Advertisement

ލާޒިއޯ އިން ޔުވެންޓަސް ބަލިކޮށްފި، ފައިދާނަގައި ރޯމާ ތިން ވަނަ އަށް

9 އޭޕްރީލް 2023 - 06:20 0

ލާޒިއޯގެ މިލިންކޮވިޗް-ސަވިޗް (ވ) ކައިރިން ޔުވެންޓަސްގެ ރަބިއޯ ބޯޅަ ހިފައިގެން.


ލާޒިއޯ އިން ޔުވެންޓަސް ބަލިކޮށްފި، ފައިދާނަގައި ރޯމާ ތިން ވަނަ އަށް

9 އޭޕްރީލް 2023 - 06:20 0

ރޯމް (އޭޕްރީލް 9) - އިޓާލިއަން ލީގުގައި ލާޒިއޯ އިން 2-1 އިން ޔުވެންޓަސް ބަލިކޮށް ދެ ވަނަ މަގާމުގައި ހަމަޖެހިލިއިރު، ޓޮރިނޯ އަތުން 1-0 އިން މޮޅުވެ، ލިބުނު ފުރުސަތުގެ ފައިދާނަގައި، ރޯމާ އިން ލީގު ތާވަލުގެ ތިން ވަަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ނަޕޯލީ މޮޅުވިއިރު، އިންޓަ މިލާނާއި އޭސީ މިލާން ވަނީ އެއްވަރުވެފަ އެވެ. އިންޓަ އާއި މިލާން ކުުޅުނު މެޗުތަކުން މޮޅެއް ނުލިބުމުން، އޭގެ ފައިދާނެގީ ރޭ ލާޒިއޯ އާއި ރޯމާ އިންނެވެ.

ރޭގެ މެޗުތަކަށް ފަހު، އިޓާލިއަން ލީގުގެ އެއް ވަނައިގައި ނަޕޯލީ އޮތީ 29 މެޗުން 74 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލާޒިއޯ އަށް ވަނީ 29 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް އެރި ރޯމާ އަށް 29 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް މިލާނަށް ވަނީ 29 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އިންޓަގެ އޮތީ 29 މެޗުން 51 ޕޮއިންޓެވެ.

ރޯމް އޮލިމްޕިކް ސްޓޭޑިއަމްގައި ކުުޅުނު މެޗުގެ 38 ވަަނަ މިނިޓްގައި ލާޒިއޯ އަށް ލީޑުނަގައިދިނީ މަޓިއާ ޒަގާނީ ދިން ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ސާގޭއި މިލިންކޮވިޗް-ސަވިޗް އެވެ. އޭނާ މި ގޯލު ޖެހީ ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ އަށް ފައުލުކޮށްފައި ކަމަށް އެޕީލްކުރި ނަމަވެސް ނިންމީ ގޯލު ބަލައިގަންނާށެވެ.

ލާޒިއޯ އިން ލީޑުނެގިތާ ތިން މިނިޓް ފަހުން، ޔުވެންޓަސް އިން އެއްވަރުކުރި ކޯނަރެއްގައި ލިބުނު ފުރުސަތަކުން އޭޑްރިއަން ރަބިއޯ އެވެ. އެ ބޯޅަ ހުއްޓުވަން ލާޒިއޯގެ ކީޕަރު އިވާން ޕްރޮވެޑެލް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ލާޒިއޯ އިން ވަނީ އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 53 ވަނަ މިނިޓްގައި ލާޒިއޯގެ ޕްލޭމޭކަރު، ލުއިޒް އަލްބާޓޯ ދިން ބޯޅައަކުން ޒަގާނީ އެވެ. އޭނާ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔުވެންޓަސް އަށް އަލުން އެއްވަރުކޮށްދޭން އެ ޓީމުގެ ޑޫސާން ވްލަހޯވިޗް އާއި ނިކޯލޯ ފަޖިއޯލީ އަށް ލިބުނު ފުރުސަތުކުގެ ބޭނުމެއް ނުކުރެވުނެވެ.

ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އިން ޓޮރިނޯ ދަނޑުގައި މޮޅުވީ މެޗުގެ އަށް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޕައޮލޯ ޑިބާލާ ޖެހި ގޯލުންނެވެ. މިއީ ރޯމާގެ ނިކޯލާ ޒަލިއޫސްކީ ޖެހި ޝޮޓެއް ބްލޮކްކުރަން އުޅުމުގެ ތެރޭގައި ޓޮރިނޯގެ ކުޅުންތެރިއަކު އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.