Advertisement

ޗައިނާ އާއި ރާއްޖެއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

2 އޭޕްރީލް 2023 - 21:09 0

ނިމާ ހަސަން

ނިމާ ހަސަން

ރާއްޖެއާ ޗައިނާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވޭ; ހަތަރު ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވޭ -- ފޮޓޯ: ފޮރިން މިނިސްޓްރީ


ޗައިނާ އާއި ރާއްޖެއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

2 އޭޕްރީލް 2023 - 21:09 0

ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިޔެއް ކަމަށްވާ ޗައިނާ އިން ގުޅުން ބަދަހި ކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ރާއްޖެއާ އެކު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާޕާސަން ޑެން ބޮކިން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މިއަދު އެއްބަސްވި ދާއިރާތަކުގެ ތެރޭގައި ހާރިޖީ ދާއިރާ, ސިއްހީ ދާއިރާ, ހެރިޓޭޖް ދާއިރާ އަދި ޕްލޭނިން ދާއިރާ ހިމެނެ އެވެ.

އެގޮތުން، އެއްބަސްވީ ސީއައިޑީސީއޭ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު 2023 އިން 2025 އަށް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްލޭނެއް އެކުލަވާލުމަށެވެ.

އެ ޕްލޭނުގައި ސިއްހީ ފަރުވާ, މޫސުމަށް އަންނަ ބަދަލުތައް, އިންފްރާންސްޓްރަކްޗާ, ދަނޑުވެރިކަން, އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީގެ އިތުރުން ކާރިސާތައް މަދުކުރުން އަދި ދިވެހިންގެ ދިރިއުޅުން ރަނގަޅުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ހަތަރު ރަށެއްގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް ހޮސްޕިޓަލެއްގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވެސް ވަނީ ސޮއިކޮށްފަ އެވެ. އެއީ، ހއ. ދިއްދޫ އާއި ރ. އަލިފުށި އަދި ދ. ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިލީގެ ހޮސްޕިޓަލުތައް ޒަމާނާ އެއްވަރަށް ތަރައްގީ ކުރުމުގެ މަސައްކަތެވެ.

އެއީ މީގެ ކުރިން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މަސައްކަތްތަކެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކުރަން ނިންމީ ސްޕީޑު އަވަސް ކުރުމުގެ ގޮތުންނެވެ.

އޭގެ އިތުރުން، ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެ އިމާރާތަކީ ޗައިނާ ސަރުކާރުން އަޅައިދީފައިވާ އިމާރާތެކެވެ.

ހަމައެހެންމެ ޗައިނާއިން ރާއްޖެގައި ކުރިއަށްގެންދިޔަ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖު މަރާމާތު ކުރުން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވަނީ ޗައިނާއާ ރާއްޖެއާ އޮންނަ ގާތް ގުޅުން ފާހަގަކުރައްވާ, ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް އެ ގައުމުން ކޮށްދޭ ކަންތައްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ހޮސްޕިޓަލް ފަދަ މުހިންމު އިމާރަތްތައް ބިނާކުރުމުގެ ސަބަބުން އެއީ ދިވެހިންގެ ދިރިއުޅުމަށް ރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.