11 އޭޕްރީލް 2023 - 15:18 0
11 އޭޕްރީލް 2023 - 15:18 0
ލަންޑަން (އޭޕްރީލް 11) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ ވާތުބެކް، އެންޑީ ރޮބަޓްސަން އަށް ހަމަލާދިން ކަމަށް ބުނާ ލައިންސްމަން، ކޮންސްޓަންޓިން ހަޓްޒިޑާކިސްގެ މައްސަލަ ބަލަމުން އަންނާތީ، އޭނާ ޒިންމާތަކުން އެކަހެރިކުރަން ނިންމައިފި އެވެ.
އާދިއްތަ ދުވަހުގެރޭ ލިވަޕޫލާއި އާސެނަލް 2-2 އިން އެއްވަރުވި މެޗުގެ ފުރަތަމަ ހާފު ނިމުނު ވަގުތުގައި ރޮބަޓްސަން ވަނީ ހަޓްޒިޑާކިސްގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހޭތީ އޭނާ ގާތުގައި އެ ކަމުގެ ޝަކުވާ ކުރަން ގޮސްފަ އެވެ. ރޮބަޓްސަން ގޮސް، ހަޓްޒިޑާކިސް ގާތަށް ޖެހިލި ވަގުތުގައި އޭނާ އުޅަބޮށި އުފުލުމުން ރޮބަޓްސަން ގައިގައި ޖެހުނެވެ.
ހަޓްޒިޑާކިސްގެ އެ އަމަލާ މެދު ހިތްހަމަނުޖެހި ލިވަޕޫލް ކުޅުންތެރިން މެޗުގެ ރެފްރީ، ޕޯލް ޓިއާނީ ގާތުގައި އެޕީލްކުރަން ދިއުމުން، ރޮބަޓްސަން އަށް ރީނދޫ ކާޑު ވެސް ދެއްކި އެވެ.
ލިވަޕޫލްގެ ރޮބަޓްސަން އާ ދިމާއަށް ލައިންސްމަން ހަޓްޒިޑާކިސް އުޅަބޮށި ނަގާ މަންޒަރު ދައްކައިދޭ ވީޑިއޯ އަކުން ނަގާފައިވާ ފޮޓޯއެއް.
އެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ގާތުގައި އެ ކަމާ ބެހޭގޮތުން ސުވާލުކުރުމުން ބުނީ، ކަންކަން ހިނގާދިޔަ ގޮތް ވީޑިއޯ އިން އެ ހުރީ ސާފުކޮށް ފެންނަން ކަމަށާއި އެ ކަމާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކުން އެކަން ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ކަންކަން ބަލަހައްޓާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން، އެ މެޗުގައި އެސިސްޓަންޓް ރެފްރީ (ލައިންސްމަން)، ހަޓްޒިޑާކިސް އާއި ރޮބަޓްސަން މެދުގައި ހިނގާދިޔަ ކަންތައް ތަހުގީގުކުރާ ދަނޑިވަޅުގައި ހަޓްޒިޑާކިސް މަގާމުގެ އެއްވެސް ޒިންމާއެއް އަދާނުކުރާނެ ކަމަށް ޕީޖީއެމްއޯއެލްގެ ބަޔާނުގައިވެ އެވެ. މާނަ އަކީ މި މައްސަލައިގެ ތަހުގީގު ނިމެންދެން ފީފާ ބެޖް ލިބިފައިވާ އެސިސްޓަންޓް ރެފްރީ، ހަޓްޒިޑާކިސް އެއްވެސް މެޗަކުން ނުފެންނާނެ އެވެ.
Comment