Advertisement

މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

11 އޭޕްރީލް 2023 - 09:48 1

މާފުށީގައި ރޭ ރައީސް ވާހަކަ ދައްކަވަނީ. އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ އިތުރުން، ބަނދަރު ބޮޑުކޮށް ދިނުމާއި ނަރުދަމާގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: އެމްޑީޕީ


މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

11 އޭޕްރީލް 2023 - 09:48 1

ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ، އަދި އެއް ރަށަކުން ދައުލަތަށް އެންމެ ގިނަ އާމްދަނީ ވަންނަ މާފުއްޓަކީ "ވަރަށް ހާއްސަ ރަށެއް"ގެ ގޮތުގައި ފާހަގަ ކުރައްވައި، އެ ރަށުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް ތާއިދު ހޯއްދެވުމަށް މާފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާފުށި ވެސް ހިމެނޭ ގޮތަށް ގުރައިދޫ ދާއިރާގެ ތިން ރަށަށް މި ސަރުކާރުން ވީ ގިނަ ވައުދުތަކެއް މިހާރު ވެސް ފުއްދިފައިވާ ކަމަށެވެ. އެ ދާއިރާގެ ތިން ރަށަށް ވި ހުރިހާ ވައުދެއް ވެސް މި ވެރިކަމުގެ ދައުރުގައި ނިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މާފުށީގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކައި ނިންމާފައިވާއިރު، ހިއްކި ބިމާއި މާފުއްޓާ ގުޅުވާލަން ބްރިޖް އެޅުމާއި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަދި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން އޮތީ ސިއްހީ ހިދުމަތުގެ ވާހަކަ. އަޅުގަނޑުމެން ވެރިކަމަށް އައިއިރު މި ރަށުގެ ސިއްހީ މަރުކަޒުގައި ދެވޭ ހިދުމަތް ވަރަށް މަދު. މިރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީ ހޭދަކުރަން އައިސް ތިބޭ ގެސްޓުންގެ އިތުރަށް، ޖަލުގައި އުޅޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެއަށް ވުރެ ރަނގަޅަށް ހިންގާ ހޮސްޕިޓަލަކަށް ބަދަލުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

މިހާރު ވެސް ސިއްހީ މަރުކަޒަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އެތަނުގައި އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކުރަން ނިންމައި ބަޖެޓު ހަމަޖެއްސުމަށް ޕްލޭނިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.

"ތިޔަބޭފުޅުން މިއަދު ބޭނުންވަނީ އެތަނުގައި ހޮސްޕިޓަލް، އެ ނަން ޖަހަން ކަމަށްވަންޏާ އެކަން ކުރެވޭނެ އިނގޭތޯ. އެއީކީއެއް މައްސަލައެއް ނޫން. އެކަމަކު އޭގައި އަޅުގަނޑުމެން ދޭން މި ބޭނުންވާ ފުރިހަމަ ހިދުމަތްތައް މުޅިން ލިބުމަށް ދެތިން މަސް ނަގާނެ ކަން ތިބޭފުޅުން ގަބޫލު ކުރައްވަން ވާނެ،" އޮޕަރޭޝަން ތިއޭޓަރު ގާއިމުކުރުމަށް މުއްދަތު ނަގާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

އެއްގަމު އުޅަނދުގެ ލައިލަންސް ވެސް މާފުށިން ލިބޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށާއި އެފަދަ ކަންކަމަކީ އިގުތިސޯދީ މަރުކަޒުތަކަށް މުހިންމު ކަމެއް ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

"މާފުއްޓަކީ އަޅުގަނޑުމެންގެ ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދީގެން، ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ރަށެއްކަން ތަކުރާރުކޮށް އަނެއްކާ ވެސް އަޅުގަނޑު ޔަގީންކޮށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ. މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިންތިހާބެއްގައި އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައެއް ނެތެވެ.