9 އޭޕްރީލް 2023 - 12:06 0
މި ފަަހަރުގެ ފުޓްބޯޅަ ސީޒަން ފެއްޓުމަށް ކުޅެވުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ ހަމްޒާ (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ އިއްބެ މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް
9 އޭޕްރީލް 2023 - 12:06 0
މި އަހަރުގެ ފުޓްބޯޅަ ސީޒަން އިން ފެށިގެން ދިވެހިރާއްޖޭގެ ކްލަބު ފުޓްބޯޅައިގައި ވެސް ފަސް ބަދަލުކުރެވޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގަވައިދު ބަދަލުކޮށްފި އެވެ.
މީގެ އިތުރުން އެހެން ބައެއް ގަވައިދުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
ކޮވިޑް-19ގެ ތެރެއިން ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ތައާރަފްކުރި ފަސް ބަދަލުގެ ގަވައިދަށް ދުނިޔޭގެ ގިނަ ލީގުތަކާއި އިންޓަނޭޝަނަލް މެޗުތަކުގައި މިހާރު ދަނީ އަމަލުކުރަމުންނެވެ. އެކަމަކު، މިދިޔަ ސީޒަނާ ހަމައަށް ރާއްޖޭގައި އަމަލުކުރަމުންދިޔައީ ހަމަކުރިން ވެސް ބޭނުންކުރި ތިން ބަދަލު ކުރެވޭ ގަވައިދަށެވެ.
އެހެން ނަމަވެސް، ސީޒަން ހުޅުވުމުގެ ގޮތުން މިދިޔަ ހަފުތާގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އެފްއޭއެމް އިން ވަނީ ގަަވައިދުތަކަށް ބައެއް ބަދަލުތަކެއް ގެނެސް، ޗެރިޓީ ޝީލްޑް މެޗުން ފެށިގެން މި ސީޒަންގެ ހުރިހާ މުބާރާތެއްގައި އެ ބަދަލުތަކަށް އަަމަލުކުރާ ގޮތަށް ނިންމައިފަ އެވެ.
އެފްއޭއެމް އިން ކްލަބުތަކަށް ފޮނުވި ސާކިއުލެއްގައި ބުނެފައިވަނީ މުބާރާތްތަކުގެ ގަވައިދުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންމެ މެޗެއްގައި ވެސް ފަސް ބަދަލު ކުރުވޭ ގޮތަށް ހެދުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން ދެ ރީނޑޫ ކާޑު ހަމަވުމުން ދެން އޮންނަ މެޗަށް ކުޅުންތެރިން ސަސްޕެންޑްވާ ގޮތަށް އޮތް ގަވައިދު ވަނީ ތިން ރީނދޫ ކާޑު ހަމަވުމުން ސަސްޕެންޝަން އަންނަ ގޮތަށް ބަދަލުކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ޓީމު ލިސްޓުގައި ހަ ބިދޭސީ ކުޅުންތެރިން ޖެހޭގޮތަށް ވެސް ގަވައިދު ވަނީ ރަސްމީކޮށް ބަދަލުކޮށްފަ އެވެ. ހަ ކުޅުންތެރިން ލިސްޓުގައި ޖެހުނަސް، އެއް ފަހަރާ ކުޅެވޭނީ ފަސް ކުޅުންތެރިންނަށެވެ. އަދި މި ހަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެއް ނިސްބަތްވާންޖެހޭނީ އޭޝިއާ ބައްރަށެވެ.
މި ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފެށުން ވަނީ މާދަމާ ރެއަށް ފަސްކޮށްފަ އެވެ. އެ ގޮތުން، ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި މާދަމާރޭ ކުޅޭނީ މިދިޔަ އަހަރުގެ ރަނަރަޕް، މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އެވެ.
Comment