Advertisement

އައިއޯއައިޖީ އަށް ތައްޔާރުވާން އެތުލެޓިކްސް އިން ބޮޑު ސްކޮޑެއް

1 އޭޕްރީލް 2023 - 15:12 0

އެންމެ ފަހުން ބޭއްވި ގައުމީ ގްރޯން ޕްރީ އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އައިއޯއައިޖީ އަށް ތައްޔާރުވާން އެތުލެޓިކްސް އިން ބޮޑު ސްކޮޑެއް

1 އޭޕްރީލް 2023 - 15:12 0

މި އަހަރުގެ އޮގަސްޓް މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބޮޑު ސްކޮޑެއް އެކުލަވާލައިފި އެވެ.

މަޑަގަސްކަރައިގައި މި އަހަރުގެ އައިއޯއައިޖީ އޮންނާނީ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މި ގޭމްސްގައި މިހާތަނަށް ރާއްޖެއިން އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ އެއް ކުޅިވަރަކީ އެތުލެޓިކްސް އެވެ. ދުރާލާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެތުލެޓިކްސްގެ ބޮޑު ސްކޮޑެއް ވަނީ އެކުލަވާލައިފަ އެވެ.

އެއީ ރިލޭ ޓީމާއި، އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 27 ދުވުންތެރިން މި ސްކޮޑުގައި ހިމެނެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް އިން އެކުލަވާލި ފިރިހެން އެތުލީޓުންގެ ސްކޮޑު.


ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނޭ 15 ފިރިހެން ދުވުންތެރިންނަކީ ހަސަން ސާއިދު، އިބާދުﷲ އާދަމް، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު މިންހާލް ޝާމިން، ހުސައިން ޒީކް ސުއާދު، އަހުމަދު ނަޖުދާން އަބްދުﷲ، ޒިއުޒް މުހައްމަދު ސުއާދު، ނުޖޫމް ހަސަން، އާދަމް ރިފްއަތު، ހުސައިން ރިޒާ (ކުޑަ ރިޒާ)، އަހުމަދު ވިސާމް، ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، މުހައްމަދު އިރުފާން، އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އަދި ޔޫސުފް އިބްރާހިމް އެވެ.

މި ދުވުންތެރިންގެ ތެރެއިން އިބާދުﷲ އާއި މިންހާން ތަމްރީން ހަދަމުން އަންނަނީ ޖެމެއިކާގަ އެވެ. ސާއިދު، ނަޖުދާން، ޒީކް، ޒިއުޒް އަދި ރައްޓު ވަނީ ފެބްރުއަރީ މަހުގެ 16 އިން ފެށިގެން 15 އަށް އިންޑިއާގެ ބެންގަލޫރުގައި ތަމްރީން ހަދާފަ އެވެ. ވިސާމް އާއި ފަޒީލް ވަނީ، ނަސީރު ސްޕޯޓްސް އެކެޑަމީން ހޯދައިދިން ފުރުސަތެއްގައި ސްރީ ލަންކާގައި ރަނގަޅު ތަމްރީންތަކެއް މިދިޔަ ދޮޅުމަސްތެރޭގައި ހަދައިފަ އެވެ.

އައިއޯއައިޖީއަށް އެކުލަވާލި އަންހެން ސްކޮޑުގައި ހިމެނެނީ 12 އަންހެން ދުވުންތެރިންނެވެ. އޭގެ ތެރޭގައި މިވަގުތު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އައިޝަތު ހިމްނާ ހަސަން އާއި މަރިޔަމް ރޫޔާ އަލީ ހިމެނެ އެވެ. ދެން ހިމެނެނީ ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، އަހުނާ ނިޒާރު، އާމިނަތު ލަޔާނާ މުހައްމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ޝަބާ ސަލީމް ހައްވާ މުޒުނާ ފާއިޒު، އާމިނަތު ޖައިޝާ ޖުނީޒް، މަރިޔަމް އަބްދުލްކަރީމް އަދި ސަމްހާ އަހުމަދު އެވެ. މީގެ ތެރެއިން ގިނަ އަންހެން އެތުލީޓުން އަންނަނީ އިންޑިއާ އިން ދިން ފުލްޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި ބައިވެރިވަމުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ގައުމީ އަންހެން އެތުލީޓުންގެ ސްކޮޑު


މި ދުވުންތެރިންގެ ތެރެއިން ސަމްހާ އަކީ 2015ގެ އައިއޯއައިޖީގެ 800 މީޓަރު ދުވުމުން ބްރޮންޒް މެޑަލް ހޯދި ދުވުންތެރިޔާ އެވެ. މިފަހަރު އޭނާ ދުވާނީ 5 ކިލޯމީޓަރުން ފެށިގެން ދިގު ދުވުންތަކުގަ އެވެ.

ބޮޑު ސްކޮޑަކާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްފަހު ފައިނަލް ޓީމު އެކުލަވާލާނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ.