30 ނޮވެންބަރު 2023 - 13:31 0
ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ ބައްދަލުވުމުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަޒީލް.--- ފޮޓޯ: އަދަދު
30 ނޮވެންބަރު 2023 - 13:31 0
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުން މުހައްމަދު ތޮލާލް އިސްތިއުފާދީފައިވާއިރު، އާ އިންތިހާބެއް ބޭއްވުމާ ހަމައަށް އެސޯސިއޭޝަންގެ އިސް ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ، އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު އަޒީލް ކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރަކަށް ތޮލާލް، އައްޔަންކުރެއްވުމާ އެކު، އޭނާ ވަނީ އެސޯސިއޭޝަން ރައީސްގެ މަގާމުން އިސްތިއުފާދީފަ އެވެ. އެހެންވެ، އެތުލެޓިކްސްގެ ރައީސްގެ މަގާމު މި ވަގުުތު އޮތީ ހުސްކޮށެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އެ ޖަމިއްޔާގެ އަސާސީ ގަވާއިދު ބުނާގޮތުން އަންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން އެސޯސިއޭޝަންގެ އާ ހިންގާ ބޯޑެއް ހޮވުމުގެ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށެވެ.
އެހެންވެ، އެ ކަންކަމަށް ބެލުމަށް ފަހު، އެހާތަނަށް މި އޮތް ފަސް މަސް ދުވަސް ތެރޭ ރައީސަކު ހޮވަން އިންތިހާބެއް ނުބާއްވައި، ނައިބު ރައީސްއާ އެކު ކުރިއަށްދިއުމަށް އަސާސީ ގަވާއިދު ތަންދޭތީ، އެ ގޮތަށް ކުރިއަށް ދިއުމަށް ނިންމީ ކަމަށެވެ.
އެހެންކަމުން، މި ވަގުތު އެސޯސިއޭޝަންގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރާނީ މިދިޔަ ދެ ދައުރުގައި ވެސް ނައިބު ރައީސަކަށް ހުންނެވި އަޒީލް ކަމަށެވެ.
އަޒީލް އަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ލީޑަޝިޕްގައި ހިމެނިގެން މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުން ތޮލާލް އިސްތިއުފާދިންއިރު، އޭނާ އައީ އެ އެސޯސިއޭޝަންގެ ރައީސްގެ ގޮތުގައި ތިން ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންނެވެ. ތޮލާލްގެ ޓީމުގައި ހިމެނިގެން މިދިޔަަ އަހަރުތަކުގައި އަޒީލް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
Comment