Advertisement

މަހްލޫފްއެކޭ އެއްގޮތަށް ޔާމީންގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި

10 އޭޕްރީލް 2023 - 22:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އިދިކޮޅުން ވަނީ ޔޫތު މިނިސްޓަރު މަހްލޫފުގެ ދައުވާ އަނބުރާގެންދިޔަ ގޮތައް ޔާމީންގެ ދައުވާތައްވެސް ގެންދަން ގޮވާލާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މަހްލޫފްއެކޭ އެއްގޮތަށް ޔާމީންގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި

10 އޭޕްރީލް 2023 - 22:39 0

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންދިޔަ ގޮތަށް އެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

މިރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުލްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ސަރުކާރުން ޔާމީނުގެ މައްސަލަތައް އެކަނި ބަލަނީ ކަނޑައެޅިގެން އެމަނިކުފާނަށް އަނިޔާކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަދި މިއީ މި މައްސަލާގައި އެކަކުގެ މައްޗަށް ކުރާ ދައުވާ ދައުލަތުން އަނބުރާ ގެންދާނަމަ ހުރިހާ އެންމެންގެ މައްޗަށް ކުރާ ދައުވާތައްވެސް ޕީޖީ އިން އަނބުރާ ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އެމްއެމްޕީއާރުސީ މައްސަލާގައި] ސަރުކާރުން ބޭނުންވާ ބަޔަކަށް ދައުވާކުރަނީ، ސަރުކާރުން ބޭނުންނުވާ ބައެއްގެ މައްސަލަ އަނބުރާ ގެންނަނީ، ސަރުކާރުން ބޭނުންވާ ބަޔަކަށް ވިއްޔާ އަނިޔާކުރަމުން މި ގެންދަނީ،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އަދި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭހެން 250 އެއްހާ މީހުން ބައިވެރިވި ކަމަށް ބުނާއިރު ހަމައެކަނި ޔާމީނުގެ މައްޗަށް ދައުވާކޮށް ހުކުމްކުރަނީ ނުފޫޒު ބޭނުންކޮށްގެން އެމަނިކުފާނަށް އަނިޔާކުރުމަށް ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ މި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވޭގޮތް ހެދުން ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެ އެވެ.

އެއާއެކު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގަ އެވެ. މި މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މަހުލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ޑޮލަރު, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "އަދަދު"އަށް ބުނީ މި މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި މި މައްސަލަ އަނބުރާ ގެންގޮސްފައި ވަނި އެކަށީގެންވާ މިންވަރަަށް ހެކި ނެތުމުންނެވެ. ޕީޖީ އޮފީހުން ބުނީ މިހާރު ހުށަހެޅިފައި ހުރި ހެކިތަކަށް ބަލާއިރު މި މަައްސަލަަ ސާބިތުވާނެ ކަމަށް ނުފެންނަަ ކަމަށެވެ.