Advertisement

ސައުދީ އަރަބިއާ ގައުމީ ޓީމާ ހަވާލުވާން މޮރީނިއޯ އަށް 125 މިިލިއަން ޑޮލަރުގެ އޮފާއެއް

7 އޭޕްރީލް 2023 - 15:34 0


ސައުދީ އަރަބިއާ ގައުމީ ޓީމާ ހަވާލުވާން މޮރީނިއޯ އަށް 125 މިިލިއަން ޑޮލަރުގެ އޮފާއެއް

7 އޭޕްރީލް 2023 - 15:34 0

ރޯމް (އޭޕްރީލް 7) - ސައުދީ އަރަބިއްޔާގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވާން އިޓަލީގެ ރޯމާގައި މި ވަގުތު ހުރި ޕޯޗުގީސް ކޯޗު ހޯސޭ މޮރީނިއޯ އަށް 125 މިލިއަން ޑޮލަރުގެ އޮފާއެއް ހުށަަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މޮރީނިއޯ، 60، މި ވަގުތު ރޯމާ ކޯޗުކަމާ ހަވާލުވެހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިިޔަލަށެވެ. އެކަމަކު، ދާދި ދާދި ފަހުން މޮރީނިއޯއާ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ ފުޓްބޯޅައިގައި އެންމެ ގޮތްނޭނގޭ އެއް ކަމަކީ "ކޮންޓްރެކްޓަށް ވާ ގޮތް" ކަމަށް ބުނެފަ އެެވެ.

ސައުދީ އަރަބިއްޔާގެ ކޯޗަކަށް ހުރި ފްރާންސްގެ ހާވް ރެނާޑް، ދާދި ފަހުން، ވަނީ އެ ޓީމު ދޫކޮށް، ފްރާންސް އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އެއީ، ބޮޑު މުސާރަ އަކަށް މި ފަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕުގައި ފްރާންސް އަންހެން އަންހެން ޓީމަށް ކާމިޔާބު ހޯދައިދިނުމުގެ އަމާޒުގަ އެވެ.

އިޓަލީ އާއި ސައުދީ އަރަބިއްޔާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ސައުދީ އިން މޮރީނިއޯ އަށް ހުށަހަޅާފައިވަނީ ބޯނަހާ އެކު 125 މިލިއަން ޑޮލަރު ލިބޭ ޕެކޭޖެއްގެ ދަށުން ދެ އަހަރުގެ ކޮންޓްރެކްޓެކެވެ.

ސައުދީ އަރަބިއްޔާ ފެޑެރޭޝަނުގެ މި އޮފާ ގަބޫލުކުރަން މޮރީނިއޯ ނިންމައިފިނަމަ އޭނާ ވެގެންދާނީ ފުޓްބޯޅަ ތާރީހުގައި ވެސް ޓީމަކަށް ކޯޗުކޮށްދީގެން އެންމެ ބޮޑު މުސާރައެއް ނަގާ ކޯޗަށެެވެ.

ޕޯޗުގީސް ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މޮރީނިއޯގެ އަދިވެސް ވިސްނުމަކީ ރޯމާގައި މަޑުކުރުމެވެ. އެއީ، ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗުކަން މޮރީނިއޯ އަށް ހުށަހެޅުމުން އޭރު ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނަށް އޭނާ ބުނެފައިވަނީ ރޯމާގައި ކޮންޓްރެކްޓް ފުރިހަމަކުރާނެ ކަމަށެވެ.

މޮރީނިއޯ އަށް ދާދި ފަހުން ވަނީ ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަމާއި ޗެލްސީގެ ކޯޗުކަން ވެސް ހުށަހަޅައިފަ އެވެ. އެކަމަކު، އެ ހުށަހެޅުންތަކަށް ފުރަަގަސްދީ މޮރީނިއޯ ވަނީ ރޯމާގައި މަޑުކުރަން ނިންމައިފަ އެވެ.