13 އޭޕްރީލް 2023 - 12:00 0
ނިމާ ހަސަން
އެފްކޮންސް ކުންފުނިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު
13 އޭޕްރީލް 2023 - 12:00 0
އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ ޕްރޮޖެކްޓާއި ތިލަފުއްޓާއި މާލެ ގުޅާލާ ބްރިޖު އަޅަމުންދާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނީގެ މައި ކުންފުނި ވިއްކާލި ނަމަވެސް ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އަސަރު ނުކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެފްކޮންސް ވިއްކާލުމަށް ކުންފުނީގެ ވެރިން ވިސްނަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރީ އިއްޔެ އެވެ. އިންޑިއާގެ ދި އިކޮނަމިކްސް ޓައިމްސްގެ އިއްޔެ އަދަދުގައި ބުނެފައިވާ ގޮތުން ބިލިއަނަރު ޝަޕޫރު މިސްޓްރީގެ މައި ކުންފުނިން ހިންގާ އެފްކޮންސް ވިއްކާލަނީ އެ ކުންފުނީގެ ފައިސާތަކެއް ތާށިވެފައި ހުރުމުން އެ ދަތި ފިލުވުމަށެވެ.
އިކޮނަމިކް ޓައިމްސްއިން ބުނެފައި ވަނީ އެފްކޮންސް ވިއްކާލައިގެން ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ޝަޕޫރު ގްރޫޕުން ލަފާ ކުރެ އެވެ. ނަމަވެސް, މިވަގުތު ވިއްކާލުމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި, ކުންފުނި ވިއްކާލުމުގެ މަގްސަދުގައި ޝަޕޫރް ގްރޫޕުން އެއްވެސް އެހެން ބަޔަކާ ވާހަކަ ދައްކާފައި ނުވާ ކަމަށް ވެސް ވެ އެވެ.
މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން މިއުވާން ވިދާޅުވީ އެފްކޮންސް ކުންފުނި ވިއްކާލުމާ ބެހޭ އެއްވެސް މަޝްވަރާއެއް އެ ކުންފުނިން ދިވެހި ސަރުކާރާ ކޮށްފައި ނުވާ ކަމަށާއި، އެކަމުގެ މައުލޫމާތު އޭނާއަށް ވެސް ލިބުނީ މީޑިއާތައް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް, އެފްކޮންސް ވިއްކާލިޔަސް ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކަށް އަސަރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްކޮންސްއިން ރާއްޖޭގައި ހިންގާ ތިލަމާލެ ގުޅާލާ ބްރިޖަކީ 530 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އަދި އައްޑޫގައި ހިންގާ ޕްރޮޖެކްޓަކީ 147 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.
ކުންފުނި ވިއްކާލިޔަސް މަޝްރޫއުތަކަށް އަސަރު ނުކުރާނެކަން ފާހަގަކުރައްވަމުން މިއުވާން މިސާލު ޖެއްސެވީ ރާއްޖޭގައި ހިންގާ، ދުނިޔޭގެވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގާ ޓީއެމްއޭގެ އެވެ. އެގޮތުން އޭނާ ވިދާޅުވީ، ޓީއެމްއޭ ވެސް އެކި ފަހަރު ވިއްކާލާފައިވީ ނަމަވެސް އޮޕަރޭޝަންތަކަށް ބުރޫ ނާރާ ކަމަށެވެ.
"އެފްކޮންސްގެ ޕޭރެންޓް ކުންފުނިން އެފްކޮންސްގެ ހިއްސާ އެހެން ބަޔަކަށް ބަދަލު ކުރުމަކީ އަދި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ކަހަލަ ބުރުލެއް އަރާނެ ކަމެއް ނޫން. އެ ކުންފުންޏާ ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ހަމަ އޮންނާނެ. އެ ކުންފުންޏާއެކު ކުރަމުންދާ މަސައްކަތްތައް ކުރިއަށް ދާނެ" މިއުވާން ވިދާޅުވި އެވެ.
މިއުވާން އިތުރަށް ވިދާޅުވީ އެފްކޮންސް ވިއްކާލުމުން އެ ކުންފުނިން ރާއްޖޭގައި ހިންގަމުންދާ މަސައްކަތްތަކަށް ލޮޅުން އަރާނެކަން ދައްކަން ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރައްވަފާނެ ކަމަށެވެ. އަދި އިގްތިސޯދީ ދާއިރާގެ ބައެއް ބޭފުޅުން، ކުންފުނިތަކުގެ އެންމެ ބޭސިކް ކަންކަން އެނގިތިބެ އެފަދައިން ވާހަކަ ދެއްކެވުމަކީ ރައްޔިތުންނަށް އޮޅުވާލަން ކުރައްވާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Comment