3 އޭޕްރީލް 2023 - 14:10 3
އަހުމަދު އާއިދު
އިސްދޫ މެންބަރު އަލީ ހަމީދު މިއަދު އެމްޑީޕީއަށް ސޮއި ކުރެއްވި ވަގުތު ރައީސް ސޯލިހާއި މިނިސްޓަރު ފަޔާ ބަލަހައްޓަވައިގެން: އޭނާ ވިދާޅުވީ އެމްޑީޕީއަށް ސޮއި ކުރެއްވީ އިގްތިސާދީ ހަމަޖެހުން ބޭނުންވާތީ ކަމަށް -- ފޮޓޯ: އެމްޑީޕީ
3 އޭޕްރީލް 2023 - 14:10 3
އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކޮށް، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އަށް ދާދި ދެންމެ ސޮއިކުރައްވައިފި އެވެ.
އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރުގެ ހާޒިރުގައި މުލިއާގޭގަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަލީ ހަމީދު ސޮއިކުރެއްވުމާއެކު، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 67 އަށް އެރީ އެވެ. އެންމެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ، މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.
އަލީ ހަމީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވަން ފެއްޓެވީ އުވިގެން ދިޔަ 18 ވަނަ މަޖިލީހުން ފެށިގެންނެވެ. ޖޭޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު އެމްޑީީޕީ އަށް ބަދަލު މިވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާއެކު އެ ޕާޓީގެ އިސް ބައެއް އެހެން މެމްބަރުން ވެސް ޕާޓީ ދޫކުރައްވަމުން ދާ ދަނޑިވަޅެއްގަ އެވެ.
އަލީ ހަމީދު މިއަދު ވިދާޅުވީ އެންމެ ބޮޑު މަސްލަހަތަކީ އިޖުތިމާއީ އިގުތިސޯދީ ހަމަޖެހުން ކަމަށާއި އެ ހަމަޖެހުން ގެނެސްދެވުނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. ޕާޓީ ބަދަލުކޮށް، ރައީސް ސޯލިހަށް ތާއިދު ކުރެއްވީ އެ ހަމަޖެހުން ދެމެހެއްޓުން މުހިންމު ކަމެއް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
ގާސިމް ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން ނިންމެވުމާއެކު އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ), ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ)، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޖޭޕީ ދޫކޮށްލައިފަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ގާސިމަށް ތާއިދު ކުރެއްވުމުގެ ބަދަލުގައި، ރައީސް ސޯލިހަށް ތާއިދު ކުރައްވާކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.
Comment