Advertisement

މަނަދޫ މަރު: ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި

7 އޭޕްރީލް 2023 - 21:54 0

މީގެ ކުރީގެ ކްރައިމް ސީނެއްގައި ފުލުހުން ޓޭޕު ދަމާފައި. -އަދަދު ފައިލް ފޮޓޯ


މަނަދޫ މަރު: ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި

7 އޭޕްރީލް 2023 - 21:54 0

ނ. މަނަދޫ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަންނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަން އެނގިއްޖެ އެވެ.

މަނަދޫގައި މިރޭ އިރާކޮޅު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ އެ ރަށު އަންނާރުމާގެ ނައީމާ މޫސާ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް އެންގުމުން، ފުލުހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރުވައްޓާލައިގެން ވަނުމުންނެވެ.

"އަދަދު"އަށް ޔަގީންވެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ.

އެކަމުގައި ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ނަމަވެސް، ނައީމާގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރެގެން އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓާ ކުރަމުންނެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސަބީހު "އަދަދު" އަށް ބުނީ، މަރުވި މީހާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި އޭނާ މަސައްކަތަށް ނުނިކުމެ، އެއްވެސް މީހަކަށް ހަބަރެއް ނުވާތާ ދެ ދުވަސްވެފައިވާ ކަމަށެވެ.

"އިއްޔެ މަސައްކަތަށް ނައީމަ އެއްކޮށް އުޅޭމީހުން ގޮސް އެގޭގަ ޓަކި ޖެހީމަ ވެސް އެއްވެސް ހަބަރެއް ނުވޭ. ދެން ބަލީ ކަމަށް ހީކޮށް ތިބީ. އަނެއްކާ މިއަދު ނައީމަ ވެސް ޓަކި ޖެހީ. ހަބަރެއް ނުވީމަ އާއިލާއަށް ގުޅައިގެން ފުލުހުންނަށް އެންގީ،" އޭނާ ބުންޏެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުންވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، އެ ރަށަށް ފުލުހުންގެ ޓީމެއް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.

ނައީމާ އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނުނުއިރު، އެގޭގައި ދިރިއުޅެނީ އޭނާ އެކަންޏެވެ.