Advertisement

އަލް ސަފާ ކުންފުނިން އުމްރާއަށް ދާ މީހުންގެ ވިސާ ހަމަނުޖެހިގެން ދަތުރު ކެންސަލްކޮށްފި

6 އޭޕްރީލް 2023 - 10:24 1


އަލް ސަފާ ކުންފުނިން އުމްރާއަށް ދާ މީހުންގެ ވިސާ ހަމަނުޖެހިގެން ދަތުރު ކެންސަލްކޮށްފި

6 އޭޕްރީލް 2023 - 10:24 1

އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި މިއަދު އުމްރާ ފުރަން ތައްޔާރުވެފައި ތިބި މީހުންގެ ވިސާ ހަމަ ނުޖެހޭ ކަމަށް ބުނެ ދަތުރު ކެންސަލްކޮށްފި އެވެ.

ރަމަޟާން މަހުގެ އުމްރާ އަށް އެ ކުންފުނިން ގެންދާ 180 އަށް ވުރެ ގިނަ މީހުން މިއަދު ފުރަން އޮތީ ހަމަޖައްސައިފަ އެވެ. އެ ކުންފުނީގެ ފުރަތަމަ ގްރޫޕު ހެނދުނު 8:00 ގައި ސައުދީ އެއާލައިންގައި ފުރަން ނިންމާފައި އޮތްއިރު، އުމްރާވެރިންގެ ލަގެޖުތައް ގެންގޮސް، އެއާޕޯޓަށް ދާންޖެހޭ ގަޑިވެސް އޮތީ އަންގައިފަ އެވެ.

"ގްރޫޕުން ދާ އެންމެނަށް ވިސާ ހަމަ ނުޖެހިގެން ނުފުރޭކަން އެންގީ ހެނދުނު ހައެއް ޖަހާކަންހާއިރު،" އަލް ސަފާ ކުންފުނިން އުމްރާއަށް ދާ ހަމަޖައްސާފައި އޮތް މީހަކު "އަދަދު" ނޫހަށް ބުންޏެވެ.

އެ ކުންފުނީގެ ވައިބަ ގްރޫޕުގައި ލިޔެފައި ވަނީ، "މިއަދުގެ މި ވަގުތާ ހަމައަށް އައިއިރު ވެސް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވަމެވެ."

އަލް ސަފާ ކުންފުނީގެ ވެރިޔާ އައްޝައިހު އަބްދުﷲ ނަސީމު ވިދާޅުވީ ވިސާ ހަމަޖައްސަނީ ސައުދީ އަރަބިއްޔާގެ އެޖެންޓެއް ކަމަށާއި އުމްރާއަށް މީހުން ފުރުމުގެ ކަންކަން ނިންމައި، އެއާޕޯޓަށް ދާން އެންގީ ވެސް، އަދި ލަގެޖު ގެނައީ ވެސް އެޖެންޓުގެ ބުނި ބަހުގެ އިތުބާރަށް ކަމަށެވެ.

"އަޅުގަނޑުމެން ސިސްޓަމުން ވިސާ ލިބިފައިވާކަން ނުފެނިގެން އެޖެންޓު ގާތު ބުނީމަ ވެސް ބުނީ ހަމަ ޖެހިފައޭ ހުރީ. ވިސާ ލިބިފައިވާކަން ނުފެންނަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ މައްސަލައަކުންނޭ. ދެން އަޅުގަނޑުމެން ރޭ ބުނީ އެހެންވިއްޔާ ވިސާ ލިބިފައިވާ ކަމުގެ ސްކްރީން ޝޮޓެއް ފޮނުވައިދޭން. އެހެން ބުނީމަ އެކޮޅުން ބުނީ އެ މީހުންގެ ސިސްޓަމްގެ މައްސަލައެއް ކަމަށް،" ނަސީމް ވިދާޅުވި އެވެ.

ވިސާ ހަމަޖައްސައިގެން މި ރޯދަ މަހު އުމްރާވެރިން މައްކާއަށް ގެންދެވޭނެ ކަމުގެ ޔަގީން ކަމެއް ނަސީމަށް ނެތެވެ.

"އަޅުގަނޑުމެން މި ދަތުރު ޖެހޭނީ އަންނަ އަހަރަށް [ރޯދަ މަހަށް] ފަސްކުރަން،" އޭނާ ވިދާޅުވި އެވެ.

މި އަހަރު ރަމަޟާން އުމްރާއަކަށް އަލް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނެގި އެވެ. އެ މަގުން ބަލާނަމަ މި ރަމަޟާން މަހުގެ އުމްރާވެރިން އެ ގްރޫޕަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވާނެ އެވެ.