7 އޭޕްރީލް 2023 - 13:15 1
ނިމާ ހަސަން
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް؛ އަމާޒަކީ ރާއްޖެއިން ރުބެއްލާ، ޓީބީ އަދި ލެޕްރަސީ ނައްތާލުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު
7 އޭޕްރީލް 2023 - 13:15 1
އަމާޒަކީ ރާއްޖެއިން ރުބެއްލާ، ޓީބީ އަދި ލެޕްރަސީ ނައްތާލުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއެކު ފާއިތުވި 75 އަހަރު ކުރެވުނު މަސައްކަތްތަކުގެ ދަށުން ބޮޑެތި ބައެއް ބަލިތައް ނައްތާލެވި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މެލޭރިއާ، ހިމަބިހި، ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިން ކަވަރޭޖް ލިއްބައި ދެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ އެ ނުރައްކާތެރި ބަލިތައް ރާއްޖެއިން ފެތުރުން ނިމުމަކަށް ގެނެވިފައިވީ ނަމަވެސް ހައްލު ހޯދަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ ރުބެއްލާ، ޓީބީ އަދި ލެޕްރަސީ ރާއްޖެއިން ފޮހެލުމުގެ އަމާޒު ހިފާފައިވާކަން ހާމަ ކުރައްވާފަ އެވެ.
"އަމާޒަކީ 2023 ވަނަ އަހަރު، އާދެ، މި އަހަރު ރުބެއްލާ ވެސް ރާއްޖެއިން ފޮހެލުން، 2025ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުން. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން ލެޕްރަސީ ވެސް މުޅިން ފޮހެލުން" ނަސީމް ވިދާޅުވި އެވެ.
ނުރައްކާތެރި ބައެއް ބަލިތައް ރާއްޖެއިން ފޮހެލެވުމުގެ ކުރީގެ ހަނދާންތައް އާ ކުރައްވަމުން ނަސީމް ވިދާޅުވީ، ފާއިތުވި 75 އަހަރަކީ އޭގެ ކުރިން ތަހަންމަލު ކުރި ބޮޑެތި ބަލިތަކާ ބުރަ ތަކުލީފުތައް ނިމިގެން ދިޔަ 75 އަހަރު ކަމަށެވެ.
"ބަލި ޖެހުމުން އެއްފަރާތްކޮށް އިންސާނާ އެކަހެރި ކުރުމަކީ ބިމުން މަތީގައި މަރުވަންދެން މީހާ ވަޅުލާފައި ބެހެއްޓުން. އުމުރުން ބާކީ އޮތްހާ ތަނެއް ހުރިހާ ގުޅުމެއް ކެނޑި، ލޭގެ ގުޅުން ވެސް ކަނޑާލަން މަޖުބޫރުވޭ. މަރުވި ދުވަހަކުން ދިރިތިބި ބަޔަކު އޭނާ ވަޅުލާނެ. އެ ދުވަސް އަންނަން ދެން ދިރިހުރި ހިނގާ ބިނގާވެ އުޅޭ މައްޔިތެއް" އޭރު ބޮޑެތި ބަލިތައް ޖެހޭ މީހުންނާމެދު އަމަލު ކުރާގޮތް ސިފަކުރައްވަމުން މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަށިވިދުރި، ލެޕްރަސީ، ފައިލޭރިއާ އަދި މެލޭރިއާ ފަދަ ބަލިތަކަކަީ އިންސާނިއްޔަތުގެ ބޮޑު ބިރު ކަމަށާއި، އެ ބިރު ރާއްޖޭގައި އޮތް ހާލަތާއި ނެތް ހާލަތު ފެނިފައިވާ ކަމަށެވެ. އަދި އެ ހާލަތުން މިހާރު އަރައިގަނެވިފައިވުމަކީ ފާއިތުވި 75 އަހަރުގެ ކާމިޔާބީކަން މިނިސްޓަރު ނަސީމް ފާހަގަ ކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ހޯދާފައިވާ ކަމަށެވެ. އެގޮތުން ކަމާ ގުޅެ އދގެ ހުރިހާ ޖަމިއްޔާތަކާއެކު މަސައްކަތް ކުރުމާއެކު ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ކަންކަމުގައި ޝާމިލުވެ، އޭގެ ކާމިޔާބީ ވެސް ރާއްޖެއިން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Comment