Advertisement

ރާއްޖޭން ބޭރުގެ ރަނގަޅު ޓްރެއިނިންއާ އެކު ޒަޔާނާއި ތޯއިފްގެ ޕެއާ ބޮޑު އަމާޒެއްގައި

29 މާރިޗު 2023 - 14:24 1

މާލޭގައި ކުރިއަށްދިޔަ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ތޯއިފް (ކ) އާއި ޒަޔާންގެ ޕެއާ.--- ފޮޓޯ: އަދަދު


ރާއްޖޭން ބޭރުގެ ރަނގަޅު ޓްރެއިނިންއާ އެކު ޒަޔާނާއި ތޯއިފްގެ ޕެއާ ބޮޑު އަމާޒެއްގައި

29 މާރިޗު 2023 - 14:24 1

ރާއްޖޭގެ ބެޑްމިންޓަނުގައި ފިރިހެން ޑަބަލްސް އެއް ވަނަ ޕެއާ، އަހުމަދު ތޯއިފް މުހައްމަދު އާއި ޒަޔާން ޒަކީގެ ޕެއާ، ބައިނަލްއަގުވާމީ ލެވަލްގައި ރަނގަޅު ޓްރެއިނިންތަކާއި ފެންވަރު ރަނގަޅު މުބާރާތްތަކުގައި ވާދަކުރަމުން އަންނައިރު، ދެ ކުުޅުންތެރިން މި އަހަރާއި އަންނަ އަހަރުގެ ގޭމްސްތަކާ މެދު ބޮޑު އަމާޒެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އެއްކޮށް ޕެއާއެއްގެ ގޮތުގައި ކުޅުނު ދެ ފަހަރު ވެސް، ޒަޔާން އާއި ތޯއިފް ވަނީ ގައުމީ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު އެވެ.

ބައިނަލްއަގުވާމީ ލެވަލްގައި ވެސް ޒަޔާނާއި ތޯއިފްގެ ޕެއާގެ ކުރިއެރުން ރަނގަޅެވެ. ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅު މިސްރާބެއްގައި މަސައްކަތް ކުރަމުން އަންނަ ޒަޔާނާއި ތޯއިފްގެ މި ޕެއާ ވަނީ ވަނީ 2019 ވަނަ އަހަރު ގާނާ އިންޓަނޭޝަނަލް ސީރީސްގެ ފިރިހެން ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި ތޯއިފް (ކ) އާއި ޒަޔާންގެ ޕެއާ ތަށި ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރިވައިވަލް ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ޒަޔާނާއި ތޯއިފް ފާއިތުވި އަހަރެއްހާ ދުވަހު ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޓްރެއިނިން ކުރިއަށް ގެންގޮސް، އޭގެ އިތުރުން ލިބޭ ފުރުސަތުތަކުގައި މުބާރާތްތަކުގައި ވާދަކުރަނީ، "ލެވަލް ހިފަހައްޓައި" އަބަދުވެސް ކުރިއަށް ފޯކަސް ބެހެއްޓުމުގެ ގޮތުންނެވެ.

ރިވައިވަލްގެ ޓްރެއިނިން ސްކޮލަޝިޕެއްގައި ތޯއިފް ވަނީ އިންޑިއާގައި ވެސް މުއްދަތެއް ހޭދަކޮށްފަ އެވެ. މިހާރު ދެ ކުޅުންތެރިން ވެސް މެލޭޝިއާގައި ޓްރެއިނިން ކުރިއަށްގެންދާއިރު، މި ހުރިހާ ކަންކަމަށް ލިބިގެންދާ ފަސޭހައެއް ވެސް އެބައޮތެވެ. އެ ގޮތުން، އެންމެ ބޮޑު ފަސޭހަ އަކީ ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، ކުޅިވަރު އެތުލީޓުން އެންޑޯޒްކޮށްގެން، ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ "އަރުތަ" ޕްރޮގްރާމްގައި ދެ ކުޅުންތެރިން ވެސް ހިމެނިގެންދިއުމެވެ.

މި އަހަރު، ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ވެސް ޒަޔާން އާއި ތޯއިފްގެ ޓާގެޓްތަކެއް އެބައޮތެވެ.

"ޓާގެޓަކީ އައިއޯއައިޖީގައި ގޯލްޑް މެޑަލެއް. ދެން ޓާގެޓް މި ކުރަނީ، މޯލްޑިވްސް އިންޓަނޭޝަނަލް މުބާރާތާއި އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ޕޯޑިއަމް ފިނިޝްއަކާ ހަމައަށް ދާން،" ޒަޔާން، "އަދަދު" އަށް ބުންޏެވެ.

ރާއްޖޭގަައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް މުބާރާތެއްގެ މެޗެއްގެ ތެރެއިން ތޯއިފް: ކުރިއަށް ހުރި މުބާރާތްތަކުގައި ބޮޑު ކާމިޔާބަކަށް އުންމީދުކުރޭ.--- ފޮޓޯ: މުހަައްމަދު ޝާބިން/ އަދަދު


މި ވަގުތު މެލޭޝިއާގައި ކުރިއަށްދާ ޓްރެއިނިންތައް ރަނގަޅުކަން ފާހަގަކޮށް ތޯއިފް، "އަދަދު" އަށް ބުނީ ބޭނުންވާ ޓާގެޓްތަކާ ހަމައަށް ދާން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ހަގީގަތުގައި މީގެ ޓާގެޓަކީ، އައިއޯއައިޖީ އާއި ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކުގެ އިތުރުން ދެން އޮތް ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ފިރިހެން ޑަބަލްސް އިން މެޑަލް ގެނެސްދިނުން އަމާޒަކީ،" ތޯއިފް ބުންޏެވެ.

ބޭނުންވާ މިސްރާބަށް ކުރިއަށް ދިއުމުގައި ޒަޔާނާއި ތޯއިފަށް ލިބޭ އެންމެ ބޮޑު ފަސޭހަ އަކީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ވާދަކޮށް، އެކި ލެވަލްގެ ކުޅުންތެރިންނާ އެކު ކުޅެގެން ތަޖުރިބާ ހޯދައި، ކަންކަން ދަސްކުރުމެވެ. އެ ހުރިހާ ކަމަކަށް ބަލައި، ކުރިއަށް ހުރި އިންޓަނޭޝަނަލް މުބާރާތްތަކާ ޒަޔާނާއި ތޯއިފް ވެސް ކުރިމަތިލާނީ ބޮޑު އަމާޒަކާ އެކު އެވެ.