބަދަލުނުކުރާނެ ކަމުގެ އިޝާރާތެއް

15 އޭޕްރީލް 2023 - 15:07 0

ތެލުގެ ސަބްސިޑީ އޭގެ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް އެކަނި ދޭ ގޮތަށް އުސޫލު ބަދަލުކުރުން މަޑުޖެހިފައިވާ ކަމުގެ އިޝާރާތެއް ފިނޭންސް މިނިސްޓްރީއިން ދީފި އެވެ.

ތެލުގެ ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޖުލައި, 2022 ގަ އެވެ.

ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި, ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒު ކުރަނީ މައިގަނޑު އެއް ސަބަބަކީ ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމެވެ.

އެ އުސޫލު އިސްލާހުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން."

އެއާއެކު ސަރުކާރުން މި އަހަރަށް ބަޖެޓު ހުށަހެޅީ ތެލުގެ ސަބްސިޑީ ދިނުމުގެ އުސޫލަށް ގެންނަ ބަދަލުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އަންދާޒާކޮށްފަ އެވެ.

އެކަމަކު އަހަރުގެ ހަތަރު ވަނަ މަސް ދެބައިވިއިރު ވެސް، އެ އުސޫލާ ބެހޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން، "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވަނީ އެކަން މި އަހަރު ނުކުރާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

"އެކަން މިއަހަރު ނުކުރާނެ ގޮތަށް ޕޮލިސީ ލެވެލްގައި ވިސްނުންހުރީ،" އިތުރު ތަފްސީލެއް ނުދެއްވައި ސަރުވަޝް ވިދާޅުވި އެވެ.

މިއަހަރުގެ ސަބްސިޑީއަށް ކުރާނެ ހޭދަައިގެ ގޮތުގައި 2.285 ބިލިއަން ރުފިޔާ ޖެހީ ސަބްސިޑީ ދޭ އުސޫލަށް ބަދަލެއް ގެނެސްގެން ސަލާމަތްކުރެވޭނެ އަދަދުތަކުގެ މައްޗަށް ބިނާކޮށެވެ.

އެކަމަކު މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އޭގެ ތެރެއިން 1.268 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މާނައަކީ އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުމުގެ ކުރިން، ސަބްސިޑީ ބަޖެޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނައިން ވަނީ ހުސްވެފަ އެވެ.