Advertisement

ތޮއްޑޫގެ މިލިއަން ޑޮލަރުގެ ފަތުރުވެރިކަމަށް މިހާރު ބޭނުމީ އުމްރާނީ ތަރައްގީ

13 އޭޕްރީލް 2023 - 10:55 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ތޮއްޑޫގެ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ފަތުރުވެރިޔަކު ބައިސްކަލެއް ދުއްވަނީ: ރަށު ކައުންސިލުގެ އަމާޒަކީ 2026 އަންނަންވާއިރަށް 3000 ކޮޓަރި ރަށުގައި ހަމަކުރުން -- ފޮޓޯ: މިރާން ނިޝާމް/އަދަދު


ތޮއްޑޫގެ މިލިއަން ޑޮލަރުގެ ފަތުރުވެރިކަމަށް މިހާރު ބޭނުމީ އުމްރާނީ ތަރައްގީ

13 އޭޕްރީލް 2023 - 10:55 4

މީގެ އަށް އަހަރު ކުރިން ފަތުރުވެރިކަމުން އއ. ތޮއްޑޫއަށް ލިބޭ ނަފާޔަކީ، ދަނޑުވެރިކަމުން އުފައްދާ ސާމާނު ރިސޯޓަށް ވިއްކައިގެން ލިބޭ ފައިސާ އެވެ. ސީދާ ފަތުރުވެރިކަންކޮށްގެން ވައްދާ ފައިސާއެއް މި ރަށުގެ އިގްތިސާދަކު ދައުރެއްނުވެ އެވެ.

އެކަމަކު މިއަދު، މި ރަށަކީ ފަތުރުވެރިކަމުގެ ބޮޑު މަންޒިލެކެވެ. ގާތްގަނޑަކަށް 1700 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި ކޮންމެ ރެއަކު 700 ފަތުރުވެރިން ނިދަ އެވެ. ފަތުރުވެރިންގެ ބޭނުންތައް އެކި ފެންވަރުގެ 58 ގެސްޓްހައުސް މި ރަށުގައި ހިންގަ އެވެ. ސީދާ ފަތުރުވެރިކަމުން އެކަނިވެސް މިހާރު ތޮއްޑޫއަށް މަދުވެގެން ފަސް މިލިއަން އެމެރިކާ ޑޮލަރު އަހަރަކު ވައްދަ އެވެ.

"2021 ވަނަ އަހަރުގެ ސީޒަންގެ ތެރޭގައި މުޅި ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެއް ޕަސެންޓު މީހުން އައީ ރާއްޖެއަށް. މިވަގުތު ފަތުރުވެރިކަމުން މި ރަށުގެ ކޮންމެ ރައްޔިތަކަށް ވެސް ސީދާ ނުވަތަ ނުސީދާ ގޮތުން ފައިދާވޭ. މިހާރު، ބާނައިގެން އަންނަ ކުރުމަސް ވެސް ކޮންމެވެސް ގެސްޓްހައުސްއަކުން އޮންނާނީ އެޑްވާންސްކޮށް ގަނެފަ،" މިރަށު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ފާއިގު ވިދާޅުވި އެވެ.

ތޮއްޑޫގެ އިގްތިދާސަށް ފަތުރުވެރިކަމާއެކު އައީ މާސިންގާ އިންގިލާބެކެވެ. ނަމަވެސް ފަތުރުވެރިކަން އަޑު ކިޔާފައި ކުރިއަރައިގެން އަންނައިރު، އުމްރާނީ ތަރައްގީ އެކަށީގެންވާ ފެންވަރަކަށް ނެތުމުން ފަތުރުވެރިން އެ ޝަކުވާ ކުރެ އެވެ. އެންމެ ބޮޑު މައްސަލައަކީ މަގު ނުހަދައި އޮތުމެވެ. ބޯކޮށް ވާރޭވެހިއްޖެއްޔާ މަގުތަކުގައި އޮންނަނީ ފެން ހެދިފަ އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތެއް ވެސް މި ރަށަކު ނެތެވެ. ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ދެވޭނެ ހޮސްޕިޓަލެއް ވެސް ނުހުރެ އެވެ. އެތައް ފަތުރުވެރިންނެއް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރާ ބަނދަރުގައި ހިޔާކޮޅެއް ނުވަތަ ޓާމިނަލެއް ވެސް ނެތެވެ. އަރާމުކޮށްލުމަށް ޖައްސާލާނެ ހޮޅުހައްޓެއް ނުވަތަ ބެންޗުތަކެއް ރަށު ތެރެއަކު ނުހުރެ އެވެ. ފަތުރުވެރިން، ރޭގަނޑު ކުރާނެ އެއްވެސް ކަމެއް ރަށުތެރެއަކު ނުހިނގަ އެވެ.

ނަމަވެސް އެ މައްސަލަތައް ހައްލު ކުރުމަށް މި ރަށުގެ ކައުންސިލުން ވަނީ ބޮޑު ރޭވުމަށް ކުރަހައިފަ އެވެ. އަދި އޭގެ ތެރެއިން ބޮޑު، ދެ ތިން މައްސަލަ ހައްލު ކުރުމަށް މައި ސަރުކާރުން ވެސް އަންނަނީ އެހީތަކެއްވަމުންނެވެ. ތޮއްޑޫ ކައުންސިލުން ބޭނުންވަނީ މުޅި މި ރަށް ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްގީީ ކުރުމަށެވެ. އެ މަސައްކަތް ފެށުމުގެ ކޮޅުމަތި މިހާރު ވެސް އެބަ ފެނެ އެވެ.

ޔަގީން އިންވެސްޓްމެންޓެއް އެކަމަކު މައްސަލަ އެބަހުރި

"އަލެ ސާރާ" އަކީ ތޮއްޑޫގައި ހުޅުވި އެންމެ ފުރަތަމަ ގެސްޓްހައުސްތަކުގެ ތެރެއިން އެއް ތަނެވެ. މިތަނަކީ ދިރިއުޅުމަށް ހަދައި ނިންމައިފައި ހުރި ގެއެއް، ނިސްބަތުން މަދު ފައިސާ ބޭނުންކޮށް މަރާމާތުކޮށްގެން ތައްޔާރުކޮށްފައި ހުރި ގެސްޓްހައުސެކެވެ.

މި ގެސްޓްހައުސް ހިންގާ، ބ. އޭދަފުއްޓަށް ނިސްބަތްވާ އަހުމަދު މުސްތަފާ ބުނީ "އަލެ ސާރާ" އަށް އޭނާ ކުރި ފަސް ލައްކައަށް ވުރެ ކުޑަވާނެ ކަމަށެވެ. އެއީ، ގެސްޓްހައުސްއެއް ހެދުމަށް މި ރަށުގައި އާންމުކޮށް ހޭދަކުރާވަރަށް ވުރެ މަދު ފައިސާކޮޅެކެވެ. މަދު މަސްތަކެއްގެ ތެރޭގައި އެ އިންވެސްޓްމެންޓް ކަވަރުވެ މުސްތަފާ މިހާރު ގުނަމުންދަނީ ފައިދާ އެވެ.

"މިހާރު ގާތްގަނޑަކަށް ހަރަދު ކަނޑާފައި ދޮޅުލައްކަ ނުވަތަ ލައްކައެއްހާ ރުފިޔާ ފައިދާއަށް ލިބޭ،" ޓުއަރިސްޓު ރިސޯޓުތަކުގައި 37 އަހަރު އުޅުމަށްފަހު ގެސްޓްހައުސް ހިންގަން ފެށި ހަ ކުދިންގެ ބައްޕަ މުސްތަފާ ބުންޏެވެ.

މިރަށުގެ ހުރިހާ ގެސްޓްހައުސްއެއްގެ ކޮޓަރި އެއްކޮށްލުމުން 800 އަށްވުރެ އަދަދު މައްޗެވެ. އެނދުގެ އަދަދު ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވާނެ އެވެ. މި ރަށު ކައުންސިލުން ބުނީ މުޅިން އާ ގެސްޓްހައުސް އަޅަން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން 39 މިލިއަން ރުފިޔާ މިހާރު ވެސް ދޫކޮށްފައިވާ ކަމަށެވެ. އެފަދަ ލޯނެއް ނަގައިގެން ވިޔަފާރި ފެށި އެކަކީ، ތޮއްޑޫ ޒުލައިހާ އިބްރާހިމެވެ.

"އަޅުގަނޑު ނެގީ 1.6 މިލިއަން ރުފިޔާގެ ލޯނެއް އެއީ ނުވަ އަހަރުން ދައްކާ ގޮތަށް. މިހާރު މިއީ ލޯނަށް އެންމެ ގިނައިން ފައިސާ ދައްކަންޖެހޭ ދުވަސްވަރު. އެކަމަކު މިހާރު ވެސް ރަނގަޅު ފައިދާއެއް ލިބޭ. ލިބޭ އާމްދަނީއަށް ބަލާއިރު މިއީ ކުރަން ރަނގަޅު ވިޔަފާރިއެއް،" މާލޭގައި އުޅެބޮޑުވެ، މާލޭގައި ހުރެގެން އޭނާގެ ގެސްޓްހައުސް "ޝޯލައިން ގްރޭންޑް" ހިންގަމުންދާ ވެސް ހިންގާ ޒުލެއިހާ، 32، ބުންޏެވެ.

ވިޔަފާރި ކިތަންމެ ރަނގަޅުވި ނަމަވެސް ތޮއްޑޫގެ ފަތުރުވެރިކަމަށް ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. މިރަށުން ވާހަކަ ދެއްކި ގެސްޓްހައުސް ހިންގާ ގިނަ މީހުންގެ ދައްކާ އެއް މައްސަލައަކީ މަގު ނުހަދާ އޮތުމުން ރަށުގައި އާދަޔާ ހިލާފަށް ފެންބޮޑުވުމެވެ.

"ގެސްޓުން ހަގީގަތުގައި މާ ބޮޑު ކަމެއް ބޭނުމެއް ނުވޭ. އެމީހުން ސައި ބޮއެގެން ދާނީ ބީޗަށް. ދެން އަންނާނީ މެންދުރު ކާން. ގިނައިން އުޅޭނީ ބީޗުގަ. އެހެން ދަތުރު ކުރާއިރު ވާރޭ ވެހެފަ އޮތިއްޔާ ގެސްޓުން ހަމަ ފެންގަނޑުން ލާފައި މި އަންނަންޖެހެނީ،" ކުރިން ވާހަކަ ދެއްކި މުސްތަފާ ބުންޏެވެ.

ތޮއްޑޫއިން ހެދި ރަށު ތަރައްގީ ޕްލޭނުގެ ފަތުރުވެރިކަމަށް ހާއްސަކޮށްފައި އޮތް ބައިގައި، އެ ދާއިރާގައި ހުރި މައްސަލަތަކުގެ ތެރޭގައި ފާހަގަކޮށްފައި އޮތް އެއް ކަމަކީ "ލޯކަލް ޓޫއަރިޒަމަށް ބޭނުންވާ ވަސީލަތްތައް" ތަރައްގީވާ މިންވަރު ލަސްވުމެވެ. އޭގެ ތެރޭގައި މަގު ނުހެދި އޮތުމާއި ފެނާއި ނަރުދަމާގެ ނިޒާމު ނެތުމަކީ ބައެއް މައްސަލަތަކެވެ.

"އެއީ ކައުންސިލުގެ މިވަގުތު އެންމެ ބޮޑު އެއް ކަންބޮޑުވުން. އެއީ ލޯކަލް ޓުއަރިޒަމް މިހާ ބޮޑަށް ގްރޯވެގެންދާއިރު އެއާ ގުޅުންހުރި މިދެންނެވި ކަހަލަ ހިދުމަތްތަކާއި ރަށުގެ އިންފްރާސްޓްރަކްޗާ އެވަރަށް ތަރައްގީނުވުން،" ތޮއްޑޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު މި ނޫހަށް ދެއްވިި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، ސަރުކާރުން ކަނޑައަޅާފައިވާ ބައެއް އުސޫލުތަކުގެ ސަބަބުން ވިޔަފާރި ކުރުމަށް ދަތިތަކެއް ހުރި ކަމަށް މި ރަށުގައި ފަތުރުވެރިކަން ކުރާ ބައެއް މީހުން ގަބޫލު ކުރެ އެވެ. އެގޮތުން، ރިސޯޓަކާ އެއް މިންވަރަކަށް ގެސްޓްހައުސްތަކުން ވެސް، ދާއިރާއާ ގުޅޭ ޓެކުހާއި ފީތައް ދައްކަންޖެހުމަކީ މި ވިޔަފާރި ފަށާ މީހުންނަށް ދިމާވާ ގޮންޖެހުމެކެވެ.

"ރަނގަޅު ވިޔަފާރިއެއް މިއީ. އެކަަމަކު ބޮޑެތި ރިސޯޓުތަކާ އަހަރުމެން އަލަށް ފަށާ ބަޔަކާ ވެސް ތަފާތެއް ނެތް. އެއީ އަސްލު އެންމެ ބޮޑު މައްސަލަ،" ޒުވާން ވިޔަފާރިވެރިޔާ ޒުލައިހާ ކިޔައިދިނެވެ.

ރޭވުމަކީ ދާއިރާއަށް އިންގިލާބެއް ގެނައުން

ތޮއްޑޫއަކީ އަބަދުވެސް މަސައްކަތްތެރި ރަށެކެވެ. ގައުމުގެ އިގްތިސާދުގައި މުހިންމު ދައުރެއް ތޮއްޑޫއިން އަދާ ކުރެ އެވެ. ދިވެހިރާއްޖޭގައި އެންމެ ގިނައިން ކަރާ ހެއްދުމުގެ އިތުރުން އެންމެ ގިނައިން ބިލެތް ހައްދާ އެއް ރަށަކީ ވެސް ތޮއްޑޫ އެވެ. އަދި މިހާރު ފަތުރުވެރިކަމާއެކު ޓެކްސް ދައްކާތީ ވެސް އާދައިގެ ރަށަކަށްވުރެ އިތުރަށް ދިވެހި އިގްތިސާދަށް ތޮއްޑޫއިން އެހީވެ އެވެ.

އެކަމަކު މި ރަށުގެ ރައްޔިތުންނަށް އަބަދުވެސް ގަބޫލު ކުރެވިފައި އޮތީ ރަށުން ގައުމަށް ކިތަންމެ އެހީވި ނަމަވެސް ގައުމުން ރަށަށް އެހީތެރިނުވާ ކަމެވެ. މި ރަށު ކައުންސިލުގެ ރައީސް އަހުމަދު ކަރަމް، އެ އިހުސާސްތައް މި ނޫހާ ހިއްސާކޮށްދެއްވި އެވެ.

"ގައުމަށް ތޮއްޑޫއިން ވަމުންދިޔަ ހިއްސާގެ އެއްވެސް ރިޓާނެއް ގައުމުން ތޮއްޑޫއަކަށް ނާދޭ. އަދިކިރިޔާ ބަނދަރު ހަދަން ފެށުނީ. އެކަމަކު މާލޭ މާރުކޭޓުގައި ވިއްކާ ބައެއް ބާވަތްތަކުގެ 70 ޕަސެންޓު، 60 ޕަސެންޓް ކޮންޓްރޯލް ކުރަނީ ތޮއްޑޫއިން. ނަމަވެސް މި ސަރުކާރުން ތޮއްޑޫގެ އަސާސީ ހުރިހާ އިންފްރާސްޓްރަކްޗާއެއް ނިންމަނީ އެ،" ކަރަމް ވިދާޅުވި އެވެ.

ބަނދަރު ހެދުމުގެ އިތުރުން އަސާސީ ހުރިހާ ހިދުމަތްތަކެއް ތޮއްޑޫގައި ގާއިމް ކުރުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެކަން މި ރަށު ކައުންސިލުގެ ވެރިން ބަލައިގަނެ އެވެ. އެކަމަކު ރަށު ކައުންސިލުގެ ވިސްނުން ހުރީ ހަމައެކަނި އަސާސީ ހިދުމަތްތަކުން ހުއްޓާލާ ގޮތަކަށް ނޫނެވެ. ކައުންސިލުން ބޭނުންވަނީ މުޅި ރަށް ބަދަލުކޮށްލާށެވެ. އަމާޒަކީ ފަތުރުވެރިކަމުގެ ބްރޭޑަކަށް ތޮއްޑޫ ހެދުމެވެ.

"މިހާރު މި ރަށުގައި ހުންނާނީ 800 ވަރަކަށް ކޮޓަރީ. އަޅުގަނޑުމެންގެ އަމާޒަކީ 2026 ވާން ވާއިރަށް އެ އަދަދު 3000 އަށް އިތުރު ކުރުން. އަދި އެ އަދަދަށް ކޮޓަރި އިތުރު ކުރާއިރު ދާއިރާއަށް ބޭނުންވާ ތަރައްގީ ގެނައުން. އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިކަމުގެ ބޮޑު މަންޒިލަކަށް ތޮއްޑޫ ހަދަން،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ފާއިގު ވިދާޅުވި އެވެ.

ކައުންސިލުގެ ބައެއް ލަނޑުދަނޑިތައް

  • ރާއްޖެ އާއި ދުނިޔޭގައި ތޮއްޑޫ އިސްތިހާރު ކުރުން
  • ފެންކުޅި ކުޅޭ ޕާކެެއް ތަރައްގީ ކުރުން
  • ފަތުރުވެރިންނަށް ހާއްސަ ކުރާ ބީޗުގައި ކުޅިވަރަށް ހާއްސަ ކަންކަން ކުރުން
  • ފެނު އަޑީގެ ދާރުލްއާސާރެއް ނުވަތަ މުރަކަ ބަގީޗާއެއް ހެދުން
  • ރަށުގައި އޯޕެން ނެޓްވޯކް އެކްސެސް އަޅައި ރަށް ސްމާޓު ރަށަކަށް ހެދުން
  • މޫދު ކުޅިވަރު ތައާރަފް ކުރުމާއި ގޮނޑުދޮށުން އެފަދަ ވިޔަފާރިއަށް ޖާގަ ދިނުން
  • ތޮއްޑޫ ދާގަބާ ސަރަހައްދު ދާރުލްއާސާރެއްގެ ގޮތުގައި ތަރައްގީ ކުރުން
  • ކުޑަކުދިން ބަލާނެ ޑޭ ކެއާ ސެންޓަރެއް ހެދުން

ތޮއްޑޫއަކީ ފަތުރުވެރިކަން ކުރަން ރަނގަޅު މުސްތަގުބަލް އޮތް ރަށެކެވެ. އެކަމަށް ބޭނުންވަނީ ތޮއްޑޫ ރައްޔިތުންގެ ހިތްވަރާއި ސަރުކާރުގެ އެއްބާރުލުމެވެ. މިވަގުތަށް ފެންނަން އޮތް މަންޒަރަކީ ހުރިހާ ކަމެއް ރަށު މީހުން ބޭނުންވާ ގޮތަށް ސަރުކާރުން ވެސް ފަހިވަމުންދާ މަންޒަރެވެ. ފަތުރުވެރިކަމުގެ ބޮޑު ނަމަކަށް ތޮއްޑޫވުމަށް ބޭނުންވަނީ އަދިވެސް އިތުރު މަސައްކަތެވެ.

އިސްލާހު ކުރެވިފައި: އޭޕްރީލް 13، 2023


ލިޔުން ޕަބްލިޝް ކުރި ފަހުން، ތޮއްޑޫ ކައުންސިލުގެ އެދުމުގެ މަތިން އެ ކައުންސިލުގެ ލަނޑުދަނޑިތަކަށް ވަނީ ބަދަލުގެނެސްފަ އެވެ.