2 އޭޕްރީލް 2023 - 15:28 0
އައްޒާމް އަލިފުޅު
މާޒިޔާގެ ކޯޗު އިވާން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން
2 އޭޕްރީލް 2023 - 15:28 0
މި މަހު 21 ވަނަ ދުވަހު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާނުން ކުޅުނު އެކުވެރިކަމުގެ މެޗުގެ ފައިދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް އީގަލްސްއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގެ ކުރިން މިއަދު މެންދުރު ފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވާން ބުނީ ޕްރީ ސީޒަން ކުރިއަށްގެންދިޔައިރު، އެންމެ ބޮޑު މައްސަލަ އަކީ މި ވަގުތު ރާއްޖޭގައި އެކުވެރިކަމުގެ މެޗުތައް ކުޅެން ލިބެން ނެތުން ކަމަށެވެ.
ފުރަތަމަ ޑިިވިޝަނުގެ އަށް ކްލަބްގެ ތެރެއިން މި ވަގުތު ޕްރީ ސީޒަން ޕްރެކްޓިސް ފަށާފައި އޮތީ ތިން ކްލަބަކުންނެވެ. ތިން ވަނަ އަށް ޕްރެކްޓިސް ފެށީ ރޭ ބުރު ސްޕޯޓްސް ކްލަބް އިންނެވެ.
"މި މެޗު، ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމު އެ ކުޅުނު މެޗަކީ ހަމައެކަނި ގައުމީ ޓީމުގެ މެޗެއް ވެސް ނޫން، އެއީ އަހަންނަށް މާޒިޔާގެ ކުޅުންތެރިންނަށް ވެސް ލިބުނު ފްރެންޑްލީ މެޗެއް. އެހެން ސިސްޓަމަކަށް އެހެން ޓެކްޓިކްސް އަކަށް އެ ކުޅުންތެރިން އެހެން ޓާގެޓަކަށް ކުޅުނު ނަމަވެސް މި މެޗު އަހަރެމެންގެ ޕްލޭޔަރުންނަށް މިވީ ރަނގަޅު ފުރުސަތަކަށް،" ޕާކިސްތާން އަތުން 1-0 އިން މޮޅުވި މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ބޭނުންކުރީ މުޅިން މާޒިޔާގެ ކުޅުންތެރިން ކަމަށްވާތީ އެއީ އެޑްވާންޓޭޖެއްތޯ އެހުމުން، އިވާން ބުންޏެވެ.
ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން: މިއީ ރާއްޖޭގެ ގައުމީ ޓީމެއްގެ ފުރަތަމަ އެގާރައިގައި ރަސްމީ މެޗެއްގައި އެއް ކްލަބެއްގެ ކުޅުންތެރިން އެކަނި ހިމެނުނު މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރު.--- ފޮޓޯ: އަބްދުﷲ އިޔާން
"އަަހަރެން އެކަމާ (ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި މުޅިން މާޒިޔާ ކުޅުންތެރިން ތިބީމަ) ވަރަށް ހިތްހަމަޖެހޭ، އެއީ އެ މެޗުން ކުުޅުންތެރިންނާ ބެހޭ ރަނގަޅު ކަންތައްތަކެއް ފާހަގަވެ، ތައްޔާރުކަން އެނގުނު،"
މާޒިޔާ އަކީ މި ފަަހަރު ވެސް އެންމެ ފުރަތަމަ ރާއްޖޭން ޕްރީ ސީޒަން ޕްރެކްޓިސް ފެށި ކްލަބް އެވެ. އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ އިން ޕްރެކްޓިސް ފެށިިއިރު، ރާއްޖޭގައި ރަސްމީކޮށް ކުޅުންތެރިން މެޗެއް ނުކުޅެ، ޓްރެއިނިން ނުކުރާތާ ފަސް ވަރަކަށް މަސް ވާން ވަނީ ގާތްވެފަ އެވެ.
އިވާން ބުނީ ޕްރީ ސީޒަންގެ އެންމެ ފުރަތަމަ ޕްރެކްޓިސްގައި ފެނުނު ކަންތައްތަކުން ލިބުނީ "ޝޮކެއް" ކަމަށެވެ. އެއީ ކުޅުންތެރިންގެ ފިޓްނަސް ލެވަލް ހުރީ ހީކުރި ވަރަށް ވުރެ މާ ދަށްކޮށް ކަމަށްވާތީ އެވެ.
އެކަމަކު، ސައުދީ އަރަބިއްޔާގައިި ފުރިހަމަ ކުރި ޓްރެއިނިން ކޭމްޕާއި މިހާތަނަށް ކުރެވުނު ހުރިހާ ޕްރެކްޓިހެއްގައި ކުޅުންތެރިން ކުރި މަަސައްކަތުން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވުނު ކަމަށް އިވާން ވަނީ ބުނެފަ އެވެ.
"ސީރިއަސްކޮށް މަސައްކަތްކޮށްގެން ހާލަތު ރަނގަޅުކުރެވިފައި މި ވަނީ، ގާތްގަނޑަކަށް މިހާރު އެ ހުރީ ކޮންމެ ކުޅުންތެރިއެއްގެ އަމިއްލަ ފެންވަރަށް ބަލާނަމަ 80 ނޫނީ 90 ޕަސެންޓްގައޭ ބުނެވިދާނެ،" އިވާން ބުންޏެވެ.
"ފުރަތަމަ ކަމަކަށް އަހަރެމެންނަށް ސައުދީ އަރަބިއްޔާގައި މި ދިން ފުރުސަތަށް ޓަކައި ވެސް ޝުކުރުއަދާކުރަން ޖެހޭ. ވަރަށް ރަނގަޅު ކޭމްޕެއް، މި ކޭމްޕުން އަހަންނަށް ކުޅުންތެރިން ދަސްކުރަން ފަސޭހަވެގެންދިޔަ، އެއީ ކުރިން އަހަންނަކަށް ކުޅުންތެރިން ދަސްވާވަރުގެ ފުރުސަތެއް ނުއެއް ލިބޭ. މިހާރު، އަހަރެންގެ ވިސްނުމުގައި ބުނަން އެނގޭނެ، މި ކުޅުންތެރިންގެ ކޮލިޓީ އަކީ މިއީއޭ. ކުޅުންތެރިންނަށް ދަނޑުމަތީގައި ބޭނުން ހިފޭނީ މީގެއޭ،"
އިވާން ބުނީ މާޒިޔާގައި ޓާގެޓްތަކަކާ އެކު މަސައްކަތް ކުރާއިރު، ފެށުން ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ.
މިއަދު ބޭއްވި ޗެރިޓީ ޝީލްޑް މެޗުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސާންތީ (ވ) އާއި މާޒިޔާގެ ކޯޗު އިވާން ސަލާމްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން
ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު މި މެޗުން މޮޅުވި މާޒިޔާ އެވެ. އީގަލްސް އިން މިހާތަނަށް ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނު ހަމައެކަނި ފަހަރު ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށްފަ އެވެ. އެއީ ފަހަތުން އަރައި 3-2 އިންނެވެ.
އިވާން ބުނީ މާޒިޔާ ކުޅުންތެރިންނަށް އޭނާ ދޭ ލަފަޔަކީ ކޮންމެ ހާލަތެއްގައި މި މެޗު ކުޅުނު ކަމުގައި ވިޔަސް އީގަލްސް ޓީމަށް ވެސް އިހުތިރާމް ކުރުމަށެވެ. އީގަލްސް އާއި މާޒިޔާ ވާދަކުރާ މެޗުތައް ދާ ގޮތާ ގުޅޭ ގޮތުން ވާހަކަތައް އިވިފައިވާ ކަމަށް އިވާން ވަނީ ބުނެފަ އެވެ. އެ ހުރިހާ ކަމަށް ބަލާއިރު، އީގަލްސްއާ މެދު އިވާން ވެސް ސަމާލުވާނެ އެވެ.
"އީގަލްސް ވާނެ އަހަރެމެންނަށް ނުރައްކާކުރާނެ ޓީމަކަށް، ތި މީހުން ވެސް، ތި ބުނަނީ މި ޓީމު (އީގަލްސް) މާޒިޔާއާ އެކު ކުޅެނީ ރަނގަޅު ރޫހެއްގައޭ. އީގަލްސް ކަހަލަ ޓީމަކާ ކުޅޭއިރު، ވިސްނަންޖެހޭނެ ކިހިނެއްތޯ ޑިފެންސްގައި ކުޅޭނީ ކިހިނެއްތޯ އެޓޭކްގައި ކުޅޭނީ. ވަރަށް ސަމާލުވާން ޖެހޭނެ އެ މީހުންނަށް އެޓޭކް ކުރަން ފުރުސަތު ނުދޭން. ދެން، އަހަރެމެންގެ ޓާގެޓަކަށް ވާން ޖެހޭނީ އެ މީހުންނަށް އެޓޭކްކުރަން،" އިވާން ބުންޏެވެ.
މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ހަވާލުވެހުރިއިރު، އިވާން ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެ ވަނީ އެއް މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވެފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުން ވެސް މީގެ ކުރިން ފެނިފައިވާ ކަމަށް އިވާން ވަނީ ބުނެފަ އެވެ.
މިހާތަނަށް ފެނުނު ފެނުމާއި ލިބިފައިވާ މައުލޫމާތުގެ އަލީގައި އެއްޗެއް ބުނާނަމަ ރާއްޖޭގެ ފުޓްބޯޅަ، ބައިނަލްއަގުވާމީ ލެވަލްގައި ކަމެއް ހާސިލްކުރާނަމަ، އިތުރު ވިސްނުންތަކެއް މީގެ ތެރެއަށް ވައްދައިގެން ރަނގަޅު ވާދަވެރި މާހައުލެއްގައި މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އިވާން ވަނީ ބުނެފަ އެވެ.
މާޒިޔާ އާއި އީގަލްސް ކުޅޭ ޗެރިޓީ ޝީލްޑް މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.
Comment