Advertisement

ކުރިން ތަސައްވަރު ކުރި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ބަލިކަށިވެއްޖެ: ނަސީމް

7 އޭޕްރީލް 2023 - 15:21 0

ނިމާ ހަސަން

ނިމާ ހަސަން

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް؛ ކުރިން ތަސައްވަރު ކުރި ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު ބަލިކަށިވެފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ކުރިން ތަސައްވަރު ކުރި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ބަލިކަށިވެއްޖެ: ނަސީމް

7 އޭޕްރީލް 2023 - 15:21 0

ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ކުރިން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ބަލިކަށިވެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ނަސީމް ވަނީ ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު ބަލިކަށިވެފައިވާކަން ފާހަގަކުރައްވައި، އެ ނިޒާމު އަލުން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކައިރި މުސްތަގުބަލެއްގައި ޕްރައިމަރީ ހެލްތުކެއާއަށާއި ޕަބްލިކް ހެލްތަށް އިސްކަން ދެވޭ ފުރިހަމަ ނިޒާމެއް ގާއިމްކުރެވުން،" އެކަމަށްޓަކައި ސިއްހީ ދާއިރާއިން ކުރަން ޖެހޭ ކަންކަން ތައާރަފުކޮށް ނިޒާމީ ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާ އަކީ ދުޅަހެޔޮ ސިއްހަތެއް ހޯދައި ދެމެހެއްޓުމުގައި ތިމާގެ ޒިންމާތަކެއްވާކަން ދަސްކޮށްދޭ ނިޒާމު ކަމަށެވެ. އަދި ރާއްޖެ މިދަނީ އެ ނިޒާމަށް ހިޖުރަ ކުރަމުން ކަމަށާއި އޭގެ ސަބަބުން ލިބޭ ނަތީޖާ ބަދަލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން މަރުވާ ކުދިންގެ އަދަދު 100 އަށް ވުރެ މަތީގައި ހުރި. އެ 100، ދިހަ ކުދިންނަށް ވުރެ ދަށަށް ގެނެވުނީ، ޕްރައިމަރީ ގިއުގަނޑުގެ ބަދަހި ގުޅުމުގެ ސަބަބުން. ދިވެހިން ދިރިތިބޭ އުމުރު ސާޅީހަކަށް އަހަރުން، ހަތްދިހައިގެ މައްޗަށް ޖެއްސުނީ ވެސް ސިއްހީ ހިދުމަތް ވަކި ގޮތަކަށް ބައްޓަން ކުރެވުމުން،" ނަސީމް ވިދާޅުވި އެވެ.

ކުރިން އޮތް ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ބަލިކަށިވެފައިވާކަން ފާހަގަކުރައްވައި ނަސީމް ވަނީ މިހާރު ދިވެހިންގެ އާދަކާދަ ބަދަލުވެފައިވާ ގޮތަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން، ފާރަވެރިކަމާއެކު ތިމާގެ ސިއްހަތު ވިލަރެސް ކުރުމުގެ ބަދަލުގައި، ކޮންމެ ފަރުދަކަށް ވެސް މިހާރު އިސްކަންދެވެނީ، ފެންނަން ހުރި ކްލިނިކުން، ނުވަތަ ހެލްތް ސެންޓަރުން ނުވަތަ ހޮސްޕިޓަލަކުން ދެވެނީ ކޮންކަހަލަ ހިދުމަތެއްތޯ ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަސީމް ވިދާޅުވީ ހަމައެކަނި އެކަމުން ސިއްހީ ދުޅަހެޔޮކަމެއް މުޅިން ކަށަވަރެއް ނުކޮށްދެވޭ ކަމަށެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އާދަތައް ބަހައްޓަންވާ ގޮތާމެދު ސަމާލުވާން އެބަ ޖެހޭ ކަމަށެވެ. އެގޮތުން ކިއުރޭޓިވް ކެއާއަށްވުރެ ޕްރެވެންޓިވް ކެއާއަށް ބަރޯސާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަން ބޭނުންވާ "ދުޅަހެޔޮ ހަށިހެޔޮ" މުޖުތަމައަށް ވާސިލުވުމުގައި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. މިއަހަރު ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އަލުން ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.