Advertisement

ރޮނާލްޑޯ އަށް ޔުނައިޓެޑުން އިހުތިރާމް ކުރަންޖެހޭނެ: ރޫނީ

31 މާރިޗު 2023 - 06:10 0


ރޮނާލްޑޯ އަށް ޔުނައިޓެޑުން އިހުތިރާމް ކުރަންޖެހޭނެ: ރޫނީ

31 މާރިޗު 2023 - 06:10 0

ލަންޑަން (މާޗް 31) - މުޅި ކެރިއަރުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، މެންޗެސްޓާ ޔުނައިޓެޑަށް ކޮށްދިން ކަންތައްތަކަށް ބަލާއިރު، އޭނާ އަށް އެ ކްލަބުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ކުރިން ރޮނާލްޑޯއާ އެކު ޔުނައިޓެޑްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި ވޭން ރޫނީ ބުނެފި އެވެ.

ރޮނާލްޑޯ، 38، ގެ ކާމިޔާބު ކެރިއަރުގައި އޭނާ ދެ ފަހަރެއްގެ މަތިން ހަމައެކަނި ކުޅުނު ކްލަބަކީ ޔުނައިޓެޑް އެވެ. އެ ގޮތުން، 2003 އިން 2009 އަށް ކުޅުނުއިރު، ކެރިއަރުގައި ގިނަ ކަންތައްތަކެއް ހާސިލްކުރި އެވެ. އޭގެ ފަހުން، 2021-2022 ގައި ޔުނައިޓެޑާ ދެ ވަނަ ފަހަރަށް ގުޅި އެ ޓީމު ދޫކޮށްދާން ޖެހުނީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ.

މަޝްހޫރު ޓީވީ ހޯސްޓް ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާއި ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާގެ އިތުރުން އެ ކްލަބްގެ ގިނަ ކަންކަމަށް ފާޑުކިޔައިފަ އެވެ. މިކަމާ އުފެދުނު ހިތްހަމަނުޖެހުމެއްގައި ނޮވެމްބަރު މަހު ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓް ނިމުމަކަށް ގެނަ އެވެ.

އޭގެ ފަހުން، ޔުނައިޓެޑްގެ ސަޕޯޓަރުންގެ ބޮޑު ނިސްބަތެއްގެ ނުރުހުން ރޮނާލްޑޯ އަށް ވަނީ އަމާޒުވެފަ އެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްްގައި ރޫނީ ބުނީ ރޮނާލްޑޯ އަކީ ޔުނައިޓެޑްގެ ލެޖެންޑެއް ކަމަށާއި އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

"ގިނަ ޕްރިމިއާ ލީގު ތަށިތަކެއް ހޯދި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި، ގިނަ ގޯލުތަކެއް ޖެހި. ރޮނާލްޑޯއާ އެކު ކުރިން ޔުނައިޓެޑަށް ކުޅެ، އޭރު ރޮނާލްޑޯގެ ކުޅުން ގާތުން ފެނުނު ގިނަ ބަޔަކަށް މިކަން ހަނދާނުން ފޮހެނުލެވޭނެ. ރޮނާލްޑޯ އަކީ ޔުނައިޓެޑްގެ ލެޖެންޑެއް،" ރޫނީ ބުންޏެވެ.

"ތެދެއް، ޔުނައިޓެޑުން ރޮނާލްޑޯ ދިޔައީ ވަރަށް ލަދުވެތި ގޮތަކަށް. އެހެން ނަމަވެސް ޔުނައިޓެޑާއި ރޮނާލްޑޯގެ ގުޅުން ހަމައެކަނި މި ފަހުން މި ހިނގި ކަންތައްތަކަށް ބަލައިގެން ކަނޑައެއް ނޭޅޭނެ. ރޮނާލްޑޯ އެބަހުރި ޔުނައިޓެޑަށް އަގުނުކުރެވޭނެ ގިނަ ކަންތައްތަކެއް ކޮށްދީފައި،"

ރޫނީ ބުނީ ރޮނާލްޑޯ ކްލަބް ދޫކޮށްލުމާ ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ކަންކަން ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި އެ ކަންތައްތަކުގެ ސަބަބުން ކްލަބާއި ހާއްސަކޮށް ޔުނައިޓެޑް ސްކޮޑަށް މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރުމުގެ ފުރިހަމަ ކްރެޑިޓް ދޭން ޖެހޭނީ ޓެން ހާގަށް ކަމަށް ރޫނީ ގަބޫލުކުރެ އެވެ.