Advertisement

ޖޫނިއާ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ދެ އެތުލީޓުންނަށް ހޮވުނީ ނާހިލް އާއި އަހުނާ

21 އޮކްޓޯބަރު 2023 - 11:28 0

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މޮޅު ދެ އެތުލީޓުންނަށް ހޮވުނު ނާހިލް އާއި އަހުނާ - ފޮޓޯ: ކުޅުދުއްފުށި ސީޓީ ކައުންސިލް


ޖޫނިއާ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ދެ އެތުލީޓުންނަށް ހޮވުނީ ނާހިލް އާއި އަހުނާ

21 އޮކްޓޯބަރު 2023 - 11:28 0

އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އިބްރާހިމް ނާހިލް ނިޒާރު ހޮވުނުއިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު ހޮވިއްޖެ އެވެ.

މި މަހުގެ 15 އިން އިއްޔެގެ ނިޔަލަށް ހދ.ކުޅުދުއްފުށީގައި ކުރިއަށްދިޔަ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މޮޅު ދެ އެތުލީޓުންނަށް ނާހިލް އާއި އަހުނާ ހޮވުނުއިރު، މުބާރާތުގެ އަންހެން އަދި ފިރިހެން އެންމެ މޮޅު ޓީމަކަށް ވެސް ހޮވުނީ ދެ އެތުލީޓުން ތަމްސީލްކުރި ދެ ޓީމު ކަމަށްވާ ޖަލާލުއްދީން ސްކޫލާއި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.

ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދި ނާހިލް ވަނީ 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި ލޯންގް ޖަމްޕްގެ ރަން މެޑަލް ހޯދާފަ އެވެ. މުބާރާތުގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ އިތުރުން 20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީވެސް ނާހިލް އެވެ.

އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދި އަހުނާ ވަނީ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމާއި، 200 މީޓަރު ދުވުމުގެ އިތުރުން އަންހެން ކުދިންގެ ޓްރިޕަލް ޖަމްޕުގެ ރަން މެޑަލް ހޯދައިފަ އެވެ. މުޅި މުބާރާތުގެ މޮޅު އެތުލީޓުގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކީވެސް އަހުނާ އެވެ.

އެކި އުމުރުފުރާތަކަށް ބަލާއިރު، 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ކުލަބު ކާމް ސްޕޯޓްސްގެ އިޒާން ހަސަން އެވެ. އޭނާ ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރަން މެޑަލް އަދި ލޯންގް ޖަމްޕްގެ ރިހި މެޑަލް ހޯދައިފަ އެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ކުލަބު ރާވެރިޔާގެ އައިޝަތު ހަމްދާ ސަލާމް އެވެ. އޭނާ ވަނީ އަންހެން ކުދިންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި ލޯންގް ޖަމްޕްގެ ރަން މެޑަލް ހޯދައިފަ އެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޓްރެކް އެންޑް ފީލްޑްގެ ޒުއިޒް މުހައްމަދު ސުއާދު އެވެ. އޭނާ ވަނީ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

ވިހި އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރީފް ސްޕޯޓްސްގެ އީމާ އަލީ ޝިޔާމް އެވެ. އީމާ ވަނީ އަންހެން ކުދިންގެ ޝޮޓްޕުޓް، ޑިސްކަސް ތުރޯ އަދި ޖެވެލިން ތުރޯ އިން ރަން މެޑަލް ހޯދައިފަ އެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ މިލަންދޫ ސްކޫލެވެ. މި އުމުރުފުރާގެ އަންހެން މޮޅު ޓީމަކީ އަފީފުއްދީން ސްކޫލެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ޓީމަކަށް ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޮވުނުއިރު، އަންހެން އެންމެ މޮޅު ޓީމަކަށް ހޮވުނީ ކުލަބު ރައިވެރިޔާ އެވެ.

ވާދަވެރިކޮށް ފެނުނު 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ނަސީރު ސްޕޯޓްސް އެކަޑެމީ ހޮވުނުއިރު، އަންހެން ޗެމްޕިއަން ޓީމަކީ ޝަރަފުއްދީން ސްކޫލެވެ.

ވިހި އަހަރުން ދަށަށް ބަލާއިރު، ފިރިހެން ކުދިންގެ ބައިންނާއި އަންހެން ކުދިންގެ ބައިންވެސް އެއްވަނަ ހޯދީ ޝަރީފް ސްޕޯޓްސް އެވެ.

އެސްޓީއޯ މަކިޓާ ޖޫނިއާ އެެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މި އަހަރު 28 ސްކޫލަކާއި ހަތް ކްލަބް ޖަމިއްޔާއަކުން 1،124 އެތުލީޓުން ވާދަކުރި އެވެ.