Advertisement

ސާފް ޗެމްޕިއަންޝިޕް އަށް ގައުމުގެ މެދުގައި ކުޅެވޭނެ ފޯމެޓަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

1 އޭޕްރީލް 2023 - 16:15 0

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ (ކ) އާއި ބަންގްލަދޭޝްގެ ޓޯޕޫ ބޯޅަ އަކަށް މަސައްކަތްކުރަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ


ސާފް ޗެމްޕިއަންޝިޕް އަށް ގައުމުގެ މެދުގައި ކުޅެވޭނެ ފޯމެޓަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

1 އޭޕްރީލް 2023 - 16:15 0

އިންޑިއާގެ ބެންގަލޫރުގައި އަންނަ ޖޫން މަހުގެ 21 އިން ޖުލައި ތިން ވަނަ ދުވަހުގެ ނިޔަލަށް ކުޅޭ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސަރަހައްދުން ބޭރުގެ ޓީމުތަކަށް ދައުވަތުދީގެން، އަށް ގައުމު ވާދަކުރާ ފޯމެޓަކަށް މުބާރާތް ގެންދެވޭތޯ މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ކުރިއަށްގޮސްފައިވަނީ ސައުުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އިއްޔެ ކުރިއަށްގެންގޮސްފައިވާ ވާޗުއަލް ބައްދަލުވުމެއްގަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި މުބާރާތް ކުރިއަށްދާނެ ތާރީހު ރަސްމީކޮށް ފައިނަލް ކުރެވުނުއިރު، މުބާރާތް އިތުރަށް ފޯރިގަދަކުރެވޭނެ އެކި ގޮތްގޮތާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ.

އެ ގޮތުން، ސަރަހައްދުން ބޭރުގެ އެއް ޓީމު ނޫނީ ދެ ޓީމަކަށް ދައުވަތުދީގެން އަށް ގައުމުގެ މެދުގައި ކުޅޭ މުބާރާތެއްގެ ގޮތުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވިދާނެތޯ، އެ ކަމާ ގުޅޭގޮތުން ވާހަކަތަކެއް ދެކެވުނެވެ.

މީގެ ކުރިން، އިންޑިއާގެ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އޯލްއިންޑިއާފުޓްބޯލް ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭ ވެސް ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ސަރަހައްދުން ބޭރުގެ ޓީމެއް ފެނިދާނެ ކަމުގެ އިޝާރާތެއް ދެއްްވައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސީނިއާ މުބާރާތުގައި ސަރަހައްދުން ބޭރުގެ ޓީމަކަށް ކުޅެފައިވަނީ އަފްގާނިސްތާން އެވެ. އޭގެ އިތުރުން، ދާދި ފަހުން ނިމިގެންދިޔަ 17 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ރަޝިއާ އިން ވަނީ ހޯދައިފަ އެވެ. ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފީފާ އިން އޮތީ ރަޝިއާ އަށް ފިޔަވަޅު އަޅައިފަ އެވެ. އެހެންވެ، ޔޫރަޕާއި ފީފާގެ މުބާރާތްތަކުގައި ރަޝިއާ އަށް ނުކުޅެވެ އެވެ.

އައް ގައުމުގެ މެދުގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކުޅެފައިވަނީ 2013 ވަނަ އަހަރު ނޭޕާލުގައި ހޯސްޓްކުރި މުބާރާތުގަ އެވެ. އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ ފަސް ގައުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ދައުވަތު ދީފައި އޮތް އެއް ގައުމަކީ ތައިލެންޑް އެވެ. ދުނިޔޭގެ އެކި ބައްރުތަކުގައި ބާއްވާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި އެކި ސަރަަހައްދުތަކުން ބާއްވާ ވަކި މުބާރާތްތަކުގެ ތެރެއިން ދައުވަތު ދީގެން އެހެން ޓީމުތަކަށް ވެސް ފުރުސަތު ދެ އެވެ. އެ ގޮތަށް އެންމެ އާންމުކޮށް އަމަލުކުރަނީ ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ މުބާރާތްތަކުގަ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާނެ ކަމަށް ބެލެވެނީ އިންޑިއާ، ރާއްޖެ، ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާން އެވެ. ސްރީ ލަންކާ މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.