11 އޭޕްރީލް 2023 - 09:13 0
ކްރިކެޓް ބޯޑުން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިހުން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
11 އޭޕްރީލް 2023 - 09:13 0
ރަމަޟާން ކްރިކެޓް ކާނިވަލްގެ ދެ ވަނަ މުބާރާތް ކަމަށްވާ ސަރުކާރު އޮފީސް ކުންފުނިތަކުގެ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.
ނުވަ ޓީމް ވާދަކުރި އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހުން ހޯދީ ފައިނަލުގައި ކަސްޓަމްސް 31 ލަނޑުން ބަލިކޮށްގެންނެވެ. ޕޮލިސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން މީރާ ބަލިކޮށްގެންނެވެ.
ފައިނަލު މެޗުގެ ޓޮސް ދިމާވުމުން ކަސްޓަމްސް އިން ނިންމީ ޕޮލިސް ފުރަތަމަ ކުޅެން އަރުވާށެވެ. ޕޮލިހުން ކުލެން އަރައި، އަށް އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 124 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި ކަސުން މަދުޝިކާ އާއި 10 ބޯޅައިން 32 ލަނޑު ހެދި އޮލިއުލް އިސްލާމް އެވެ. މި އިނިންގްސްގައި ކަސްޓަމްސްގެ ކެޕްޓަން މަހުމޫދު ރިޔާޒް ދެ ވިކެޓު ނެގި އެވެ.
ކަސްޓަމްސް އާއި ޕޮލިހުން އިއްޔެ ކުޅުނު ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަަޅަށް ކުޅުނީ 17 ބޯޅައިން 33 ލަނޑު ހެދި މުހައްމަދު އާމިރު އާއި 11 ބޯޅައިން 20 ލަނޑު ހެދި ނާއިލް އިސްމާއިލް އެވެ.
މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކީ ކަސްޓަމްސްގެ އާމިރު އެވެ. އޭނާ ވަނީ ހަތަރު މެޗުގައި 115 ލަނޑު ހަދައިފަ އެވެ. ތިން މެޗުގައި ހަތް ވިކެޓު ނަގައި އެންމެ މޮޅު ބޯޅަރުގެ މަގާމް މީރާގެ ކަމްރުލް މިއާ އަށް ލިބުނުއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބުނީ ކަމްރުލް އަށެވެ.
މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެއާޕޯޓް ރެކްރިއޭޝަން ކުލަބުންނެވެ. ދެ ވަނަ މުބާރާތް އިއްޔެ ނިމުނުއިރު ފަހު މުބާރާތްކަމަށްވާ އަމިއްލަ ކުންފުނިތަކުގެ މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment